އިސްރާއީލް އިން ސީރިއާގެ ކަންކަމުގެ ތެރެއަށް ނުވަނުމަށާއި، ސީރިއާ އަށް އަމާޒުކޮށް ދެމުން އަންނަ ހަމަލާތައް ހުއްޓާލުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގޮވާލައްވައިފި އެވެ.
ޓްރަމްޕް މިހެން ގޮވާލައްވާފައި ވަނީ އިސްރާއީލްގެ އަސްކަރިއްޔާ އިން ސީރިއާގެ ދެކުނުގައި ދިން ހަމަލާއެއްގައި ގިނަ އަދަދެއްގެ ބަޔަކު މަރުވެފައި ވަނިކޮށެވެ. ޓްރަމްޕް ވިދާޅުވީ، އިސްރާއީލް އިން ސީރިއާގެ އައު ވެެރިކަމާ ދެކޮޅަށް އަޅާފަައިވާ ފިޔަވަޅުތައް ވެސް ނަގަން ޖެހޭ ކަމަށެވެ.
ޓްރަމްޕް، އޭނާާގެ ޓުރުތު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިސްރާއީލް އިން ސީރިއާއާ ހަގީގީ ވާހަކަރައް ދައްކަން ޖެހޭ ކަމަށާއި، އިސްރާއީލް އިން ސީރިއާ އާއެކު ގުޅުން ދެމެހެއްޓުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ. އަދި ސީރިއާ އަކީ ކުރިއަރަމުންދާ، ފުދުންތެރި ޤައުމަކަށް ވުމަށް ކުރަމުން އަންނަ މަސައްކަތަށް ހުރަސް ނޭޅުމަށް ވެސް އެ ޕޯސްޓުގައި ޓްރަމްޕް ވަނީ ގޮވާލައްވައިފަ އެވެ.
ޓްރަމްޕްގެ މި ޕޯސްޓާ ގުޅިގެން، އިސްރާއީލްގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫގެ އޮފީހުން ބުނެފައި ވަނީ، ނަތަންޔާހޫ އާއި ޓްރަމްޕް ފޯނުން ގުޅުއްވައި މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ.
މީގެ އިތުރުން ޓްރަމްޕް ވިދާޅުވެފައި ވަނީ، ސީރިއާގެ މިހާރުގެ ރައީސް އަޙުމަދު އަލް ޝަރާގެ ވެރިކަމުން ކުރަމުން އަންނަ މަސައްކަތްތަކާ މެދު އޭނާ ވަރަށް ބޮޑަށް ހިތްހަމަ ޖެހިވަޑައިގަންނަވާ ކަމަށެވެ. ޓްރަމްޕް މިހެން ވިދާޅުވެފައިވާއިރު، ނިމުނު ނޮވެމްބަރު މަހުގެ ތެރޭގައި އަލް ޝަރާ ވަނީ، އެމެރިކާގެ ރިޔާސީ ގަނޑުވަރު ވައިޓް ހައުސް އަށް ވަޑައިގެން ޓްރަމްޕްއާ ބައްދަލު ކުރައްވައިފަ އެވެ.
ސީރިއާގެ ކުރީގެ ރައީސް ބައްޝާރު އަލް އައްސަދުގެ ވެރިކަން ނިމުމަކަށް ގެނައުމަށް ފަހު، އަލް ޝަރާ އެ ޤައުމުގެ ވެރިކަމާ ހަވާލުވެފައި ވަނީ 2024 ވަނަ އަހަރުގެ ފަހު ކޮޅު އެވެ. ސީރިއާއާ ދެކޮޅަށް އެމެރިކާ އިން އަޅާފައިވާ ފިޔަވަޅުތައް ލުއި ކުރައްވާނެ ކަމަށް ޓްރަމްޕް ވިދާޅުވެފައިވާއިރު، އިސްރާއީލް އާއި ސީރިއާއާ ދެމެދު ސަލާމަތީ އެއްބަސްވުމެއް އެކުލަވާލުމުގެ މަސައްކަތް ވެސް ޓްރަމްޕް ގެންދަވަނީ ކުރައްވަމުންނެވެ.
ނަމަވެސް، ސީރިއާ އަށް އަމާޒުކޮށް އިސްރާއީލް އިން ދެމުން އަންނަ ހަމަލާ ތަކުގެ ސަބަބުން ދެ ޤައުމުގެ ދެ މެދުގައި ވަނީ ނުތަނަވަސްކަން އިތުރުވެފަ އެވެ. މިހާތަނަށް އިސްރާއީލް އިން ސީރިއާ އަށް އަމާޒުކޮށް ގިނަ ހަމަލާ ތަކެއް ދީފައިވާއިރު، އެންމެ ފަހުން މިދިޔަ ހުކުރު ދުވަހު ދިން ހަމަލާގައި ވެސް ވަނީ 13 މީހުން މަރުވެފަ އެވެ. އެ ހަމަލާއާ ގުޅިގެން އިސްރާއީލް އިން ބުނެފައި ވަނީ، ހަމަލާ އަމާޒު ކޮށްފައި ވަނީ ހަނގުރާމަވެރި ޖަމާއަތަކަށް ކަމަށެވެ.
ޓްރަމްޕް ވިދާޅުވެފައި ވަނީ އަލް ޝަރާ ގެންދަވަނީ ރަނގަޅު މަގުން ކަންކަން ކުރައްވަމުން ކަމަށާއި، ކަންކަން ރަނގަޅު ކުރެއްވުމަށް އޭނާ ވަރަށް ބުރަކޮށް މަސައްކަތް ކުރައްވާ ކަމަށެވެ. އަދި ވިދާޅުވީ ސީރިއާ އާއި އިސްރާއީލްއާ ދެމެދު ދިގު މުއްދަތެއްގެ ފުދުންތެރި ގުޅުމެއް ޤާއިމު ވެސް ކުރެވޭނެ ކަމަށެވެ. ހަނގުރާމައިގެ ސަބަބުން ސީރިއާ އަށް އެތައް ގެއްލުން ތަކެއް ލިބިފައިވާއިރު، އަލް ޝަރާގެ ސަރުކާރުން ގެންދަނީ އެ ޤައުމު އާރާސްތު ކުރުމުގެ މަސައްކަތް ކުރަމުންނެވެ.
ސީރިއާގެ ވެރިކަމަށް ވަޑައިގެންނެވުމަށް ފަހު، އަލް ޝަރާ ގެންދަވަނީ ސީރިއާ އާއި ބައިނަލްއަޤުވާމީ މުޖުތަމައާ ދެމެދު އޮންނަ ގުޅުން ރަނގަޅު ކުރުމަށް މަސައްކަތް ކުރައްވަމުންނެވެ. އެގޮތުން ޤައުމުތަކާ އެކު ގުޅުން ބަދަހިކޮށް، ސީރިއާ އަކީ ދުނިޔެ އަށް ހުޅުވާލެވިފައިވާ ޤައުމަކަށް ހެދުމުގެ މަސައްކަތް އަލް ޝަރާ ގެންދަވަނީ ކުރައްވަމުންނެވެ.