ޑޮކްޓަރުން ބައެއް ފަހަރު ވަކި ސްޕެސިފިކް ބްރޭންޑެއް ލިޔުއްވައިފި ނަމަ އެ ބްރޭންޑެއް ނުލިބުމުގެ ހާލަތްތައް ބައެއް ދަނޑިވަޅުގަ އާދޭ. އެހެން ނަމަވެސް މިކަން ހައްލު ކުރުމަށްޓަކައި ވެސް ކުރަންޖެހޭ ކަންކަން ކުރެވި، އަޅަންޖެހޭ ފިޔަވަޅު އެޅެމުން ދަނީ،
ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް![]()
އާސަންދަ އިން ލިބޭ އެއްވެސް ބޭހެއް ހުއްޓާލާފައި ނުވާނެ ކަމަށާ ޑޮކްޓަރުން ބައެއް ފަހަރު ލިޔުއްވާ ވަކި ކަހަލަ ބްރޭންޑެއްގެ ބޭސް ނުލިބުމުގެ ހާލަތްތައް ދިމާވާ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް ވިދާޅުވެއްޖެ އެވެ.
ބުދަ ދުވަހުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް މިނިސްޓަރު ނާޒިމް ވަނީ ހާޒިރުވެވަޑައިގެންފަ އެވެ. މިނިސްޓަރާ ސުވާލު ކުރެއްވުމުގެ ވަގުތުގައި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް ވަނީ ބައެއް އަސާސީ ބޭސް ލިބުމުގައި ވަރަށް ބޮޑެތި ދަތިތަކެއް ހުރި ކަމުގެ ޝަކުވާ ރައްޔިތުން ކުރަމުންދާ ކަން ފާހަގަކުރައްވާފަ އެވެ.
އެހެންކަމުން މިނިސްޓަރު އެކަން ގަބޫލު ކުރައްވަންތޯ މެންބަރު ސުވާލު ކުރެއްވި އެވެ.
އެސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ނާޒިމް ވިދާޅުވީ ބައެއް ހާލަތްތަކުގައި ބައެއް ބޭސްތައް ނުލިބޭ ފަހަރު އަންނަ ކަމަށެވެ. އަދި އެ މައްސަލަ ދިމާވަނީ ވަކި ޚާއްސަ ބްރޭންޑެއްގެ ބޭސް ލިބުމުގައި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ނާޒިމް ވިދާޅުވީ އެންމެ ބޮޑަށް ދިމާވާ މައްސަލައަކީ ވަކި ބްރޭންޑެއް ގެ ބޭސް ހޯދަން ޖެހުން ކަމަށެވެ. އެގޮތުން ދުނިޔޭގެ ހުރިހާ ތަނެއްގައި ވެސް ވަކި ބްރޭންޑެއްގެ ބޭސް ލިބުމުގައި ދަތިތައް ކުރިމަތި ވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އެކަން ދިމާވަނީ ވަކި ބްރޭންޑެއްގެ ބޭހެއް ހޯދަން އުޅޭތީ ކަމަށާ އެކަން ވެސް މަދު ކުރަން މަސައްކަތް ކުރަމުން ދާ ކަމަށް ނާޒިމް ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ އާސަންދަ އިން ލިބޭ އެއްވެސް ބޭހެއް ހުއްޓާލާފައި ވެސް ނުވާނެ ކަމަށެވެ. އަދި މިހާރު ވެސް އާސަންދަ އިން ލިބޭ ބޭސް އިތުރު ކުރުމުގެ މަސައްކަތް ކުރަމުން ދާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އާސަންދަ އިން ލިބޭ ބޭސްތައް އިތުރު ކުރުމުގެ މަސައްކަތް ކުރަމުންދަނީ ގައުމުގެ ބަލިމަޑުކަމުގެ ހާލަތަށް ބެލުމަށްފަހު ގައި ކަމަށް ވެސް މިނިސްޓަރު ނާޒިމް ވިދާޅުވި އެވެ.
ބައެއް އަސާސީ ބޭސް ލިބުން ދަތިވުމުގެ ސަބަބުން ބޮޑެތި ބަލިބައްޔަށް ފަރުވާކުރާ މީހުންނާ އުމުރުން ދުވަސްވީ މީހުންގެ އިތުރުން މާބަނޑު މީހުންނަށް ދޭ ޚާއްސަ ބޭސްތައް ނެތިގެން އެކަމުގެ ޝަކުވާ މިހާރު ވެސް ގިނަ ބަޔަކު ސޯޝަލް މީޑިއާގައި ދަނީ ފާޅު ކުރަމުންނެވެ.