ކ. މާލެ
|
25 ނޮވެންބަރ 2025 | އަންގާރަ 19:24
ގާނޫނު އަސާސީއަށް ބަދަލުގެނެސް އެއްފިޔަވަޅު ފަހަތައް
ގާނޫނު އަސާސީއަށް ބަދަލުގެނެސް އެއްފިޔަވަޅު ފަހަތައް
ރާއްޖެއެމްވީ
މަގޭ ރިޕޯޓު
ޤާނޫނު އަސާސީއަށް ބަދަލު ގެނެސް އެއް ފިޔަވަޅު ފަހަތަށް!
އަތޮޅު ކައުންސިލްތައް އުވާލުމަކީ ޤާނޫނު އަސާސީގައި ހިމެނޭ ލާމަރުކަޒީ ނިޒާމަށް ބޮޑު ހުރަހެއް ކަމަށާއި، ޚަރަދު ކުޑަކުރުމުގެ ނަމުގައި މިކަން ކުރާއިރު ސަރުކާރު ދަނީ ވަޒީފާތަކުގައި ހާހުން މީހުން އަޅަމުން ބަޖެޓް ހުސްކުރަމުން ކަމަށް ފާހަގަކުރެވެއެވެ. ރައްޔިތުންގެ ވޯޓުން އިންތިހާބުވާ ކައުންސިލްތަކުގެ ހިޔާލުވެސް އަހާނުލައި ގެންނަ މި ބަދަލުތަކަކީ ރައްޔިތުންގެ ބާރު ކަނޑުވާލުމުގެ މަސައްކަތެއް ކަމުގެ ކަންބޮޑުވުން ފާޅުކުރެވެއެވެ.

އަތޮޅުވެރިކަން ނުވަތަ އަތޮޅު ކައުންސިލް އަކީ، ދިވެހިރާއްޖޭގެ ތަބީޢީ ޖޯގްރަފީގައި ހިމެނޭ މުހިއްމު ސިފައެކެވެ. ޤާނޫނު އަސާސީއަށް ބަދަލު ގެނެސް މިއަދު އެ އުވާލެވުނީ މި ދިވެހިރާއްޖޭ ގައި އިންސާނުން ވަޒަންވެރިވުމުގެ މާކުރިން ވެސް ތަބީޢީ ނިޒާމުގެ ތެރޭގައި ހިމެނިފައި އޮތް ބައެކެވެ.

ދިވެހިރާއްޖޭގެ ޖޯގްރަފީ ގޮތުން އޮންނަނީ ތިން ބަޔަކަށެވެ. އެއީ ރަށް، އަތޮޅު، އަދި ހާރެއްފަދައިން އެކުލަވާފައި އޮތް މުޅި ރާއްޖެ އެވެ. އަތޮޅު ކައުންސިލްތައް އުވާލައި މައުމޫނު ޒަމާނުގައި ހެދި ގޮތަށް ލޯކަލް ގަވަރންމަންޓް އޮފީސްތަކުގެ އަތޮޅު އޮފީހުގައި ހިންގައި އަތޮޅުގޭ ބަދިގެއިން އެބޭފުޅުންނަށް ކާންދޭން ފެއްޓެވީމާ ޚަރަދު ކުޑަ ވާނީކީ ނޫނެވެ. އެ ފިޔަވަޅު އެޅުނީ ފަހަތަށެވެ.

މުޢިއްޒު އިރެއްގައި މާލޭ ސިޓީގެ މޭޔަރުކަން ކުރެއްވީތީ އަދި އެ ނޫންވެސް ސަބަބުތައް ދައްކަވައިގެން ރައީސް ޑރ.މުހައްމަދު މުއިއްޒު އަބަދުވެސް ސިފަ ކުރަނީ ލާމަރުކަޒީ ޗެމްޕިއަނެއްގެ ގޮތުގަ އެވެ. އެވެރިން ބުނާތީ އަޑު އަހަމެވެ. ލާމަރުކަޒީ ނިޒާމުގައި ހުރި ބާގަނޑުތައް އެ މަނިކުފާނަށް ވުރެ ރަނގަޅަށް އެނގިވަޑައިގަންނަވާނެ އެކަކު ވެސް ނުހުންނާނެ އެވެ. އެހެނަސް މި ރައީސްގެ އަމަލު ހުރި ނެތްގޮތް ފެނިއްޖެ އެވެ.

އަތޮޅު ކައުންސިލްތަކަކީ ގާނޫނުއަސާސީގެ އަށްވަނަ ބާބު ކަމަށްވާ ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތައް ހިންގުމުގެ ހަމަތައް ބަޔާންކުރާ ބާބުގެ ދަށުން އުފައްދާފައިވާ އިދާރާތަކެކެވެ. އަތޮޅު ކައުންސިލްގައި ހިމެނެނީ އަތޮޅުގެ ހުރިހާ ރައްޔިތުން ވޯޓު ލައިގެން އިންތިހާބުކުރާ އަތޮޅު ރައީސެއްގެ އިތުރުން އެ އަތޮޅެއްގައި ހިމެނޭ ހުރިހާ ރަށެއްގެ ކައުންސިލްތަކުގެ ރައީސުންނެވެ.

ޚަރަދު ކުޑަ ކުރުމުގެ ނަމުގައި އަތޮޅު ކައުންސިލްތައް އުވާލުމަށް ރައީސް މުއިއްޒު ނިންމަވާފައި ވާއިރު އިންތިޚާބުތަކާއި ދިމާކޮށް ހާހުން ވަޒީފާތައް ބަހާ މުއިއްޒު ދަނީ ދައުލަތުގެ ބަޖެޓް އަމިއްލަ ބޭންކް އެކައުންޓްެހެން ހުސްކުރަމުންނެވެ. ފެނަކަ، އާރްޑީސީ އަދި އެމްޓީސީ ފަދަ ކުންފުނިތަކުގައި މުވައްޒަފުން ވަންނާނެ އިމާރާތެއް، އިށީންނާނެ ގޮނޑިއެއް ހާ ހިސާބު ނެތް އިރުވެސް މި ކުންފުނިތަކަށް ހުސް ނުވާ ވަރަށް މީހުން ވަޒީފާއަށް އަންނަނީ ނަގަމުންނެވެ.

ޚަރަދު ކުޑަކޮށް، ގައުމު އޮތް އިގްތިސާދީ ހީނަރުކަމުން އަރައިގަތުމަށް މުއިއްޒު ގެންގުޅުއްވާ މާސްޓަރ ޕްލޭން އަކީ މިއީތޯ އެވެ. މި ސަރުކާރަށް މިހާރު ރައްޔިތުން ބޮޑު ތަނުން "ނޯ" ޖަހައިފައިވާތީ ރައްޔިތުންގެ ހުރިހާ ބާރެއް ކަނޑުވާލަން މުއިއްޒު އަންނަނީ ކުރެވެން އޮތް ހުރިހާ ކަމެއް ކުރަމުންނެވެ.

ލާމަރުކަޒީ ޤާނޫނުތަކަށް ބޮޑެތި ބަދަލުތަކެއް ގެނައުމުގެ ސައްލާ މެމްބަރުންނާއި ހަމައަށް އޮއްސާލީ، ކައުންސިލަރުން ކައިރީގަ ހޭ ވެސް އަހާނުލަ އެވެ. އަތޮޅު ކައުންސިލްތަކުން އެކަމަށް ދެކޮޅު ހަދަހަދާ ތިއްބަ އެވެ. އަތޮޅު ކައުންސިލްރުންނާއި ރައްރަށުގައި ތިއްބަވާ ކައުންސިލަރުންގެ ޚިޔާލާއި ރައުޔަށް އިޚުތިރާމް ކުރާ މިންވަރު މިކަމުން އެކަނި ވެސް ހާމަވޭ ނޫންތޯ އެވެ.

- ކޮމެންޓް