ރައްޔިތުންގެ މަޖިލީހު ގެ ހުޅުމާލެ އުތުރު ދާއިރާ ގެ ޕީއެންސީ މެންބަރު ހުސެއިން ޝަރީފް ގެ އަންހެނުންނަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބައިލައްކަ ރުފިޔާއަށް ވުރެ ބޮޑު މަހު މުސާރަ އެއްގެ ވަޒީފާ ހަމަޖެހުނީ އިއްތިފާގަކުން ކަމަށް ދޭހަވާ މޭރުމަކުން މެންބަރު ޝަރީފް ވާހަކަދައްކަވައިފި އެވެ.
މިދިޔަ އަންގާރަ ދުވަހު ޓީވީ ޕްރޮގްރާމެއްގައި ކުރިމަތިވި ސުވާލަކަށް ޖަވާބު ދެއްވަމުން މެންބަރު ޝަރީފް ވިދާޅުވީ، އޭނާ ގެ ނުފޫޒުން ސިޔާސީ ގޮތުން، އޭނާ ގެ ބާރުވެރި ކަމުގައި މިއަދު އެމްޕީއެއްގެ މަގާމު ގައި ހުރެގެން، އަންހެނުން ޝިނާ ވަޖީހް ވަޒީފާއަކަށް ނުދާނެ ކަމަށެވެ. އަދި އޭނާގެ އަނބިމީހާއައް ނުވަތަ ދަރިއަކަށް ވެސް އޭނާ ސިޔާސީ ގޮތުން ނޫފޫޒު ފޯރުވައިގެން ހޯދަދިން ވަޒީފަ އެއް ނޯންނާނެ ކަމަށެވެ. މި އާއެކު ގިނަ ބަޔަކު ބުނަމުންދަނީ އާދައިގެ ވާޒީފާ އެއް ވެސް ހޯދަން މިހާ އުނދަގޫ ޒާމާނެއްގައި މެމްބަރު ޝަރީފް ގެ އަންހެނުންނަށް ބައިލައްކަ ރުފިޔާގެ ވަޒީފާ އެއް ލިބުމަކީ އާދަޔާ ހިލާފު އިއްތިފާގެއް ކަމުގަ އެވެ.
އަޅުގަނޑު އަބަދުވެސް ބުނަމުން އަންނަ އެއްޗެއް އަޅުގަނޑުގެ ނުފޫޒުން ސިޔާސީ ގޮތުން އަޅުގަނޑުގެ ބާރުވެރިކަމުގަ އަޅުގަނޑު މިއަދު އެމްޕީ އެއްގެ މަގާމުގަ ހުރެގެން ޝިނާ ވަޖީހް ވަޒީފާ އަކަށް ނުދާނެ. އަދިވެސް މި ބުނަނީ އަޅުގަނޑުގެ އަނބިމީހާއެއް، ދަރިއެއް މިސަރުކާރުގެ ވަޒީފާ އަކު ނޫޅޭނެ ސިޔާސީ ގޮތުން އަޅުގަނޑުގެ ނުފޫޒެއް ވަދެގެން އަޅުގަނޑު ބޭނުންވެގެން މަގާމެއް ހޯދަދީފަ އެއް
ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ އުތުރު ދާއިރާގެ ޕީއެންސީ މެންބަރު ހުސެއިން ޝަރީފް![]()
މައުލޫމާތު ލިބިފައިވާ ގޮތުގައި، މެންބަރު ޝަރީފްގެ އަންހެނުން ޝިނާ ވަޖީހް އައްޔަން ކުރީ އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރުގެ ބިއުރޯގެ ޗީފް ގެ މަގާމަށެވެ. އޭނާ އައްޔަން ކުރީ ޑިރެކްޓަރެއްގެ ފެންވަރުގައި ކަމަށާއި، މަހު މުސާރައަކީ 55،000 ރުފިޔާ ކަމަށް މައުލޫމާތު ލިބިފައިވެ އެވެ.
ޝަރީފްގެ އަންހެނުންނަށް ބައިލައްކަ ރުފިޔާގެ ވަޒީފާ ހަމަޖެހުމުގެ ކުރިން، އޭނާ ވަނީ އެޗްޑީސީ އަކީ މަތިބަރު ކުންފުންޏެއް ކަމަށް ބުނެ އެ ކުންފުންޏަށް ވަރަށް ބޮޑަށް ފާޑު ކިޔުއްވާފަ އެވެ. ގިނަ ބަޔަކު ފާހަގަކުރާ ގޮތުގައި އޭރު މެންބަރު ޝަރީފް އެޗްޑީސީއަށް އެހާ ބޮޑަށް ފާޑުކިޔުއްވީ އަންހެނުންގެ ވަޒީފާ ހަމަޖެހިފައި ނުވުމުންނެވެ. ނަމަވެސް ސަރުކާރަށް އެކި ގޮތްގޮތުން ޕްރެޝަރ ކުރުމަށްފަހު މެންބަރު ޝަރީފް ވަނީ އަންހެނުންގެ ވަޒީފާ ކަށަވަރުކޮށްފަ އެވެ. އަދި އެހިސާބުން އެޗްޑީސީއަށް ފާޑުކިޔުން ވެސް މެމްބަރު ޝަރީފް ވަނީ ހުއްޓާލާފަ އެވެ.
އެންމެ ފުރަތަމަ ޝަރީފްގެ އަންހެނުންނަށް ހަމަޖެހުނީ ތަންކޮޅެއް އާދައިގެ ވަޒީފާއެއް ކަމަށާއި، ނަމަވެސް މިކަމާ ރުޅިއައިސްގެން ރައީސް މުއިއްޒު އަދި އެޗްޑީސީއަށް ފާޅުގައި ފާޑުކިޔާނެ ކަމުގެ އިންޒާރު މެންބަރު ޝަރީފް ދީފައިވާ ކަމަށް ބައެއް ފަރާތްތަކުން މައުލޫމާތު ދީފައިވެ އެވެ. އަދި ބޮޑު މުސާރައާއި އެކު މަތީ މަގާމެއް ޝަރީފްގެ އަންހެނުންނަށް ހަމަޖެހިފައިވަނީ އޭގެ ދެ މަސްފަހުން ކަމަށް ވެސް މައުލޫމާތު ލިބިފައިވެ އެވެ.
މި މައްސަލައިގައި ސުވާލު އުފެދެނީ، ސިޔާސީ ނުފޫޒު ބޭނުން ނުކުރާ ކަމަށް ބުނެ އަބަދުވެސް ވާހަކަދައްކަވާ މެންބަރު ޝަރީފްގެ އަންހެނުންނަށް ސަރުކާރުގެ އެންމެ ބޮޑު ކުންފުނިތަކުގެ ތެރެއިން ކުންފުންޏަކުން މަތީ މަގާމެއް ލިބުނީ ކިހިނެއް ކަމެވެ. އަދި އެޗްޑީސީއަށް ފާޑުކިޔުން ހުއްޓާލުމާއި، ވަޒީފާ ހަމަޖެހުމާ ދެމެދު ހުރި ގުޅުން ކޮބައިތޯ ވެސް ގިނަ ބަޔަކު ސުވާލު އުފައްދަމުން ގެންދެ އެވެ.
މި ސަރުކާރުގެ ސިޔާސީ މަގާމުތައް އެހެން ހުރިހާ ސަރުކާރަކަށް ވުރެ އިތުރުވެފައިވާއިރު، ސިޔާސީ ނުފޫޒުން ސަރުކާރުގެ ކުންފުނިތަކަށް އައްޔަން ކުރާ މީހުންގެ އަދަދު ވެސް ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. ސަރުކާރުގެ ސިޔާސީ މަގާމުތައް 700 އަށް ވުރެ އިތުރު ނުކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. ނަމަވެސް ސަރުކާރުން މިދިޔަ ޖުލައި މަހު ހާމަކުރި ހިސާބުތަކުން އެނގޭ ގޮތުގައި، ސަރުކާރުގައި އޭރު ތިބީ 922 ސިޔާސީ މުވައްޒަފުންނެވެ. އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރައްވާ ގޮތުގައި މި ސަރުކާރުގެ ސިޔާސީ މަގާމުތައް 3000 އަށް ވުރެ ގިނަ އެވެ.