ފިސްކަލް ޒިންމާގެ ޤާނޫނުގެ ދަށުން އެކުލަވާލަން ޖެހޭ، މާލީ ޒިންމާގެ ޗާޓަރު އެކުލަވާލަން ޖެހޭ މުއްދަތު މަވާން ކުޑަތަން ވެފައި ވަނިކޮށް، އެ ޗާޓަރު އެކުލަވާލުން 2 އަހަރަށް ފަސްކުރުމަށް ހުށަހެޅި އިސްލާހު ބަލައިގަނެފި އެވެ.
ބުރާސްފަތި ދުވަހު، ފިސްކަލް ޒިންމާގެ ގާނޫނަށް އަމަލުކުރުން ފަސްކުރާ ބިލު މަޖިލީހަށް ބަލައިގަތީ 55 މެންބަރުންގެ ވޯޓާއި އެކުގަ އެވެ. އަދި އެ ބިލު މަޖިލީހަށް ބަލައިގަންނަން ނުފެންނަ ކަމަށް 10 މެންބަރުން ވޯޓުދެއްވާފައި ވެއެވެ.
ފިސްކަލް ޒިންމާގެ ޤާނޫނަކީ މިދިޔަ ޑިސެމްބަރު މަހު ތަސްދީގު ކުރި ޤާނޫނެކެވެ. އެ ޤާނޫނަށް އަމަލުކުރަން ފެށީ ޖޫން މަހު އެވެ. އެ ގާނޫނުގައި ބުނާ ގޮތުން ފިސްކަލް ޒިންމާގެ ގާނޫނަށް އަމަލުކުރަން ފަށާތާ ހަ މަސްދުވަހުގެ ތެރޭގައި ފިސްކަލް ޒިންމާގެ ޗާޓަރު އެކުލަވާލަން ޖެހޭނެ އެވެ. އެހެންނަމަވެސް އެކަމާއި ގުޅިގެން ކުރަން ޖެހޭ ކަންކަން ސަރުކާރުން މިހާތަނަށް ފުރިހަމަކޮށްފަ އެއް ނުވެ އެވެ.
ހުރާ ދާއިރާގެ މެންބަރު ޑރ. އަނާރާ ނައީމް އިސްލާހު ހުށަހަޅުއްވާފައި ވަނީ ދައުލަތުގެ ފިސްކަލް ޒިންމާގެ ގާނޫނުގެ ދަށުން އެކުލަވާލަން ޖެހޭ ފިސްކަލް ޒިންމާގެ ޗާޓަރު އެކުލަވާލުމަށް ގާނޫނުގައި ކަނޑައަޅާފައިވާ މުއްދަތު އިތުރުކުރުމަށެވެ. އެ ޤާނޫނަށް ހުށަހަޅާފައިިވާ އިސްލާހަކީ ޤާނޫނުގެ 39 ވަނަ މާއްދާގެ ދަށުން އެކުލަވާލަން ޖެހޭ ފިސްކަލް ޒިންމާގެ ޗާޓަރު އެކުލަވާލުމާއި، އެއަށް އަމަލުކުރަން ޖެހޭ މުއްދަތު ވެސް ދިގުދަންމާލުމެވެ. އިސްލާހު ހުށަހަޅާފައި ވަނީ ފިސްކަލް ޒިންމާގެ ޗާޓަރު އެކުލަވާލުމުގެ މުއްދަތު ދެ އަހަރަށް އިތުރުކުރުމަށެވެ. އެހެންކަމުން ދެން އެ ޗާޓަރު އެކުލަވާލަން ޖެހޭނީ 3 ޑިސެމްބަރު 2026ގަ އެވެ.
އެ ޤާނޫނާއި ގުޅިގެން އެކުލަވާލާ ގަވާއިދުތައް ގެޒެޓުކުރަން ދީފައިވާ މުއްދަތު ހަމަ ވާނީ އަންނަ ބުދަ ދުވަހަށެވެ. އެހެންކަމުން މި ޤާނޫނަށް އިސްލާހު ގެންނަ ސަބަބާއި މެދު އިދިކޮޅު އެމްޑީޕީގެ މެމްބަރުން ވަނީ ވަރަށް ބޮޑަށް ސުވާލު އުފައްދާފަ އެވެ. މިއީ ސަރުކާރުގެ ހިންގުންތެރިކަން އިންތިހާ އަށް ދަށްކަން ހާމަކޮށްދޭ ކަމެއް ކަމަށް އެ މެމްބަރުން ބުނެފައި ވެއެވެ.
އާ އިސްލާހުގައި ބުނެފައިވާ ގޮތުން، ޕަބްލިކް ސެކްޓާ އިންވެސްޓުމެންޓު (ޕީއެސްއައިޕީ)ގެ ދަށުން ހިންގަން ރާވާ ޕްރޮގްރާމުތައް ބަޖެޓުގައި ހިމެނުމުގެ ކުރިން އެ ޕްރޮގްރާމުތަކުގެ ފީޒިބިލިޓީ ވަޒަންކޮށް، އެ ކަންކަމުން ލިބޭނެ ކަމަށް ލަފާކުރާ އިގްތިސޯދީ އަދި މާލީ މަންފާ އާއި އިޖުތިމާއީ މަންފާ އަދި ހަރަދުތަކާއި އެ ޕްރޮގްރާމުތަކުން ލިބިދާނެ ގެއްލުންތައް ދައުލަތުގެ ފިސްކަލް ޕޮލިސީ ކަނޑައަޅާއިރު ފިނޭންސް މިނިސްޓަރު ވަޒަން ކުރަންޖެހޭނެ ކަމަށް ބުނެފައިވާ މާއްދާއަށް ވެސް އެ މުއްދަތުގައި އަމަލު ކުރާކަށް ނުޖެހޭނެ އެވެ.
މާލީ ޒިންމާގެ ޗާޓަރު އެކުލަވާލަން ޖެހޭ މުއްދަތު ހަމަވާން ކުޑަ ވާން ކައިރިވެފައި ވަނިކޮށް، އެ ޗާޓަރު އެކުލަވާލުން ދެ އަހަރަށް ލަސް ކުރަނީ ދައުލަތުގެ ފިސްކަލް ނިޒާމާއި މެދު ޖަވާބުދާރީ ނުވުމަށް ކަމަށް ބައެއް މެމްބަރުން ވަނީ ފާހަގަކޮށްފަ އެވެ.