އާންމު ރައްޔިތުންނަށް ބޭސް ލިބުން ދަތިވެ، އެތައް ބައެއްގެ ފުރާނައަށް ނުރައްކާވާ ހިސާބަށް ގޮސްފައިވާ ކަމަށް ބުނެ ހުށަހެޅި ކުއްލި މައްސަލަ ރައްޔިތުންގެ މަޖިލީހުން ބޭރު ކޮށްލައިފި އެވެ.
ބުދަ ދުވަހުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އާންމު ރައްޔިތުންނަށް ބޭސް ލިބުން ދަތިވެ އެތައް ބައެއްގެ ފުރާނަ އަށް ނުރައްކާވާ ހިސާބަށް ގޮސްފައިވާ މައްސަލަ ސަރުކާރުގެ ސަމާލު ކަމަށް ގެނައުމަށް ކުއްލި މައްސަލަ އެއް ވަނީ ހުށަހަޅާފަ އެވެ. މި މައްސަލަ ހުށަހެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) އެވެ.
މައްސަލަ ހުށަހަޅުއްވަމުން ކުޑޫ ވިދާޅުވީ ބޭސް ލިބުމުގެ ދަތިކަން ބޮޑުވެފައިވާކަމުގެ ޝަކުވާ ރައްޔިތުން ކެނޑިނޭޅި ކުރަމުން ދާ ކަމަށެވެ.
މީގެ ކުރިން އާސަންދަ އިން ލިބެމުން ދިއަ ބޭސްތައް ދިނުން އާސަންދަ އިން ހުއްޓާލި ފަހުން ފާމަސީތަކުން އަމިއްލަ އަށް ގަންނަން ލިބުނު ނަމަވެސް، މިހާރު ބޮޑު އަގުގައި ވެސް އެ ބޭސްތައް ގަންނަން ނުލިބޭ ކަން ރައްޔިތުން ފާހަގަ ކުރާ ކަމަށް ކުޑޫ ވިދާޅުވި އެވެ.
ކުއްލި މައްސަލައިގައި ބުނީ ބޭސް ނެގުމަށް އެތައް ފާމަސީއަށް ގޮސްގެން ވެސް ބޭސް ހަމަނުވާ ކަމުގެ ޝަކުވާ އާއި މުހިންމު އެތައް ބޭހެއް އެއްގޮތަކަށް ވެސް ނުލިބޭކަމުގެ ޝަކުވާ ރައްޔިތުން ކުރަމުންދާ ކަމަށެވެ.
ބޭސް ލިބުން ދަތިވުމުގެ ސަބަބުން ބޮޑެތި ބަލިތަކަށް ފަރުވާކުރާ މީހުންނާއި، ދާއިމީ ބަލިތަކާއި، ނަފްސާނީ ބަލިތަކުގެ އިތުރުން އުމުރުން ދުވަސްވީ މީހުންނަށާއި މާބަނޑު މީހުންނަށް ދޭ ޚާއްސަ ބޭސްތައް ހުސްވެފައިވާތާ އެތައް ދުވަހެއް ވެއްޖެ ކަމަށް މައުލޫމާތު ލިބެމުން ދާ ކަމަށް ވެސް ކުޑޫ ވިދާޅުވި އެވެ.
އޭގެ އިތުރުން ބޭސް ލިބޭނެ ތަނެއް ނުވަތަ ގޮތެއް ހޯދުމަށްޓަކައި ކޮންމެ ދުވަހަކު ވެސް އެތައް ބަޔަކު ސޯޝަލް މީޑިއާގައި އާންމުންގެ އެހީތެރިކަމަށް އެދެމުންދާ މަންޒަރު ނުހަނު ގިނައިން ފެންނަ ކަމަށް ވެސް ކުޑޫ ވިދާޅުވި އެވެ. އަދި ވިދާޅުވީ މިއީ އަނެއްކާ ވެސް ދިވެހި ރައްޔިތުން "ބޭސް ސިޓީ އަށް ސަލާންޖަހަން" ދައުލަތުން މަޖުބޫރު ކުރުވުން ކަމަށެވެ.
މި ކުއްލި މައްސަލަ މަޖިލީހުން ވަނީ ބޭރު ކޮށްލާފަ އެވެ. އެގޮތުން އެ މައްސަލަ މަޖިލީހުން ބޭރުކޮށްލީ މައްސަލަ ބަލައިގަތުމާ މެދު ނެގުނު ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 36 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. ކުއްލި މައްސަލަ ބަލައިގަތުމަށް ފެންނަ ކަމަށް ވޯޓު ދެއްވީ 11 މެންބަރުންނެވެ.
މައްސަލަ ބޭރު ކޮށްލުމުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ކުޑޫ ވިދާޅުވީ ބޭސް ލިބުމުގައި ދަތިކަން އުޅޭކަން ރައްޔިތުންގެ މަޖިލީހަށް ގަބޫލު ނުކުރެވުނު ކަމަށެވެ.