ރަޝިޔާގެ ފަރާތުން ކުރިމަތި ވެދާނެ ނުރައްކަލަކަށް ފްރާންސް ފަސް ޖެހިގެން ނުވާނެ ކަމަށް، އެ ޤައުމުގެ ރައީސް އިމަނުއެލް މެކްރޮން ވިދާޅުވެއްޖެ އެވެ.
އަންގާރަ ދުވަހު އާރްޓީއެލް ރޭޑިއޯ އަށް ދެއްވި އިންޓަވިޔުގައި މެކްރޮން ވިދާޅުވެފައި ވަނީ، މީގެ ކުރީ އަހަރުތަކާ އަޅާ ބަލާއިރު، ރަޝިޔާ އިން މިހާރު ވަރަށް ބޮޑަށް ހަނގުރާމައިގެ ވިސްނުމެއް ގެންގުޅޭ ކަމަށެވެ. އަދި ރަޝިޔާގެ ފަރާތުން ކުރިމަތިވާ ނުރައްކާތަކާ ކުރިމަތިލާއިރު، ފްރާންސް އިން ފަސް ޖެހުން ދައްކައިފި ނަމަ، އެއީ ބޮޑު ގޯހެއް ކަމަށް މެކްރޮން ވިދާޅުވި އެވެ.
މީގެ އިތުރުން ފްރާންސްގެ އަމިއްލަ ވަންތަކަމާއި، އަމިއްލަ ޤައުމުގެ ރައްޔިތުން ރައްކާތެރި ކުރަން ބޭނުންވާ ނަަމަ، އެންމެ ބޮޑު ނުރައްކަލެއް ކުރިމަތި ވެފައިވާ ބާރަކާ ދެކޮޅަށް ފްރާންސް އިން ގަދަކަން ދައްކަން ޖެހޭ ކަމަށް މެކްރޮން ވަނީ ވިދާޅުވެފަ އެވެ.
ހަމަ އެހެންމެ، އޭނާ އަށް އެންމެ ބޮޑު ކަންބޮޑުވުން އަދި އެންމެ އިސްކަމަކީ ފްރާންސް ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުން ކަމަށް މެކްރޮން ވިދާޅުވެފައިވެ އެވެ. އެކަން ކުރުމަށްޓަކައި، ރަޝިޔާގެ ފަރާތުން އަންނަ ނުރައްކާ ތަަކަށް ފްރާންސް އިން ޚަރުދަނާ ގޮތެއްގައި ރައްދު ދޭން ޖެހޭ ކަމަށް މެކްރޮން ވަނީ ފާހަގަ ކުރައްވައިފަ އެވެ.
ރަޝިޔާ އިން ޔުކްރެއިންއާ ދެކޮޅަށް ހިންގަމުން އަންނަ ހަނގުރާމައާ ގުޅިގެން ޔޫރަޕުގެ ސަލަމާތީ ޙާލަތަށް ބޮޑެތި ބަދަލު ތަކެއް އައިސްފައިވާއިރު، މެކްރޮން ވަނީ ރަޝިޔާގެ ޙަރަކާތްތަކާ ދެކޮޅަށް ފްރާންސް އިން ވަރު ގަދަ ރައްދެއް ދޭން ޖެހޭ ކަމަށް މީގެ ކުރިން ވެސް ތަކުރާރުކޮށް ވިދާޅުވެފަ އެވެ.
ޔޫރަޕިއަން ޔޫނިއަންގެ އެންމެ ބާރު ގަދަ ޤައުމު ތަކުގެ ތެރޭގައި ފްރާންސް ހިމެނޭއިރު، މެކްރޮން ވަނީ ޔޫރަޕުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ވަކި ޤައުމަކަށް ބަރޯސާ ވެގެން ނުވާނެ ކަމަށް ވެސް ވިދާޅުވެފަ އެވެ.
މިފަހަކަށް އައިސް ރަޝިޔާގެ ރައީސް ވުލަޑިމިއަރ ޕުޓިން ގެންދަވަނީ ނިއުކްލިއާ ހަތިޔާރު ބޭނުން ކުރުމުގެ އިންޒާރުތައް ދެއްވަމުންނެވެ. އެކަމާ ގުޅިގެން ނޭޓޯގެ ޤައުމު ތަކުގެ ލީޑަރުން ވަނީ ރަޝިޔާގެ ފަރާތުން އަތުވެދާނެ ނުރައްކަލަކަށް ވަރުގަދަ ރައްދެއް ދޭން ޖެހޭ ކަމަށް ވިދާޅުވެފަ އެވެ.
މީގެ ކުރިން ވެސް މެކްރޮން ވަނީ އެކި ފަހަރު މަތިން ރަޝިޔާގެ ރައީސް ޕުޓިންއާ ދެކޮޅަށް ވާހަކަ ދައްކަވައިފަ އެވެ. އަދި ރަޝިޔާ އާއި ޔުކްރެއިންއާ ދެމެދު ހިނގަމުން އަންނަ ހަނގުރާމަ ހުއްޓުމަކަށް ގެނެސް، ސުލްޙަ ޤާއިމު ކުރުމުގައި ޔުކްރެއިންގެ ސަލާމަތާއި ރައްކާތެރި ކަމަށް ވިސްނަން ޖެހޭ ކަމަށް މެކްރޮން މީގެ ކުރިން ވިދާޅުވެފައިވެ އެވެ.