އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލައިގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އާއިލާގެ ވަކީލު އައިޝަތު އާޒިމާ ޝަކޫރު އަށް ކުރި ދައުވާތައް އަނބުރާ ގެންގޮސްފި އެވެ.
ރައީސްގެ އާއިލާގެ ގާނޫނީ ވަކީލް އާޒިމާ ޝަކޫރުގެ މައްޗަށް އެމްއެމްޕީއާރުސީ ގެ ބޮޑު ހިޔާނާތުގެ މައްސަލައިގައި ދެ ދައުވާ އެއް ވަނީ އުފުލާފަ އެވެ. އެއީ މަނީ ލޯންޑްރިންއަށް މަގުފަހިކޮށްދިނުމާއި، ރަސްމީ އިދާރާއަކަށް ދޮގު މައުލޫމާތު ދިނުމުގެ ކުށުގެ ދައުވާ އެވެ.
މިކަމާއި ގުޅޭގޮތުން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނީ އައިޝަތު އާޒިމާ ޝަކޫރުގެ މައްޗަށް ކޮށްފައިވާ ދައުވާތައް އިތުރަށް ކުރިއަށް ނުގެންދިއުމަށް ނިންމާފައިވާ ކަމަށެވެ. ޕީޖީ އޮފީހުން ބުނީ މި ދައުވާތައް މުރާޖާ ކޮށްދިނުމަށް އާޒިމާ ގެ ފަރާތުން އެ އޮފީހަށް ހުށަހަޅާފައިވާ ކަންކަމަށާއި، އާޒިމާ ގެ މައްޗަށް ތުހުމަތުކުރެވޭ ކުށުގެ އަމަލުގެ ސަބަބުން މަގުފަހިވި މަނީ ލޯންޑްރިންގ ކުށުގެ އަސްލު ފައިލުގެ މައްޗަށް ކުށް ސާބިތު ނުވާކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ހުކުމް ކޮށްފައިވާތީ، އާޒިމާ ގެ މައްޗަށް ކޮށްފައިވާ ދައުވާތައް އިތުރަށް ކުރިއަށްގެންދިއުމުގެ މަސްލަހަތު އޮތްކަމަށް ނުފެންނާތީ އެ ދައުވާތައް އިތުރަށް ކުރިއަށް ނުގެންދިއުމަށް އެ އޮފީހުން ނިންމީ ކަމަށެވެ.
މިކަމާއި ގުޅޭގޮތުން އިތުރަށް މައުލޫމާތު ސާފުކުރުމަށް ޕީޖީ އޮފީހުގެ މީޑިއާއާއި ސުވާލުކުރުމުން ބުނެފައިވަނީ އާޒިމާގެ މައްޗަށް ދައުވާ ކުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލި މަނީލޯންޑަރިންގެ ކުށުގެ ދައުވާއާއި ގުޅިގެން މަނީ ލޯންޑަރ ކުރަން އެހީތެރިވެދިނުމާއި ހަމަ އެ މައްސަލައިގައި ރަސްމީ އިދާރާއަކަށް ދޮގު މައުލޫމާތު ދިނުމުގެ މައްސަލައިގައި ކަމަށެވެ. އަދި ރައީސް ޔާމީންގެ މައްޗަށް އުފުލި މަނީލޯންޑަރިންގެ ކުށް ސާބިތު ނުވާ ކަމަށް ސުޕްރީމް ކޯޓުން ވަނީ ހުކުމް ކޮށްފައި ކަމުގައެވެ.
2015 ވަނަ އަހަރު ހިނގި އެމްއެމްޕީއާރސީ ގެ ޚިޔާނާތާ ގުޅުންހުރި މައްސަލާގައި، އޭރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ލީގަލް އެފެއާރޒް މިނިސްޓަރގެ މަޤާމުގައި ހުރި އާޒިމާ ގެ މައްޗަށް، މަނީ ލޯންޑްރިންގ އަށް މަގުފަހިކޮށްދިނުމާއި، ރަސްމީ އިދާރާއަކަށް ދޮގު މަޢުލޫމާތު ދިނުމުގެ ކުށުގެ ދައުވާ 17 ފެބްރުވަރީ 2019 ދުވަހު ކްރިމިނަލް ކޯޓަށް ހުށަހެޅި އެވެ. އަދި މި މައްސަލައިގެ އަޑުއެހުންތައް ވެސް ކުރިއަށް ގެންދިޔަ އެވެ.
އާޒިމާ ގެ މައްޗަށް ކުރި ދައުވާގައި ދައުލަތުން ބުނެފައި ވަނީ ރައީސް ޔާމީންގެ އިސްލާމިކް ބޭންކު އެކައުންޓަށް ޖަމާވި އެއް މިލިއަން ޑޮލަރު އެ މަނިކުފާނާއި އޭސީސީއާ ދެމެދު ހެދި އެސްކްރޯ އެކައުންޓަށް ޖަމާކުރި ކަމަށް ބުނެ އޭސީސީ އަށް އާޒިމާ ދޮގު މައުލޫމާތު ދިން ކަމަށެވެ. އަދި އެސްކްރޯ އެކަައުންޓް އެގްރިމެންޓާ ހިލާފަށް ފައިސާ ބީއެމްއެލް އިން ވަކި ގޮތަކަށް ލިޔުން ހޯއްދެވި ކަމަށާއި، އެ ލިޔުމުގެ ޒަރިއްޔާއިން އެސްކްރޯ އެކައުންޓަށް ޖަމާކުރި ފައިސާގެ އަސްލު އޮޅުވާލައި މަނީ ލޯންޑާ ކުރަން މަގުފަހިކޮށްދިން ކަމަށް ވެސް ދައުލަތުން ތުހުމަތު ކުރި އެވެ.