އިރާނުގެ ދައުލަތުގެ އަސްކަރިއްޔާ - އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައި.އާރް.ޖީ.ސީ.) އަކީ ޓެރަރިޒަމަށް އެހީތެރިވާ ޖަމާއަތެއް ކަމަށް އޮސްޓްރޭލިއާ އިން ކަނޑައަޅައިފި އެވެ.
މިކަން ބުރާސްފަތި ދުވަހު ހާމަކުރެއްވީ އެ ޤައުމުގެ ފޮރިން މިނިސްޓަރ ޕެނީ ވޮންގްއެވެ.
މި ގޮތައް އޮސްޓްރޭލިއާ އިން ނިންމީ، އެ ގައުމުގެ ޔަހޫދީ ކޮމިއުނިޓީއަށް ދިން ހަމަލާތައް އައި.އާރް.ޖީ.ސީ.އިން ރާވައި ހިންގާފައިވާ ކަމަށް ބުނާ އިންޓެލިޖެންސް ރިޕޯޓަކަށް ފަހުގައި ކަމަށް އެ ގައުމުން ބުނެފައިވެއެވެ.
އޮސްޓްރޭލިއާ އިން އޮގަސްޓް މަހު އިރާނަށް ތުހުމަތުކުރީ ސިޑްނީ އާއި މެލްބަންގެ ސިޓީތަކުގައި ދެ ފަހަރެއްގެ މަތިން ޔަހޫދީންނާ ދެކޮޅަށް ރާވައިގެން ދިން ހަމަލާތަކުގައި ބައިވެރިވެފައިވާ ކަމަށެވެ.
އަންގާރަ ދުވަހު އޮސްޓްރޭލިއާ އިން ވަނީ އެ ގައުމުގައި ހުންނަވާ ތެހެރާނުގެ ސަފީރު ފުރައިގެން ދިއުމަށް ހަތް ދުވަހުގެ މުއްދަތެއް ދީފަ އެވެ.
މިއީ ދެވަނަ ބޮޑު ހަނގުރާމައަށްފަހު އޮސްޓްރޭލިއާ އިން މިފަދަ ކަމެއް ކުރި ފުރަތަމަ ފަހަރެވެ.