Advertisement
ކ. މާލެ
|
2 ޑިސެންބަރ 2025 | އަންގާރަ 18:16
ރައީސް މުޢިއްޒު އާއި އާދަމް ޝަރީފް
ރައީސް މުޢިއްޒު އާއި އާދަމް ޝަރީފް
ސޯޝަލް މީޑިއާ
ލާމަރުކަޒީ ގާނޫނު
ކައުންސިލްގެ ހުއްދައާ ނުލާ ސަރުކާރުން، ހިންގަން ބޭނުންވާ މަޝްރޫއު އެއް ނުވަތަ ހަރަކާތެއް ހިންގޭނެ ގޮތައް ހަދައިފި
ސަރުކާރަށް މި ބާރު ލިބުނީ، ލާމަރުކަޒީ ގާނޫނު އިސްލާހު ކުރުމަށް މިދިޔަ ހަފްތާގައި މަޖިލީހުން ފާސް ކުރި ބިލު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު ހޯމަ ދުވަހު ތަސްދީގު ކުރެއްވުމާ ގުޅިގެން
މި އިސްލާހުގެ ސަބަބުން ކައުންސިލްތަކުގެ ބާރުތައް ކުޑަވޭ

ކައުންސިލްތަކުގެ އިހްތިސާސު ގައި ހިމެނޭ ބިމެއް ނުވަތަ ތަނެއްގައި އެ ކައުންސިލެއްގެ ހުއްދައާ ނުލާ ވެސް ސަރުކާރަށް ހިންގަން ބޭނުންވާ ތަރައްގީގެ މަޝްރޫއު އެއް ނުވަތަ ހަރަކާތެއް ހިންގޭނެ ގޮތަށް ހަދައިފި އެވެ.

ސަރުކާރަށް މި ބާރު ލިބުނީ، ލާމަރުކަޒީ ގާނޫނު އިސްލާހު ކުރުމަށް މިދިޔަ ހަފްތާގައި މަޖިލީހުން ފާސް ކުރި ބިލު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު ހޯމަ ދުވަހު ތަސްދީގު ކުރެއްވުމާ ގުޅިގެންނެވެ. އެއާ އެކު، އެ އިސްލާހުން ގެންނަ ބަދަލުތަކަށް ހޯމަ ދުވަހުން ފެށިގެން ވަނީ އަމަލު ކުރަން ފަށާފަ އެވެ.

ކައުންސިލަރުންގެ އަދަދު މަދު ކުރުމަށް ލާމަރުކަޒީ ގާނޫނަށް ސަރުކާރުން ހުށަހެޅި އިސްލާހަށް ކޮމިޓީން ގެނައި ބައެއް ބަދަލުތަކާ އެކު ބުރާސްފަތި ދުވަހު ބޭއްވި މަޖިލީހުގެ ޖަލްސާގައި ފާސްކޮށްފައިވަނީ 54 މެންބަރުންގެ ތާއީދާ އެކު އެވެ. މި ބިލު ފާސްކުރުމުގައި ވެރިކަން ކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ މެންބަރުންނާއި އެ ޕާޓީގެ ކޯލިޝަންގައި ހިމެނޭ ޕާޓީތަކުގެ މެންބަރުން ވަނީ ތާއީދު ކޮށްފަ އެވެ.

އެ ބިލަށް ވޯޓަށް އެހުމުގެ ކުރިން ތަޅުމުގައި ވެރިކަން ކުރާ ޕާޓީ، ޕީއެންސީގެ ފަރާތުން ބިލަށް އިތުރު އިސްލާހެއް ހުށަހެޅި އެވެ. ފުނަދޫ ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު މަމްދޫހު ބިލަށް ހުށަހެޅުއްވި އިސްލާހަކީ، މިހާރު ކައުންސިލްތަކުގެ ހުއްދަ ހޯދައިގެން އެ ރަށެއްގައި ނުވަތަ އެ ދާއިރާއެއްގައި ހިންގަން ޖެހޭ މަޝްރޫއުތަކާއި ހަރަކާތެއް، ސަރުކާރުން ބޭނުންވެއްޖެ ނަމަ، ހުއްދަ ހޯދުމަކާ ނުލާ ވެސް ކުރެވޭ ގޮތަށް ހެދުމަށް ހުށަހެޅުއްވި އިސްލާހެކެވެ.

ބިލުގެ 3-107 ވަނަ މާއްދާގެ (ށ)ގެ ފަހަތަށް މަމްދޫހު ހުށަހެޅުއްވި އިސްލާހުގައިވާ ގޮތުން، އެގޮތަށް ސަރުކާރަށް ކަންކަން ކުރެވޭނީ "އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި" އެކަމަކަށް ކައުންސިލުން ހުއްދަ ނުދީފި ނަމަ އެވެ. އެ ހާލަތުގައި ސިޓީސް، ލޯކަލް ގަވަމަންޓް އެންޑް ޕަބްލިކް ވޯކްސް މިނިސްޓްރީގެ ދަށުން ހިންގާ ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ހުއްދައާ އެކު އެ މަޝްރޫއުއެއް ނުވަތަ ހަރަކާތެއްގެ މަސައްކަތް އިދާރީ ދާއިރާތަކުގައި ކުރިއަށް ގެންދިއުމުގެ ބާރު ސަރުކާރަށް ލިބިގެންވެ އެވެ.

މަމްދޫހު ހުށަހެޅުއްވި އިސްލާހުގައި ބަޔާންކޮށްފައިވަނީ، ގާނޫނުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ވީ ނަމަވެސް، އިދާރީ ދާއިރާތަކުގައި ސަރުކާރުން ހިންގާ ތަރައްގީގެ މަޝްރޫއުތަކާއި ހަރަކާތްތައް ހިންގުމަށް ކައުންސިލްތަކުން ހޯދަން ޖެހޭ ހުއްދަތައް ހޯދުމަށް ހުށަހަޅައި، އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި އެ ހުއްދައެއް ކައުންސިލުން ދީފައި ނުވާ ނަމަ، ލޯކަލް ގަވަމަންޓް އޮތޯރިޓީގެ ހުއްދައާ އެކު، އެ މަޝްރޫއުއެއް ނުވަތަ ހަރަކާތެއްގެ މަސައްކަތްތައް އިދާރީ ދާއިރާތަކުގައި ކުރިއަށް ގެންދިއުމުގެ އިހްތިޔާރު ސަރުކާރަށް ލިބިގެންވެ އެވެ.

މި އިސްލާހުގެ ސަބަބުން ކައުންސިލްތަކުގެ ބާރުތައް ކުޑަވެ، ސަރުކާރަށް ބޭނުންވާ ގޮތަކަށް ތަރައްގީގެ މަޝްރޫއުތައް ހިންގުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށް ބައެއް ފަރާތްތަކުން ބުނެ އެވެ. އަދި މިއީ ލާމަރުކަޒީ ނިޒާމު ވަރުގަދަ ކުރުމުގެ ބަދަލުގައި ކައުންސިލްތަކުގެ ބާރުތައް ހަނިކުރުމަށް ސަރުކާރުން ކުރަމުންދާ ކަމެއް ކަމަށް ބައެއް ފަރާތްތަކުން ބުނެ އެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ދާދި ފަހުން ގޫގުލް އިން އައްޑޫ ސިޓީ ހިތަދޫ ގައި އިންޓަނޭޝަނަލް ސަބްމެރިން ކޭބަލް ލޭންޑިން ސްޓޭޝަނަކާއި ނެޓްވޯކް ފެސިލިޓީ އެއް ގާއިމު ކުރަން ހިންގާ މަޝްރޫއުގެ ބޭނުމަށް 1.5 ހެކްޓަރުގެ ބިމެއް ދޭން ސަރުކާރުން އެދިފައިވީ ނަމަވެސް، ކައުންސިލަށް އާމްދަނީ އެއް ނުލިބޭ ގޮތަށް ބިން ދޫނުކުރަން އައްޑޫ ސިޓީ ކައުންސިލުން ވަނީ ނިންމައިފަ އެވެ.

އައްޑޫ ސިޓީ ކައުންސިލުން ނިންމި ނިންމުމަކީ ކައުންސިލްގެ ހައްގުތައް ރައްކާތެރި ކުރުމަށް ނެގި މުހިންމު ފިޔަވަޅެއްގެ ގޮތުގައި ކައުންސިލަރުން ދެކެ އެވެ.

- ކޮމެންޓް