Advertisement
ކ. މާލެ
|
27 ނޮވެންބަރ 2025 | ބުރާސްފަތި 11:39
ފްރާންސްގެ ކުރީގެ ރައީސް ނިކޮލަސް ސާކޯޒީ
ފްރާންސްގެ ކުރީގެ ރައީސް ނިކޮލަސް ސާކޯޒީ
ރޮއިޓަރސް
ނިކޮލަސް ސާކޯޒީ
ސާކޯޒީގެ މައްޗަށް އިއްވި ޙުކުމް ފްރާންސްގެ އެންމެ މަތީ ކޯޓުން ދަމަހައްޓައިފި
ބުދަ ދުވަހު ކޮށްފައިވާ ޙުކުމުގައި ބުނެފައި ވަނީ އިންތިޚާބުގެ ކެމްޕެއިން އަށް ޤާނޫނާ ޚިލާފަށް ފައިސާ ހޯދައި، އެ ފައިސާ ބޭނުން ކޮށްފައިވާކަން ސާކޯޒީގެ މައްޗަށް ސާބިތުވެފައިވާ ކަމަށް.

ފްރާންސްގެ ކުރީގެ ރައީސް ނިކޮލަސް ސާކޯޒީގެ މައްޗަށް އިއްވާފައިވާ ޖަލު ޙުކުމް ދެމެހެއްޓުމަށް އެ ޤައުމުގެ އެންމެ މަތީ ކޯޓުން ނިންމައިފި އެވެ.

ސާކޯޒީގެ މައްޗަށް ދައުވާ ސާބިތުވާ ކަމަށް ކަނޑައަޅައި، ޙުކުމް ކޮށްފައި ވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ. އެއީ ރިޔާސީ ކެމްޕޭނަށް ލީބިއާގެ ކުރީގެ ލީޑަރު މުއައްމަރުލް ޣައްޒާފީގެ އަތުން އެތައް މިލިއަން ޔޫރޯގެ ނާޖާއިޒު ފައިސާ ހޯދި ކަމުގެ ދައުވާ އެވެ.

އުމުރުފުޅުން 70 އަހަރުގެ ސާކޯޒީ ވަނީ 2007 ވަނަ އަހަރުން ފެށިގެން، 2012 ވަނަ އަހަރަށް ފްރާންސްގެ ރައީސް ކަމުގެ މަގާމު އަދާ ކުރައްވައިފަ އެވެ. 2012 ވަނަ އަހަރު އޮތް ރިޔާސީ އިންތިޚާބުގައި ދެ ވަނަ ދައުރެއް ހޯއްދެވުމަށް ސާކޯޒީ ވާދަ ކުރެއްވި ނަމަވެސް، އެ އިންތިޚާބުގައި އޭނާ އަށް ވަނީ ނާކާމިޔާބާ ކުރިމަތިވެފަ އެވެ.

ބުދަ ދުވަހު ފްރާންސްގެ އެންމެ މަތީ ކޯޓުން ވަނީ ސާކޯޒީގެ މައްޗަށް ކޮށްފައިވާ ޙުކުމް ދަމަހައްޓަން ނިންމައިފަ އެވެ. މިއީ ޤާނޫނީ ގޮތުން ސާކޯޒީ އަށް ކުރިމަތިވި އެންމެ ފަހުގެ ނާކާމިޔާބީ އެވެ. ސާކޯޒީގެ މައްޗަށް އިއްވާފައިވާ ޙުކުމް އިސްތިއުނާފުކޮށް، އޭނާ މިނިވަން ކޮށްދިނުމަށް އޭނާގެ ޤާނޫނީ ވަކީލުން ވަނީ އެދިފަ އެވެ.

ފްރާންސްގެ ކޯ ދެ ކަސާސިއޯން ކޯޓުން ބުދަ ދުވަހު ކޮށްފައިވާ ޙުކުމުގައި ބުނެފައި ވަނީ އިންތިޚާބުގެ ކެމްޕެއިން އަށް ޤާނޫނާ ޚިލާފަށް ފައިސާ ހޯދައި، އެ ފައިސާ ބޭނުން ކޮށްފައިވާކަން ސާކޯޒީގެ މައްޗަށް ސާބިތުވެފައިވާ ކަމަށެވެ. އެކަމާ ގުޅިގެން ސާކޯޒީގެ ޤާނޫނީ ވަކީލުންގެ ފަރާތުން ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ، އެ މައްސަލަ ޔޫރަޕިއަން ކޯޓް އޮފް ހިއުމަން ރައިޓްސް އަށް ހުށަހެޅުމަށް ވިސްނަމުން ގެންދާ ކަމަށެވެ.

ސާކޯޒީގެ މި މައްސަލަ އަކީ ފްރާންސްގެ ސިޔާސީ ތާރީޚުގައި ވެސް މުހިންމު މައްސަލަ އަކަށް ވަނީ ވެފަ އެވެ. ސާކޯޒީ އަކީ ފްރާންސްގެ ކުރީގެ ރައީސުންގެ ތެރެއިން، އެންމެ ގިނަ އިން ޤާނޫނީ މައްސަލަ ތަކުގައި ދައުވާ ސާބިތުވެފައިވާ ފަރާތްކަން ފާހަގަ ކުރެވެ އެވެ.

މަސްދަރު: ރޮއިޓާސް
- ކޮމެންޓް