މި ސަރުކާރުން އަމަލުކުރާ ގޮތުން ދަރަނީގެ އިންޓަރެސްޓް ޕޭމަންޓު ދަނީ އިތުރުވަމުން ކަމަށާއި، ސަސްޓެއިން ނުކުރެވޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހްމަދު ޝަމްހީދު ވިދާޅުވެއްޖެ އެވެ.
ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި މެންބަރު ޝަމްހީދު ވިދާޅުވީ ދަރަނި ދައްކާނެ ޕްލޭން އާއި ސިޔާސަތުތައް އެބަހުރި ކަމަށާއި، އެ ސިޔާސަތުތައް ފާސް ކޮށްފައިވާ ކަމަށެވެ. ނަމަވެސް ދަރަނި ދެއްކުމުގެ މަސައްކަތް ކުރުމުގައި އެއާ އެއްގޮތަށް އަމަލު ނުކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.
މެންބަރު ޝަމްހީދު ވިދާޅުވީ މި ސަރުކާރުގެ ބޭފުޅުން ލޯނު ދައްކާ ކަމަށް ވިދާޅުވި ނަމަވެސް އެއީ ހަގީގަތް ނޫން ކަމަށާއި، ލޯނު ދެއްކުމުގެ މުއްދަތު ފަސް ކުރަމުންދާ ކަމަށެވެ. އެހެން އަމަލު ކުރުމުގެ ނަތީޖާ އެއް ގޮތުން އިންޓަރެސްޓް އިތުރުވާ ކަމަށާއި، މިކަމުގެ ސަބަބުން ދިގު ރާސްތާ އާއި މެދު ރާސްތާގައި ވެސް އަހަރުން އަހަރަށް އިންޓަރެސްޓް ޕޭމަންޓުތައް އިތުރުވެ ސަސްޓެންއިން ނުކުރެވޭ ކަމަށް މެންބަރު ޝަމްހީދު ވިދާޅުވި އެވެ.
މާނައަކީ އަޅުގަނޑުމެން 500 މިލިއަން ޑޮލަރު މީގެ 5 އަހަރު ކުރިން ނެގީ. ނަގާފައި އަޅުގަނޑުމެން މި ދައްކަނީ އިންޓަރެސްޓްގެ ގޮތުގައި ނޫނީ ކޫޕަން ޕޭމަންޓުގެ ގޮތުގައި އަހަރަކު ފަންސާހަކަށް މިލިއަން ޑޮލަރު. އެހެންވީމަ 5 އަހަރު ވީއިރު 250 މިލިއަން ޑޮލަރު އަޅުގަނޑުމެން އެއަށް ދައްކައިފި އިންޓަރެސްޓްގެ ގޮތުގައި. އެހެންވީމަ އަނެއްކާ ވެސް 5 އަހަރަށް އަޅުގަނޑުމެން އެ ދަންމާފި ކަމަށްވާނަމަ 500 މިލިއަން ޑޮލަރުގެ ލޯނަކަށް އަޅުގަނޑުމެން މި ޖެހެނީ އެއްބިލިއަން ޑޮލަރު ނޫނީ 500 މިލިއަން ޑޮލަރު އިންޓަރެސްޓްގެ ގޮތުގައި ދައްކަން. މިއީ ގައުމަކުން ކަން ކުރާނެ ގޮތެއް ނޫން.
ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހްމަދު ޝަމްހީދު![]()
ސޮވެރިންގ ޑިވަލޮޕްމަންޓްގެ ގާނޫނެއް މަޖިލީހަށް ހުށަހަޅާފައިވާކަން ފާހަގަކުރައްވައި މެންބަރު ޝަމްހީދު ވިދާޅުވީ އެ ގާނޫނުގެ މަސައްކަތް ނުކޮށް މަޑު ޖައްސާލާފައިވާ ކަމަށެވެ.
ސޮވަރިންގ ޑިވަލޮޕްމަންޓް ފަންޑު އުފެދިގެން އައީ ދައުލަތުން ދައްކަން ޖެހޭ ދަރަނި ދައްކަން އެހީތެރިމަށް. އެކަމަކު އަޅުގަނޑުމެންނަށް މިވާ ގޮތަކީ ހަގީގަތުގައި ވެސް ސޮވަރިންގ ޑިވަލޮޕްމަންޓްގައި ފަންޑުގައި ހުންނަ ފައިސާ ވައުދުތައް ގިނަ ކަމުން އެ ފައިސާ ބޭނުން ކުރަނީ. ދެން ފައިސާ ނުލިބިގެން ދަރަނި ދައްކަން ހުރި ފައިސާ އަހަރު ނިމޭއިރު އަޅުގަނޑުމެން މި ހުންނަނީ ކޮންމެވެސް އެހެން ކަމަކަށް ބޭނުން ކުރަން މަޖުބޫރުވެފައި. އެއީ އަޅުގަނޑުމެން ގައުމު ހިންގަން މިއަންނަ ގޮތަކީ. މިފަދަ ގާނޫނެއް ނެތީމަ، ހަގީގަތުގައި އެއީ އަންނަން އޮތް އެއް ގާނޫނު މިއާއެކު. އެ ގާނޫނު މިހާރު އޮތީ މަޑު ޖައްސާލާފައި. އެބައި ނުހިނގާ. ސޮވަރިންގ ޑިވަލޮޕްމަންޓް ގާނޫނެއް އެބައޮތް އަޅުގަނޑުމެންނާ ހިސާބަށް އައިސްފައި. އެގާނޫނު އޮތް ގޮތަށް ބާއްވާފައި އޮންނަތާ އަޅުގަނޑަށް ހީވަނީ އަހަރެއްހާ ދުވަސްވަނީހެން.
ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހްމަދު ޝަމްހީދު![]()
ސޮވެރިން ޑިވެލޮޕްމެންޓް ފަންޑަށް ގާނޫނީ ބާރު ދިނުމަށް ސަރުކާރުން ވަނީ ސޮވަރިން ޑިވެލޮޕްމަންޓް ފަންޑުގެ ގާނޫނު އެކުލަވާލުމަށް ރައްޔިތުންގެ މަޖިލީހަށް 2024 ވަނަ އަހަރުގެ ތެރޭގައި ހުށަހަޅައިފަ އެވެ. އެ ގާނޫނުގެ މަގުސަދުތަކުގެ ތެރޭގައި ސޮވަރިން ޑިވެލޮޕްމަންޓް ފަންޑަށް އެކައުންޓިން އަދި ރިޕޯޓިން ފްރޭމް ވޯކެއް ގާއިމްކުރުމާއި ގާނޫނުތަކުގެ ތެރެއިން އެ ފަންޑުގެ ބޭނުން ކަނޑައެޅުން ހިމެނެ އެވެ. އެ ބިލް އިތުރަށް ދިރާސާ ކުރުމުގެ މަސައްކަތް މާލިއްޔަތު ކޮމިޓީން މީގެ ކުރިން ކޮށްފައިވެ އެވެ.