އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ދެއްވި ޚާއްސަ މާފަކާ ގުޅިގެން، ހޮންޑޫރަސްގެ ކުރީގެ ރައީސް ހުއާން އޮރލާންޑޯ ހާރނެންޑޭޒް އެމެރިކާގެ ޖަލުން ދޫކޮށްލައިފި އެވެ.
ހާރނެންޑޭޒް ހޯމަ ދުވަހު ދޫކޮށްލާފައި ވަނީ ވެސްޓް ވާޖީނިއާ ގައި ހުންނަ ޔޫއެސްޕީ ހެޒަލްޓަން ގެ ހައި ސެކިއުރިޓީ ޖަލުންނެވެ.
2024 ވަނަ އަހަރުގެ މާޗް މަހު ހާރނެންޑޭޒް ކުށްވެރި އެއް ކަމަށް ކަނޑައަޅާފައި ވަނީ، އެމެރިކާ އަށް ކޮކެއިން އެތެރެ ކުރުމަށް ރޭވުމާއި، ބަޑި ބޭނުން ކުރުމުގެ ކުށުގައެވެ. އޭނާ އަށް ވަނީ 45 އަހަރުގެ ޖަލު ހުކުމެއް ކޮށްފައެވެ.
އެމެރިކާގެ ރައީސް (ޓްރަމްޕް) ހުކުރު ދުވަހު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ހާރނެންޑޭޒް އަށް "އާދަޔާޚިލާފަށް އަނިޔާވެރިކޮށް އަދި އަދުލުވެރި ނޫންކޮށް ކަންތައްކޮށްފައިވާ" ކަމަށެވެ.
ހާރނެންޑޭޒް ގެ އަނބިކަނބަލުން އަނާ ގާސިއާ، އަންގާރަ ދުވަހު ސޯޝަލް މީޑިއާގައި ލިޔެފައިވަނީ، ޓްރަމްޕް ދެއްވި މާފަށް ޝުކުރުއަދާކުރާ ކަމަށާއި، އޭނާގެ ފިރިކަލުން މިހާރު މިނިވަންވެފައިވާ ކަމަށެވެ.
ހޮންޑޫރަސް ގެ ނޭޝަނަލް ޕާޓީގެ މެންބަރެއްގެ ގޮތުން 2014 ވަނަ އަހަރުން ފެށިގެން 2022 ވަނަ އަހަރާ ހަމައަށް ރައީސްކަން ކުރެއްވި ހާރނެންޑޭޒް، 2022 ވަނަ އަހަރުގެ އޭޕްރީލް މަހު އެމެރިކާ އަށް އަށް ފޮނުވާލީ، މަސްތުވާތަކެތި އެތެރެކުރުމުގެ ކުށްތަކަކާއި، އެތައް ސަތޭކަ ޓަނުގެ ކޮކެއިން އެމެރިކާ އަށް އެތެރެ ކުރުމަށް އެހީތެރިވިކަމުގެ ތުހުމަތުގައި ދައުވާ ކުރުމަށެވެ.
އޭނާގެ މައްޗަށް ކުރި ދައުވާގެ ޝަރީޢަތުގެ ތެރޭގައި ނިއުޔޯކްގެ ޕްރޮސެކިއުޓަރުން ބުނެފައިވަނީ، ހާރނެންޑޭޒް ސެންޓްރަލް އެމެރިކާގައި އޮންނަ އޭނާގެ ޤައުމު ހިންގާފައިވަނީ "ނާކޯ-ސްޓޭޓެއް" (މަސްތުވާތަކެތީގެ ވިޔަފާރީގެ ބާރުގެ ދަށުގައިވާ ދައުލަތެއް) ފަދައިން ކަމަށާއި، މަސްތުވާތަކެތީގެ ވިޔަފާރިވެރިންގެ ފަރާތުން އެތައް މިލިއަން ޑޮލަރުގެ ރިޝްވަތު އޭނާ ޤަބޫލުކޮށްފައިވާ ކަމަށެވެ.
އޭނާގެ ހުކުމުގެ ބައެއްގެ ގޮތުން 8 މިލިއަން ޑޮލަރު ޖޫރިމަނާގެ ގޮތުގައި ދައްކަންވެސް ވަނީ އަމުރުކުރެވިފައެވެ.
ޓްރަމްޕް މާފު ދެއްވި ސަބަބު އާދީއްތަ ދުވަހު އެއަރ ފޯސް ވަންގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވަނީ ހާމަކުރައްވާފައެވެ.
އޭނާ ތުހުމަތު ކުރެއްވީ، ހާރނެންޑޭޒް އާ ގުޅޭ ތަޙުޤީޤަކީ ކުރީގެ ރައީސް "ބައިޑަން ސަރުކާރުގެ ރޭވުމެއް" ކަމަށެވެ.
ހާރނެންޑޭޒް ދޫކޮށްލާފައި މިވަނީ، ހޮންޑޫރަސް ގައި އާ ރައީސަކު އިންތިޚާބު ހިނގަމުންދާ ދަނޑިވަޅެއްގަ އެވެ.
ހޯމަ ދުވަހުގެ މެންދުރުފަހުގެ ވަގުތާ ހަމައަށް، ކަނާތު ފިޔައިގެ ކެންޑިޑޭޓް ނަސްރީ އަސްފޫރާ އާއި އޭނާ އާ އެންމެ ގާތުން ވާދަކުރައްވާ ސެންޓްރިސްޓް ޕާޓީގެ ކެންޑިޑޭޓް އަދި ކުރީގެ ޓީވީ ހޮސްޓް ސަލްވަޑޯ ނަސްރުﷲ އާ ދެމެދު ވަނީ އެންމެ 515 ވޯޓުގެ ތަފާތެކެވެ.
ޓްރަމްޕް ހުކުރު ދުވަހު ނަސްރުﷲ އަށް ފާޑުކިޔައި ލިޔުއްވާފައިވަނީ އޭނާއަކީ "ބޯޑަލައިން ކޮމިއުނިސްޓެއް" ކަމަށެވެ.
އަސްފޫރާ އަކީ "ޑިމޮކްރަސީއަށްޓަކައި މަސައްކަތްކުރައްވާ" ބޭފުޅެއްގެ ގޮތުގައި ސިފަކުރައްވައި ޓްރަމްޕް ވަނީ ވެނެޒުއޭލާގެ ރައީސް ނިކޮލަސް މަދޫރޯ އާ ދެކޮޅަށް ކެމްޕޭން ކުރެއްވުމުން އޭނާއަށް ތަޢުރީފު ކުރައްވާފައެވެ.