Advertisement
ކ. މާލެ
|
26 ނޮވެންބަރ 2025 | ބުދަ 13:14
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މަޖިލީހުގެ ރައީސް ޢަބްދުއްރަހީމް ޢަބްދުﷲ
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މަޖިލީހުގެ ރައީސް ޢަބްދުއްރަހީމް ޢަބްދުﷲ
މަޖިލިސް
މަޖިލިސް ޖަލްސާ
މުހިންމު މަސައްކަތްތަކެއް ނުނިމި ހުރި ކަމަށް ބުނެ މަޖިލީހުގެ ތިން ވަނަ ދައުރު ދަންމާލައިފި
މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ މި ދައުރުގައި މުހިންމު މަސައްކަތްތަކެއް ހުރި ކަމަށް
ދައުރު ދަންމާލަން ނުފެންނަ ކަމަށް 7 މެންބަރުން ވޯޓު ދެއްވި ނަމަވެސް 55 މެންބަރުންގެ އަޣުލަބިއްޔަތުން ފާސްކުރީ ޑިސެމްބަރު 4 ވަނަ ދުވަހުގެ ނިޔަލަށް ދަންމާލަން

ރައްޔިތުންގެ މަޖިލީހުގައި މުހިންމު މަސައްކަތްތަކެއް ނުނިމި ހުރި ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފަހު ދައުރު އަންނަ ޑިސެމްބަރު މަހުގެ 4 ވަނަ ދުވަހުގެ ނިޔަލަށް ދަންމާލަން ފާސްކޮށްފި އެވެ.

ބުދަ ދުވަހުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ފައްޓަވަމުން ރިޔާސަތުގައި އިންނަވާ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ މަޖިލީހުގެ މި ދައުރު ގައި މުހިންމު މަސައްކަތްތަކެއް ހުރި ކަމަށް ވިދާޅުވެފަ އެވެ.

އެހެން ކަމުން އަންނަ ޑިސެމްބަރު މަހުގެ 4 ވަނަ ދުވަހުގެ ނިޔަލަށް މި އަހަރުގެ ފަހު ދައުރު ދަންމާލަން ގަސްތުކުރައްވާ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

ރިޔާސަތުގެ އެ ހުށަހެޅުމާ އެއްގޮތަށް ވޯޓު ގަޑީގައި އެކަމަށް ވޯޓަށް އަހާފައި ވެއެވެ. މި ހިނގާ 2025 ވަނަ އަހަރުގެ ތިން ވަނަ ދައުރު ދަންމާލަން މަޖިލީހުން ފާސްކުރީ އެކަމަށްޓަކައި ނެގުނު ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 55 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. ދައުރު ދަންމާލަން ނުފެންނަ ކަމަށް 7 މެންބަރުން ވޯޓު ދެއްވި އެވެ.

މި ދައުރުގައި މުހިންމު މަސައްކަތްތަކެއް ހުރުމާއެކު ދައުރު ދިގު ކުރަން ހުށަހެޅުއްވި ނަމަވެސް އެކަމުގެ އިތުރު ތަފްސީލެއް އަބްދުއްރަހީމް ދެއްވާފަ އެއް ނުވެ އެވެ.

ގާނޫނު އަސާސީގައި ބަޔާން ކޮށްފައިވާ ގޮތުން މަޖިލީހުގެ މަސައްކަތްތައް ބެހިފައިވަނީ ކޮންމެ އަހަރެއްގައި ވެސް ތިން ދައުރަށެވެ. އެގޮތުން މަޖިލީހުގައި ގަވާއިދުގައި ވަނީ މަޖިލީހުގެ ފުރަތަމަ ދައުރު ހިނގާނީ އަހަރުގެ ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން މޭ މަހުގެ 15 ވަނަ ދުވަހަށް ކަމަށެވެ.

މަޖިލީހުގެ ދެވަނަ ދައުރު ހިނގާނީ ޖޫން މަހުގެ 1 އިން ފެށިގެން އޮގަސްޓު މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށެވެ. އަދި ތިން ވަނަ ދައުރު ހިނގާނީ އޮކްޓޫބަރު 1 އިން ނޮވެމްބަރު މަހުގެ ނިޔަލަށެވެ.

- ކޮމެންޓް