ބޯހިޔާވަހިކަމުގެ މައްސަލަ އަކީ މުޅި ރާއްޖޭއަށް ދިމާވެފައިވާ އެންމެ ބޮޑު އިޖުތިމާއީ މައްސަލަ އެވެ. ޚާއްސަކޮށް މިމައްސަލަ އެންމެ ބޮޑަށް ކުރިމަތިވެފައިވަނީ މާލެ ސަރަހައްދަށެވެ. އެ ގޮތުން މި މައްސަލަ ހައްލު ކުރުމަށް ފާއިތުވެ ދިޔަ ސަރުކާރުތަކުގައި އެކި ފެންވަރުގައި މަސައްކަތްތައް ކޮށްފައިވެ އެވެ.
އެގޮތުން ފާއިތުވެދިޔަ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ދެ އަހަރު ވެސް ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯއްދަވައި ދެއްވާނެ ކަމަށް އެމަނިކުފާނު ތަކުރާރުކޮށް އެކިއެކި ޕޯޑިއަމްތަކުގައި ވިދާޅުވެފައި ވެ އެވެ. ނަމަވެސް ބޯހިޔާވަހިކަން ފޯރުކޮށް ދިނުމަށް ސަރުކާރަށް ކާމިޔާބު އެއްވެސް މަސައްކަތެއް ކުރިވެފައިނުވުމަކީ ވަރަށް ބޮޑު ފެއިލް ވުމެކެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުގައި ގެދޮރުވެރިޔާ ސްކީމްގެ ދަށުން އަޅައި ނިންމާފައިވާ ފްލެޓުތައް ދޫ ކުރެވިފައިނުވާއިރު، ބިންވެރިޔާ ސްކީމްގެ ދަށުން ދޫކޮށްފައިވާ ގޯތިތައް ދޫކޮށް ނިމިފައިނުވެ އެވެ.
މީގެ އިތުރުން މާލެ ސަރަހައްދުގައި ހިއްކަން ފަށައި ނުނިމި ހުރި ހުޅުމާލެ ފޭސް ތިނެއް، ގިރާވަރުފަޅު، އަދި އުތުރު ތިލަފަޅުގެ ބިން ހިއްކުމުގެ މަސައްކަތް ވެސް ކުރިއަށް ކުރިއަށް ގެންގޮސްފައިނުވެ އެވެ. 2025 ވަނަ އަހަރުގެ އޮކްޓޫބަރު މަސް ތެރޭގައި އަނެއްކާ ވެސް މި ސަރަހައްދުތައް ހިއްކުމުގެ މަސައްކަތް ވަނީ ސަރުކާރުގެ އެއާޕޯޓު ހިންގާ ކުންފުނި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އާ ހަވާލުކޮށްފަ އެވެ.
ރައީސް މުއިއްޒުގެ ސަރުކާރަށް ދެ އަހަރު ވެފައިވާއިރު، އެކިއެކި ރަސްމިއްޔާތު ތަކުގައި ރައީސް މުއިއްޒު ވަނީ އެކި ތާރީޚުތައް ދެއްވާފަ އެވެ. އެގޮތުން 2024 ވަނަ އަހަރު ބޭއްވި ހަފްތާ 52 ފާހަގަކުރުމުގެ ރަސްމިއްޔާތުގައި ރައީސް މުއިއްޒު ވިދާޅުވެފައިވަނީ ހުޅުމާލެ ފޭސް 3 ގެ 38 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށާއި، ކުރިއަށް އޮތް 6 މަސް ތެރޭގައި އެއްކޮށް ހިއްކާ ނިމޭނެ ކަމަށެވެ. ނަމަވެސް އޭގެފަހުން އަހަރެއް ވެފައިވާއިރު، އަމަލީ މަސައްކަތް އޮތީ ހުއްޓިފަ އެވެ.
މީގެ އިތުރުން ގިރާވަރުފަޅު ވެސް ޕްލޭންއާ އެއްގޮތަށް ކުރިއަށް ގެންދިޔަ ނަމަ އޮކްޓޫބަރު މަސް ތެރޭގައި އެއްކޮށް ހިއްކާ ނިންމޭނެ ކަމަށް އޭރު އެ މަސައްކަތް ކުރަމުންދިޔަ ނެދަލޭންޑްސްގެ ސީއެމްސީ-ބޮސްކާލިސް ޖޮއިންޓު ވެންޗާ ކުންފުނިން ބުނެފައިވެ އެވެ.
ކަންމިހެން އޮތްއިރު، 2025 ވަނަ އަހަރަކީ ބޯހިޔާވަހިކަމުގެ ރަން ޒަމާނެއްގެ ފެށުން ކަމަށް މިސަރުކާރުން ބުނެ އެވެ. ނަމަވެސް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުގައި ހިއްކާ ނިންމުމަށްފަހު ހަވާލުކުރި ގުޅީފަޅު ތަރައްގީގެ މާސްޓަރ ޕްލޭން ވެސް މި ސަރުކާރަށް ފައިނަލް ކުރެވިފައިނުވެ އެވެ. ގުޅީފަޅުން ވެސް ގޯތި ލިބިފައިވާ މީހުންގެ ރަޖިސްޓްރީ ވެސް އެތައް ފަހަރަކު ބަދަލު ކޮށްފައިވެ އެވެ.
އެންމެފަހުން މާލެ ސަރަހައްދުގެ ބޯހިޔާވަހިކަމާ ގުޅޭގޮތުން 14 ނޮވެންބަރު 2025 ގައި ޕީއެންސީން ބޭއްވި ބޮޑު އެއްވުމުގައި ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެފައިވަނީ މި ސަރަހައްދުތަކުގެ ފަޅު ހިއްކާ ޑްރެޖަރު މިމަހުގެ 23 ގައި މާލެއަށް ވަންނާނެ ކަމަށާއި، މި ޑްރެޖަރު އައުމާއެކު ބިން ހިއްކުމުގެ އަމަލީ މަސައްކަތްތައް ފެށޭނެ ކަމަށެވެ.
ބޯހިޔާވަކަމުގައި ރައީސް މުއިއްޒުގެ އެންމެ ބޮޑު ތަސައްވުރު ކަމަށްވާ ރަސްމާލެ މަޝްރޫއު ވެސް އޮތީ ފެއިލް ވެފަ އެވެ. ކުރީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހުއްޓުވުމަށްފަހު، އެމަނިކުފާނު ދައުރުގެ ފުރަތަމަ 2 މަސްތެރޭ ފެއްޓެވި މަސައްކަތްތަކުގެ ތެރޭގައި އަމަލީ މަސައްކަތް ފެށި ރަސްމާލެ ނިންމުމަށް ވެސް ގިނަ ތަރީހުތަކެއް ދެއްވި އެވެ.
18 ޑިސެންބަރު 2023 ގައި މަސައްކަތް ފަށައި ޖުމްލަ އަށް މަހުން ހިއްކަން ބުނި ރަސްމާލެ ހިއްކުމުގެ މަޝްރޫއުގައި ހިމެނެނީ ޖުމްލަ 1153 ހެކްޓަރުގެ ބިމެވެ. އަމަލީ މަސައްކަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް މުއިއްޒު ވިދާޅުވީ އަށް މަސް ދުވަހުން ރަސްމާލެ ހިއްކާ ނިމޭނެ ކަމަށެވެ.
ނަމަވެސް، އޭގެފަހުން 27 ޖުލައި 2024 ގައި ރައީސް މުއިއްޒު ވަނީ މި މަޝްރޫއު ނިންމުމަށް އިތުރު އަށް މަސް ބޭނުންވާ ކަމަށް ވިދާޅުވެފަ އެވެ. އޭގެފަހުން ވެސް މަސައްކަތް ކުރިއަށް ނުދެ އެވެ. އަދި އަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސް މުއިއްޒު ވިދާޅުވީ 2025 ވަނަ އަހަރު ނިމުމުގެ ކުރިން ރަސްމާލެ ހިއްކާ ނިންމޭނެ ކަމަށެވެ.
ސެންޓިނެލް-2 ސެޓެލައިޓުން އެންމެ ފަހުން ނަގާފައިވާ ފޮޓޯތަކުން އެނގޭ ގޮތުން، ރަސްމާލެއިން މިހާތަނަށް ހިއްކިފައިވަނީ 200 އެއްހާ ހެކްޓަރުގެ ބިމެވެ. އެއީ ފުރަތަމަ ހިއްކި ސައިޓު ޖޭ ގެ 29 ހެކްޓަރާއި ސައިޓު ސީގެ 63 ހެކްޓަރާއި ސައިޓު އެލް ގެ 115 އެއްހާ ހެކްޓަރެވެ. މި ބިންތައް އެއްކޮށްލުމުން މިހާތަނަށް ހިއްކުނީ ޖުމްލަ ބިމުގެ އެންމެ 18 ޕަސެންޓެވެ.
މި މަޝްރޫއު ކުރިއަށް ގެންދިއުމުގައި ވެސް ބޮޑެތި އޮޅުވާލުން ތަކެއްވާ ކަމަށް ގިނަ ބަޔަކު ތުހުމަތު ކުރެ އެވެ. ދައުލަތުން އެންމެ ރުފިޔާއެއް ހަރަދު ނުކޮށް މިމަޝްރޫއު ކުރިއަށް ގެންދާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވި ނަމަވެސް ރަސްމާލެ ހިއްކަން ބޭނުންވާ ފައިސާ ހަމަޖެއްސުމަށް ސަރުކާރުގެ ތިން ކުންފުންޏެއް މެދުވެރިކޮށް 600 މިލިއަން ޑޮލަރުގެ ލޯނު ނަގަން ނިންމާފައިވާކަން ވަނީ ހާމަ ވެފަ އެވެ.
އެހެންކަމުން ރައީސް މުއިއްޒު ސަރުކާރުގެ ދެ އަހަރަކީ މާލެ ސަރަހައްދުގެ ބޯހިޔާވަހިކަމަށް ވަރަށް ބޭކާރު ދެ އަހަރެވެ. އަތޮޅުތެރޭގެ ހާލަތު ވެސް އޮތީ މި ގޮތަށެވެ. ކުރީ ސަރުކާރުގައި ފަށާފައިވާ ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ވެސް ކުރިއަށް ނުގެންދެ އެވެ. ބައެއް ރަށްރަށުގައި އިމާރާތް ކޮށްފައިވާ ރޯ ހައުސްތަކާ ފްލެޓުތައް ހަލާކު ވާން ވަނީ ދޫކޮށްލާފަ އެވެ. މިފަހުން ބ.ތުޅާދޫ ރޯހައުސް އަދި ޅ.ހިންނަވަރުގެ ހައުސިން ޔުނިޓްތައް ވީރާނާ ވަމުންދާތީ އެކަމުގެ ކަންބޮޑުވުން ވެސް ފާޅު ކޮށްފައިވެ އެވެ.
ރާއްޖޭގެ އުތުރުގައި 20000 ހައުސިން ޔުނިޓް އަދި ދެކުނުގައި 20000 ހައުސިން ޔުނިޓް ތަރައްގީ ކުރުމަށް ރައީސް މުއިއްޒުގެ މެނިފެސްޓޯގައި ހިމަނުއްވާފައިވާއިރު، އެއްބަސްވުންތަކުގައި ސޮއި ކުރުމާއި، މަޝްރޫއުތަކަށް ކޮންޓްރެކްޓަރުން ހޯދުމަށް އިއުލާން ކުރުމަށްފަހު ބާތިލް ކުރުން ފިޔަވައި އެއްވެސް ކަމެއް ހިނގާފައިނުވެ އެވެ.
1.8 ބިލިއަން ރުފިޔާ އާއެކު 2025 ވަނަ އަހަރަކީ ރާއްޖޭގެ ތާރީޚުގައި ވެސް ބޯހިޔާވަހިކަމަށް އެންމެ ބޮޑު ބަޖެޓެއް ކަނޑައެޅި އަހަރެވެ. ނަމަވެސް މި އަހަރު ވެގެން މި ދިޔައީ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލު ކުރުމަށް އެންމެ ގާގަނޑެއް ވެސް ނުބޭއްވުނު އަހަރަށެވެ. ބޯހިޔާވަހިކަމުގެ ރަން ޒަމާނުގެ އަހަރު ވެގެން ދިޔައީ 1.8 ބިލިއަން ރުފިޔާ އަށް ވީ ގޮތެއް ނޭންގި، މުޅިން ބޭކާރުވި 365 ދުވަހަށެވެ. މުޅި ރާއްޖެއަށް ބޭކާރުވެގެން ހަވަޔަށް އަރައިގެން އެ ދިޔައީ 52 ހަފްތާ އެވެ.