Advertisement
ކ. މާލެ
|
8 ޑިސެންބަރ 2025 | ހޯމަ 13:13
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އަދި ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އަދި ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ
ރޮއިޓަރސް
ފީފާ
ފީފާގެ އިނާމު ޓްރަމްޕް އަށް: ވަކި އަތަކަށް ނުޖެހޭ ސިޔާސަތާ މެދު ސުވާލު ތަކެއް
އެކަމާ ގުޅޭ ގޮތުން ވާހަކަ ދައްކާފައިވާ އެކަކީ އދ ގެ ކުރީގެ އޮފިޝަލެއް ކަމަށްވާ ކްރެއިގް މޮކިބާ. އޭނާ އަކީ، އިސްރާއީލް އިން ޣައްޒާގައި ހިންގަމުން އަންނަ ހަނގުރާމައިގެ ކުށްތަކުގެ ސަބަބުން، ބައިނަލްއަޤުވާމީ ފުޓުބޯޅަ އިން އިސްރާއީލް ސަސްޕެންޑު ކުރުމަށް ވެސް ގޮވާލަމުން އައި މީހެއް. އޭނާ ބުނެފައި ވަނީ، ފީފާ އިން ޓްރަމްޕް އަށް އެ އިނާމު ދިނުމަކީ ހަގީގަތުގައި ވެސް ލަދުވެތި ކަމެއް ކަމަށް.

ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ (ފީފާ) އިން ގިނަ ފަހަރު ސިޔާސީ މެސެޖުތައް ދައްކާ ކުޅުންތެރިން ޖޫރިމަނާ ކުރުމާއި، އެ ކުޅުންތެރިން ސަސްޕެންޑު ކުރުމުގެ ސިޔާސަތެއް ގެންގުޅެ އެވެ. މިއީ ފީފާ އިން ދިގު މުއްދަތަކަށް ބައްޓަން ކުރަމުން އައި، ސިޔާސީ ގޮތުން ވެސް ވަކި އަތަކަށް ނުޖެހޭ ސިޔާސަތުގެ ދަށުން ކުރަމުން އައި ކަމެކެވެ.

ނަމަވެސް، މިދިޔަ ހުކުރު ދުވަހު ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވަނީ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަށް އިނާމެއް އަރުވައިފަ އެވެ. ފީފާ ވޯލްޑް ކަޕް ފުޓުބޯޅަ މުބާރާތުގެ ގުރު ނެގުމަށް ބޭއްވި ރަސްމިއްޔާތުގައި އިންފަންޓީނޯ ވަނީ، ފީފާގެ ސުލްޙައިގެ އިނާމު ޓްރަމްޕް އަށް އަރުވައިފަ އެވެ.

އެކަމާ ފާޑު ކިޔާ ފަރާތްތަކުން ބުނެފައިވާ ގޮތުގައި، ފީފާ އިން ޓްރަމްޕް އަށް އެ އިނާމު ދީފައި ވަނީ، އޭނާގެ ސަރުކާރުން ކެރީބިއަން ސަރަހައްދުގައި ދިން ހަމަލާ ތަކެއްގައި އިތުރު ބަޔަކު މަރާލިތާ، 24 ގަޑިއިރު ނުވަނީހެވެ.

އެކަމާ ގުޅޭ ގޮތުން ވާހަކަ ދައްކާފައިވާ އެކަކީ އދ ގެ ކުރީގެ އޮފިޝަލެއް ކަމަށްވާ ކްރެއިގް މޮކިބާ އެވެ. އޭނާ އަކީ، އިސްރާއީލް އިން ޣައްޒާގައި ހިންގަމުން އަންނަ ހަނގުރާމައިގެ ކުށްތަކުގެ ސަބަބުން، ބައިނަލްއަޤުވާމީ ފުޓުބޯޅަ އިން އިސްރާއީލް ސަސްޕެންޑު ކުރުމަށް ވެސް ގޮވާލަމުން އައި މީހެކެވެ. އޭނާ ބުނެފައި ވަނީ، ފީފާ އިން ޓްރަމްޕް އަށް އެ އިނާމު ދިނުމަކީ ހަގީގަތުގައި ވެސް ލަދުވެތި ކަމެއް ކަމަށެވެ.

އިސްރާއީލް އަށް ފިޔަވަޅު އެޅުމަށް އެތައް ޤައުމު ތަކަކުން ގޮވާލަމުން ދިޔަ ނަމަވެސް، ފީފާ އިން އެ ފަދަ ނިންމުމެއް ނިންމާފައި ނުވެ އެވެ. އެކަމާ ގުޅޭ ގޮތުން އިންފަންޓީނޯ ވިދާޅުވެފައި ވަނީ، ފުޓުބޯޅަ އިން ޖިއޯ ޕޮލިޓިކަލް މައްސަލަތައް ހައްލު ނުކުރެވޭނެ ކަމަށެވެ.

އަަލް ޖަޒީރާއާ ވާހަކަ ދައްކަމުން މޮކިބާ ބުނެފައި ވަނީ، ފަލަސްޠީީނުގައި ދެ އަހަރު ދުވަސް ވަންދެން ކުރިއަށް ގެންދިޔަ ނަސްލު ނައްތާލުމުގެ ޖަރީމާތައް ފީފާ އަށް ފެނިފައި ނުވާ ކަމަށެވެ. އަދި އޭގެ ފަހުން އިންފަންޓީނޯ އާއި އޭނާގެ ބައިވެރިން، ޓްރަމްޕްގެ ރުހުން ހޯދުމަށް ސުލްޙައިގެ އިނާމެއް ދޭން ފެށީ ކަމުގައި އޭނާ ފާހަގަ ކުރި އެވެ.

އޭނާ ބުނީ ފީފާ އިން ޓްރަމްޕް އަށް އެ އިނާމު ދިނުމުގެ މަޤުސަދަކީ، ޓްރަމްޕް އިސްރާއީލް އަށް ކުރަމުން އަންނަ ތާއީދާއި، ކެރީބިއަން ކަނޑުގައި ބޯޓު ތަކަށް އަމާޒުކޮށް ހަމަލާދީ މީހުން މެރުމާއި އަދި އެމެރިކާގެ އެތެރޭގައި އިންސާނީ ހައްގުތަކާ ދެކޮޅަށް ހިންގާ ބޮޑެތި ކަންކަން ފޮރުވުން ކަމަށެވެ.

ސުލްޙައިގެ އިނާމު ޓްރަމްޕްއާ ހަވާލު ކުރެއްވުމަށް ފަހު އިންފަންޓީނޯ ވަނީ، ޓްރަމްޕްގެ ބައިނަލްއަޤުވާމީ ސިޔާސަތު، ނުވަތަ އެއްބަސްވުން ތަކަށް ތާއީދު އޮތްކަން ފާޅު ކުރައްވައި ވާހަކަ ދައްކަވައިފަ އެވެ. އޭގެ ތެރޭގައި އިސްރާއީލް އާއި، ބައެއް ޢަރަބި ޤައުމު ތަކުގެ ދެމެދުގައި ގުޅުން ޤާއިމު ކުރި އިބްރާމީމް އެކޯޑްސް ވެސް ހިމެނެ އެވެ. ނަމަވެސް، އެ އެއްބަސްވުމުން ފަލަސްޠީނުގެ ދައުލަތުގެ މައްސަލަ އަށް ޙައްލު ލިބިފައި ނުވެ އެވެ.

އިންފަންޓީނޯ ވިދާޅުވެފައި ވަނީ ލީޑަރެއްގެ ފަރާތުން ފެންނަން ބޭނުންވާ ހުރިހާ ސިފަ ތަކެއް ޓްރަމްޕްގެ ކިބައިން ފެނިވަޑައިގަންނަވާ ކަމަށެވެ. ޚާއްސަކޮށް ޓްރަމްޕް އަކީ، ރައްޔިތުންގެ ކަންބޮޑުން ތަކަށް ޙައްލު ހޯއްދަވައި، ހިތުން ހިތަށް މަސައްކަތް ކުރައްވާ ލީޑަރެއް ކަމަށް ވެސް ފާހަގަ ކުރެއްވި އެވެ. އެކަން ފާހަގަ ކުރައްވައި އިންފަންޓީނޯ ވިދާޅުވީ، އެންމެން ވެސް ބޭނުން ވަނީ ސަލާމަތީ ދުނިޔެއްގައި، ރައްކާތެރިކަމާ އެކު އުޅެވޭނެ މާހައުލެއް ކަމަށެވެ.

ހަމަ އެހެންމެ، އެންމެން ވެސް މެދުގައި ވެސް އެކުވެރިކަން އޮންނަން ބޭނުންވާކަން ފާހަގަ ކުރައްވަމުން އިންފަންޓީނޯ ވިދާޅުވެފައި ވަނީ، ވޯލްޑް ކަޕްގެ އެންމެ ބޮޑު މަޤުސަދަކީ ވެސް އެއީ ކަމަށެވެ. އެންމެން އެއްތަން ކުރުވައި، އެކުވެރިކަމާއި، އެއްބައިވަންތަކަމާ އެކު ކަންކަން ޙާސިލު ކުރައްވަން ބޭނުންވާ ކަމަށް ވެސް އިންފަންޓީނޯ ވިދާޅުވެފައިވެ އެވެ.

އެއަށްފަހު ޓްރަމްޕްއާ މުޚާތަބު ކުރައްވައި އިންފަންޓީނޯ ވިދާޅުވެފައި ވަނީ، ހަމަ ހަގީގަތުގައި ވެސް ސުލްޙައިގެ އިނާމު އޭނާ އަށް ހައްގުވާ ކަމަށެވެ. ޚާއްސަކޮށް ޓްރަމްޕް ކަންތައް ކުރައްވަމުން އަންނަ ގޮތާއި، މިހާތަނަށް ޓްރަމްޕްގެ އިސް ނެންގެވުމުގެ ދަށުން ޙާސިލު ކޮށްފައިވާ ކަންކަން ފާހަގަވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ޓްރަމްޕް އެކަންކަން ޙާސިލު ކުރައްވާފައި ވަނީ ހައިރާން ކުރުވަނިވި ގޮތެއްގައި ކަމަށް އިންފަންޓީނޯ ވިދާޅުވި އެވެ.

ފީފާ އިން ސުލްޙައިގެ އިނާމު ތައާރަފު ކުރުމަށް ފަހު ޓްރަމްޕް އަށް އެ އިނާމު އަރުވާފައިވާއިރު، މިއަހަރުގެ ނޯބެލް ސުލްޙައިގެ އިނާމަށް ވެސް ޓްރަމްޕް ވަނީ ވާދަ ކުރައްވައިފަ އެވެ. ޓްރަމްޕް އަށް ތާއީދު ކުރާ ބައެއް ޤައުމު ތަކުން، މިއަހަރުގެ ނޯބެލް ސުލްހައިގެ އިނާމަށް އޭނާގެ ނަން ހުށަހެޅި ނަމަވެސް، ޓްރަމްޕް އަށް އިނާމު ލިބިވަޑައިގެންފައި ނުވެ އެވެ.

އިނާމު ލިބިވަޑައިގެންނެވުމުން ޓްރަމްޕް ވިދާޅުވެފައި ވަނީ، ފީފާގެ ސުލްޙައިގެ އިނާމު ލިބިވަޑައިގެންނެވުމަކީ އޭނާ އަށް ލިބުނު ބޮޑު ޝަރަފެއް ކަމަށެވެ. އަދި އެއީ އޭނާގެ ޙަޔާތުގައި ވެސް މިހާތަނަށް ލިބުނު އެންމެ ޝަރަފުވެރި އެއް އިނާމު ކަމަށް ޓްރަމްޕް ފާހަގަ ކުރައްވާފައިވެ އެވެ. އެއާއެކު ޓްރަމްޕް ވިދާޅުވީ، އޭނާގެ ރައީސް ކަމުގައި ހަތަރު މިލިއަނެއްހާ މީހުންގެ ފުރާނަ ސަލާމަތްކޮށް، ހަ ހަނގުރާމައެއް ނިންމުމަށް މަސައްކަތްކޮށް، އެކަން ކާމިޔާބު ކޮށްފައިވާ ކަމަށެވެ.

މީގެ ކުރިއަށް ބަލާއިރު، ފުޓުބޯޅައިގެ ތެރެއަށް ސިޔާސީ ކަންކަން ވައްދާތީވެ، އިންފަންޓީނޯ ވަނީ އެކަމަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ. އަދި ފުޓުބޯޅަ ބޭނުން ކޮށްގެން ބައިބައިވުން އުފެއްދުމަށް ބަޔަކު މަސައްކަތް ކުރާ ކަމަށް ވެސް ވިދާޅުވެފައިވެ އެވެ. 2023 ވަނަ އަހަރު އިންފަންޓީނޯ ވިދާޅުވެފައި ވަނީ، ސިޔާސީ ކަންކަމުން ކުޅިވަރު ދުރުކޮށް، ވަކި އަތަކަށް ނުޖެހޭ ސިޔާސަތުތައް ގެންގުޅެން ޖެހޭ ކަމަށެވެ.

އެހެން ނަމަވެސް، އޭގެ ދެ އަހަރު ފަހުން އިންފަންޓީނޯ މި ވަނީ، ސުލްޙައިގެ އިނާމުގެ ނަމުގައި އިނާމެއް ތައާރަފު ކުރައްވައި ޓްރަމްޕް އަށް އިނާމު ދެއްވައިފަ އެވެ. ފުޓުބޯޅައިގެ އެންމެ ޝަރަފުވެރި އެއް ރަސްމިއްޔާތުގައި އެ އިނާމު އަރުވާފައި ވަނީ، ސޯމާލިއާގެ ރައްޔިތުންނަކީ "ކުނި" ކަމަށް ސިފަ ކުރައްވާފައިވާ ޓްރަމްޕް އަށެވެ.

އެކަމާ ގުޅޭ ގޮތުން ފުޓުބޯޅަ ނޫސްވެރިއެއް ކަމަށްވާ ޒެކް ލޯވީ އޭނާގެ ސޯޝަލް މީޑިއާގައި ބުނެފައި ވަނީ، ސުލްޙައިގެ އިނާމު ޓްރަމްޕް އަށް ދިނުމަކީ، ކުޅުންތެރިންގެ ކަންފަތުގައި ދަތް އަޅާތީ އުރުގުއޭގެ ލުއިސް ސުއަރޭޒް އަށް އިނާމެއް ދިނުން ކަހަލަ ކަމެއް ކަމަށެވެ.

ޓްރަމްޕް އާއި އިންފަންޓީނޯއާ ދެމެދު ވަރަށް ގާތް ގުޅުމެއް އޮންނަކަން މި ފަހުން ވަނީ ފާހަގަ ވެގެން ގޮސްފަ އެވެ. އެގޮތުން އިންފަންޓީނޯ ވަނީ އެކި ފަހަރު މަތިން އެމެރިކާގެ ރިޔާސީ ގަނޑުވަރު، ވައިޓް ހައުސް އަށް ވެސް ވަޑައިގެންފަ އެވެ. އަދި ޣައްޒާ ހަނގުރާމަ ހުއްޓާލުމަށް ސުލްޙައިގެ އެއްބަސްވުމުގައި ސޮއި ކުރުމަށް މިޞްރުގެ ޝަރަމް އަލް ޝައިޚުގައި އޮތް ހަފްލާގައި ވެސް އިންފަންޓީނޯ ވަނީ ބައިވެރިވެ ވަޑައިގެންފަ އެވެ.

ޓްރަމްޕް އަށް އިނާމު ދިނުމާ ގުޅިގެން އެތައް ބަޔަކު ފާޑު ކިޔާފައިވާއިރު، އޭގެ ތެރޭގައި އެމެރިކާގެ އިދިކޮޅު ޕާޓީ ކަމަށްވަ ޑިމޮކްރަޓިކް ޕާޓީ ވެސް ހިމެނެ އެވެ. އެ ޕާޓީ އިން ސޯޝަލް މީޑިއާގައި ބުނެފައި ވަނީ، ޓްރަމްޕް އަށް ނޯބެލް ސުލްޙައިގެ އިނާމު ނުލިބުމުން، ފީފާ އިން އިނާމެއް އުފައްދައި، ޓްރަމްޕް އަށް ދިނީ ކަމަށެވެ.

މަސްދަރު: އަލް ޖަޒީރާ
- ކޮމެންޓް