Advertisement
ކ. މާލެ
|
6 ޑިސެންބަރ 2025 | ހޮނިހިރު 12:15
ކެނެޑާގެ ބޮޑު ވަޒީރު މާކް ކާނީ
ކެނެޑާގެ ބޮޑު ވަޒީރު މާކް ކާނީ
ރޮއިޓަރސް
ކެނެޑާ-ސީރިއާ
ސީރިއާއާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތައް ކެނެޑާ އިން ވެސް އުވާލައިފި
ސީރިއާ އަކީ ޓެރަރިޒަމް އަށް ތާއީދު ކުރާ ޤައުމެއްގރ ގޮތުގައި ކެނެޑާ އިން ކަނޑައެޅީ 2012 ވަނަ އަހަރު އެވެ. އެއީ ސީރިއާގެ އޭރުގެ ރައީސް އައްސަދުގެ ސަރުކާރުން ޑިމޮކްރަސީ އަށް ގޮވާލައި ކުރި މުޒާހަރާތައް ރުޅާލުމަށް ހަތިޔާރު ބޭނުންކޮށް، އެ ޤައުމު ހަނގުރާ އަކަށް ވައްޓާލުމުގެ ސަބަބުންނެވެ.

ސީރިއާއާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަަޅުތައް އުވާލަން ކެެނެޑާ އިން ނިންމައިފި އެވެ.

ކެނެޑާ އިން ވަނީ، ސީރިއާ އަކީ ޓެރަރިޒަމް އަށް ތާއީދު ކުރާ ޤައުމެއް ކަމަށް ކަނޑައަޅާފައި އޮތް އޮތުން އުވާލައި، ޓެރަރިޒަމްގެ ޤައުމު ތަކުގެ ލިސްޓުން ވެސް އެ ޤައުމުގެ ނަން އުނި ކޮށްފަ އެވެ. އަދި ޙަޔާތު ތަހްރީރް އަލް ޝާމް (އެޗްޓީއެސް) އަކީ ޓެރަރިސްޓް ޖަމާއަތެއް ކަމަށް ކަނޑައަޅާފައި އޮތް އޮތުން ވެސް ވަނީ އުވާލައިފަ އެވެ. އެއާ އެކު، ސީރިއާއާ ދެކޮޅަށް އަޅާފައިވާ ދަތި ކުރުމުގެ ފިޔަވަޅުތައް ލުއި ކުރި ޤައުމު ތަކުގެ ލިސްޓަށް ކެނެޑާ ވަނީ އިތުރުވެފަ އެވެ.

އެޗްޓީއެސް އިން ވަނީ، ސީރިއާގެ ކުރީގެ ރައީސް ބައްޝާރު އަލް އައްސަދުގެ ވެރިކަން ނިމުމަކަށް ގެނެސް، އެ ޤައުމުގެ ވެރިކަމަށް އިސްވެފަ އެވެ. 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި އައްސަދުގެ ވެރިކަން ވައްޓާލުމަށް ފަހު، މިހާރު ސީރިއާގެ ރައީސް ކަމުގެ މަޤާމުގައި ހުންނެވީ އަޙުމަދު އަލް ޝަރާ އެވެ.

ކެނެޑާގެ ފޮރިން މިނިސްޓްރީ އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، އެ ނިންމުން ނިންމާފައި ވަނީ އެކަމާ މެދު ވަރަށް ބޮޑަށް ވިސްނުމަށް ފަހު ކަމަށެވެ. އެ ނިންމުން ނިންމާފައި ވަނީ ކެނެޑާއާ އެކުވެރި ޤައުމުތައް ކަމަށްވާ، އެމެރިކާ، އިނގިރޭސިވިލާތް ފަދަ ޤައުމު ތަކުން ނިންމާފައިވާ ނިންމުމާ އެއްގޮތަށް ކަމަށް ވެސް ބުނެފައިވެ އެވެ.

އަދި ހަމަ އެހެންމެ، އެއީ ސީރިއާގެ މިހާރުގެ ސަރުކާރުން އެ ޤައުމުގައި ސުލްޙަ ޤާއިމު ކުރުމަށާއި، އަމާންކަން ދެމެހެއްޓުމަށް ކުރަމުން އަންނަ މަސައްކަތް ތަކަށް ރިއާޔަތް ކުރުމަށް ފަހު ނިންމާފައިވާ ނިންމުމެއް ކަމަށް، ކެނެޑާގެ ފޮރިން މިނިސްޓްރީގެ ބަޔާނުގައި ވަނީ ބުނެފަ އެވެ.

ސީރިއާ އަކީ ޓެރަރިޒަމް އަށް ތާއީދު ކުރާ ޤައުމެއްގރ ގޮތުގައި ކެނެޑާ އިން ކަނޑައެޅީ 2012 ވަނަ އަހަރު އެވެ. އެއީ ސީރިއާގެ އޭރުގެ ރައީސް އައްސަދުގެ ސަރުކާރުން ޑިމޮކްރަސީ އަށް ގޮވާލައި ކުރި މުޒާހަރާތައް ރުޅާލުމަށް ހަތިޔާރު ބޭނުންކޮށް، އެ ޤައުމު ހަނގުރާ އަކަށް ވައްޓާލުމުގެ ސަބަބުންނެވެ.

އެޗްޓީއެސް ޖަމާއަތަކީ އަލް ޤައިދާއާ ގުޅުން ހުރި ޖަމާއަތެއްގެ ގޮތުގައި ކަނޑައަޅައި، ބައިނަލްއަޤުވާމީ ވަރަށް ގިނަ ޤަައުމު ތަކުން ވަނީ އެ ޖަމާއަތާ ދެކޮޅަށް ފިޔަވަޅު އަޅާއިފަ އެވެ. ނަމަވެސް، ސީރިއާގެ އައު ސަރުކާރާ އެކު މަސައްކަތް ކުރުމަށް ފަސޭހަ ވުމުގެ ސަބަބުން، ވެސްޓާން ޤައުމު ތަކުގެ ތެރެއިން ގިނަ ޤައުމު ތަކަކުން ވަނީ އެ ޖަމާއަތް ޓެރަރިސްޓު ލިސްޓުން އުނި ކޮށްފަ އެވެ.

ސީރިއާގެ އައު ސަރުކާރުން މިހާރު އަންނަނީ ބައިނަލްއަޤުވާމީ ގޮތުން އެތައް ޤައުމަކާ ގުޅުން ބަދަހި ކުރުމަށް މަސައްކަތް ކުރަމުންނެވެ. ޤައުމުތަކާ އެކު ގުޅުން ބަދަހިކޮށް، ސީރިއާ އާރާސްތު ކުރުމުގެ މަސައްކަތް އަލް ޝަރާގެ ސަރުކާރުން އަންނަނީ ކުރަމުންނެވެ. އަލް ޝަރާ އާއެކު މަޝްވަރާ ކުރުމަށް ފަސޭހަ ވެފައިވާ ކަމަށް ގިނަ ޤައުމު ތަކުގެ ވެރިން ވެސް ވަނީ ފާހަގަ ކޮށްފަ އެވެ.

ކެނެޑާގެ ފޮރިން މިނިސްޓްރީގެ ބަޔާނުގައި އިތުރަށް ބުނެފައި ވަނީ، ސީރިއާގެ 56 ފަރުދަކާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތައް ވެސް އުވާލާފައިވާ ކަމަށެވެ. އެ ލިސްޓުގައި ހިމެނޭ ފަރާތްތަކުގެ ތެރޭގައި ކުރީގެ ރައީސް އައްސަދުގެ ސަރުކާރުގެ އިސްވެރިންނާއި، އޭނާގެ އާއިލާ މެމްބަރުން ވެސް ހިމެނެ އެވެ.

ކެނެޑާގެ މި ނިންމުމުގެ ސަބަބުން ސީރިއާ އަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމާއި، އިޤްތިސާދީ ގުޅުން އަލުން ބިނާ ކުރުމަށް ބައިނަލްއަޤުވާމީ މުޖުތަމަ އަށް ފަސޭހަ ވާނެ ކަމަށް ބެލެވިފައިވެ އެވެ.

މަސްދަރު: އޭއެފްޕީ
- ކޮމެންޓް