"ވާނުވާ ބަންދު" ނުވަތަ ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ ފަރާތްތަކަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ވެވަޑައިގަންނަވާފައިވާ ވައުދުތައް ނުފުއްދާތީ ޒުވާނެއްގެ އަސަރުގަދަ މެސެޖެއް ރައީސް އަށް އިއްވައިފި އެވެ.
އެ ޒުވާނާ މިފަދަ މެސެޖެއް މުއިއްޒު އަށް ދީފައި ވަނީ ރައީސް މުއިއްޒު މާފަންނުގެ ރައްޔިތުންނާއި ބައްދަލުކުރައްވަން ހުކުރު ވިލޭރޭ ބޭއްވި ޖަލްސާގަ އެވެ. އެ ޒުވާނާ ވަނީ ރައީސް ޑރ.މުއިއްޒު ގެ ވައުދާއި އެއްގޮތަށް ވާނުވާ ނުވަތަ ޝަރީއަތް ނިމެންދެން މީހުން ބަންދުގައި ބޭތިއްބުން ނިމުމަކަށް ގެނެސްފައި ނުވާތީ އެކަމާއި މެދު ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
މީގެ އިތުރުން ޖަލުގައި ވާނުވާ ބަންދުގައި ހުއްޓާ މި ވެރިކަމުގައި މީހަކު މަރުވެފައިވާތީ އެކަމަށް އިޝާރާތްކޮށް އެ ޒުވާނާ ބުނީ އެ ޒުވާނާ މަރުވީ ރައީސްގެ އިހުމާލު ވެސް އޮވެގެން ކަމަށެވެ. ވާނުވާ ބަންދު ރިވިއުކުރުމުގެ މަރުހަލާ އޮތް ގޮތަށް ވެސް އޭނާ ވަނީ ފާޑުކިޔާފަ އެވެ. ވާނުވާ ބަންދުގައި 11 ވަރަކަށް އަހަރު ވެފައި ތިބި މީހުން ތިބިކަން ފާހަގަކޮށް އެ ޒުވާނާ ވަނީ އިންސާފު ހޯދާދިނުމަށް އެދިފަ އެވެ.
"ﷲ ޖަމީލްބެގެ ފުރާނަ އަށް ސުވަރުގޭގެ ނިއުމަތް ލައްވާށި. ނަފްސާނީ ބަލި މީހެއްގެ ގޮތުގައި އެތައް ދުވަހެއް ވާނުވާ ބަންދުގައި ވެފައި އެ އަނިޔާގައި ނިޔާވީ. މިއީތޯ އެސެސްމެންޓްގެ ފެންވަރަކީ؟ ރިޕޯޓްތަކުން އެނގެން އެބަ ހުރި ސީދާ މިނިސްޓަރ އިހުސާން އަށް ނަފްސާނީ ބަލިމީހެއްކަން އެނގި ހުރެ ދޫ ނުކުރިކަން. މިއަދު ރައީސާއި މިނިސްޓަރުންނަށް ސަލާމަތް ވެވިދާނެ." އެ ޒުވާނާ ވަނީ ބުނެފަ އެވެ.
މީގެ އިތުރުން ވާނުވާ ބަންދުގެ ރެކޯޑެއް ހެދީ މުއިއްޒުގެ ސަރުކާރުން ކަމަށާއި ސަރުކާރުގެ ނިއްކުރީގައި އަނިޔާވެރިކަމުގެ ލައްގަނޑެއް ޖެހިފައިވާ ކަމަށް ވެސް އެ ޒުވާނާ ވަނީ ބުނެފަ އެވެ. އެ ޒުވާނާ ވަނީ ﷲ އަށް ބިރުވެތިވުމަށް ރައީސް ޑރ.މުއިއްޒު އާއި ސަރުކާރަށް ގޮވާލާފަ އެވެ.
"ކޮބާތޯ ވާނުވާ އުވާލަން ބުނި ވައުދު؟ ވެރިކަމަށް 100 ދުވަސް ތެރޭގައި އުވާލާނަމޭ ބުނި ވާނުވާ ވައުދު ދެ އަަހަރު ވީ އިރު ވެސް އުވާ ނުލެވޭ. މިއީ ވާނުވާ ރާއްޖެ އެއް ނޫންތޯ؟" އެ ޒުވާނާ ވަނީ ބުނެފަ އެވެ.
އެ ޒުވާނާ ވަނީ ރައީސް މުއިއްޒު އާއި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔާފަ އެވެ. އަދި ބާރުގަދަ މީހުންނަށް އިންސާފު ލިބޭ ގޮތް ތަފާތުވާތީ އެކަމަށް ވެސް އެ ޒުވާނާ ވަނީ ފާޑުކިޔާފަ އެވެ. އެގޮތުން މާލޭގެ އުސް އިމާރާތަކުން ޒުވާނަކު ވެއްޓުމުން އެ ހާދިސާގައި ފުލުހުން އަމަލުކުރި ގޮތް ފަދަ ސުވާލު އުފެދޭ ކަންކަން ހުރި ކަަމަށް އޭނާ ވަނީ ފާހަގަކޮށްފަ އެވެ. މީޑިއޭޓަރ ދެ ތިން ފަހަރު، އެ ޒުވާނާގެ ވާހަކަ ހުއްޓުވަން މަސައްކަތް ކުރި އެވެ. ނަމަވެސް އެ ޒުވާނާ ފުރުސަތު ނުދިނުމުން ހިތްހަމަނުޖެހުން ފާޅުކުރަން ފެށުމުން އޭނާ އަށް ވާހަކަ ކުރިއަށް ގެންދިއުމަށް ފުރުސަތު ދީފައިވެ އެވެ.