އަންނަ ބުރާސްފަތީގެ ކުރިން ހުޅުމާލެ އެކި ސަރަހައްދުތަކުގެ ދުވާރުމަތީގައި ބަހައްޓާފައިވާ ގޮނޑިތަކާއި މޭޒުތައް ނުނަގައިފިނަމަ، އެތަކެތި ނެގުމުގެ މަސައްކަތް ކަމާ ގުޅުންހުރި އިދާރާތަކާ ގުޅިގެން ކުރާނެ ކަމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފިއެވެ.
މިކަމާ ގުޅިގެން އެޗްޑީސީ އިން ނެރުނު އިއުލާނެއްގައި ބުނީ ކުރިންވެސް ހުޅުމާލޭ ދުވާރުމަތީގައި މޭޒާއި ގޮނޑި ފަދަ ތަކެތި ޖަހައިގެން ޚިދުމަތް ނުދޭން އެންގި ނަމަވެސް، އަދިވެސް ގިނަ ފަރާތްތަކުން އެކަން ކުރާކަމަށެވެ. އަދި މަގު ބޭނުންކުރާ މީހުންނަށް ދަތިވާ ގޮތަށް ދުވާރުމަތީގައި ގޮނޑިއާއި މޭޒު ބަހައްޓައިގެން ވިޔަފާރި އުސޫލުން ބޭނުން ކުރުމަކީ މަނާ ކަމެއްކަން އެޗްޑީސީގެ އިއުލާނުގައި ވަނީ ހަނދާންކޮށްދީފައެވެ.
ހުޅުމާލޭގެ ދުވާރުމަތީގައި ގޮނޑިމޭޒު ބަހައްޓައިގެން ހިދުމަތް ދިނުމާގުޅޭ
— Housing Development Corporation (@hdcmaldives) October 16, 2025
އިތުރު މައުލޫމާތު: https://t.co/OKk1W1C8mg#withHDC pic.twitter.com/Rk4PBqArsJ
އެހެން ކަމުން މިފަދަ މޭޒުތަކާ ގޮނޑިތައް 23 އޮކްޓޯބަރު 2025 ވާ ބުރާސްފަތި ދުވަހުގެ ކުރިން ނެގުމަށް ވަނީ އަންގާފައެވެ. މި މުއްދަތުގެ ތެރޭގައި އެތަކެތި ނުނަގައިފިނަމަ، އެތަކެތި ނަގާ، އެ ސަރަހައްދު ސާފުކުރުމުގެ މަސައްކަތް ކަމާބޭހޭ އިދާރާތަކާ ގުޅިގެން ކުރާނެ ކަމަށް އެޗްޑީސީ އިން ބުނެފައިވެއެވެ. އަދި މަސައްކަތުގެ ތެރެއިން މުދަލަށް ލިބޭ އެއްވެސް ގެއްލުމަކަށް އެޗްޑީސީ އިން ޒިންމާ ނުވާނެ ވާހަކަވެސް އިއުލާނުގައި ފާހަގަކޮށްފައިވެއެވެ.
މީގެ އިތުރުން ހުޅުމާލޭގެ ހެޖުތެރޭގައި ބިޔަވާ ޒާތުގެ ގަސްތައް އިންދާފައި ހުރުމުން މަގުތަކަށް ޖަމާވާ ފެން ހިންދުމަށް ދަތިވެ، މަގުތަކުގައި ފެންބޮޑުވުމާއި ތާރުގަނޑު ހަލާކުވުން ފަދަ މައްސަލަތައް ކުރިމަތިވާކަން ފާހަގަކުރެވިފައިވާ ކަމަށްވެސް އިއުލާނުގައި ބުނެފައިވެއެވެ. މިފަދަ ގަސްތައް ވެސް ނެގުމަށް އެޗްޑީސީން ވަނީ ނިންމާފައެވެ.