މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓުން މ.މުލަކުގައި ހިންގާ ސެންޓަރުގައި ހުރި ކުޑަ ކުއްޖެއް ރަށު ތެރެއަށް ނުކުމެ، ކުޑަ ކުއްޖަކަށް އަނިޔާ ކޮށްފި އެވެ.
ހޯމަ ދުވަހުގެ ފަށާއިރު ޕްރޮގްރާމްގައި އަނިޔާ ލިބުނު ކުއްޖާގެ ބައްޕަ ވަނީ ވަރަށް ތަފްސީލު ކޮށް މި މައްސަލަ ހިނގާ ދިޔަގޮތް ހިއްސާ ކޮށްދީފަ އެވެ.
އެ ކުއްޖާގެ ބައްޕަ ބުނީ، މިސްކިތަށް ނަމާދަށް ދަނިކޮށް، ޖެންޑާ ބެލުމުގެ ދަށުގައި ހުރި ކުއްޖާ އޭނާގެ ދަރިފުޅާ މަގުމަތިން ދިމާކޮށް ރުފިޔާ ދޭން އަމުރުކޮށް، އަނިޔާ ކޮށްފައިވާ ކަމަށާއި، ސިނގިރޭޓް އަތުގައި ޖައްސާފައިވާ ކަަމަށެވެ. އަދި މި ވާހަކަތައް އެއްވެސް މީހަކާ ހިއްސާކޮށްފި ނަމަ މާރާލާނެ ކަމަށް ބުނެ އިންޒާރު ދީފައިވާ ކަމަށް އޭނާ ބުންޏެވެ.
އޭނާ ބުނީ، މި އަނިޔާގެ ސަބަބުން ދަރިފުޅު ހުރީ އަދިވެސް ޝޮކެއްގައި ކަމަށާއި، ވާހަކަ ވެސް ވަރަށް ނުދައްކާ ކަމަށެވެ.
މ. ފެމިލީ އެންޑް ޗިލްޑްރަންސް ސާވިސް ސެންޓަރުގައި ކުދިން ބެލެހެއްޓުމަށް 60 މުވައްޒަފުން ތިބިކަން ފާހަގަކޮށް އަނިޔާ ލިބުނު ކުއްޖާގެ ބައްޕަ ބުނީ، މި މައްސަލާގައި ޒިންމާ އެއްވެސް ފަރާތަކުން ނަގާފައިނުވާ ކަމަށާއި، ކުއްޖާ ޑޮކްޓަރަށް ދެއްކުމަށް ދިއުމަށް ވެސް އެ ސެންޓަރު މުވައްޒަފެއްގެ އެހީތެރިކަން ލިބިފައިނުވާ ކަމަށެވެ. އަދި ދައުލަތު ބެލުމުގެ ދަށުގައި ހުރި ކުއްޖެއް ރަށު ތެރެއަށް ނުކުމެ މާރާމާރީ ހިންގައި، ސިނގިރޭޓް ގަނެ، މިފަދަ އަމަލުތައް ހިންގުމުގެ ފުރުސަތު ލިބިފައި އޮތުމަކީ ކަންބޮޑުވާ މައްސަލަ އެއް ކަމަށެވެ.
މި ސެންޓަރުގައި ހުރި މި ކުއްޖާ ސްކޫލަށް ގޮސް ސްކޫލުގައި ވެސް މާރާމާރީ ހިންގާ ކުދިންނަށް އަނިޔާ ކުރާ ކަމުގެ ތުހުމަތު އެމީހާ ކޮށްފައިވެ އެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން ބުނީ، ދައުލަތުގެ ބެލުމުގެ ދަށުގައި އަތޮޅުތެރޭގެ ރަށެއްގައި ތިބޭ ކުދިންތަކެއް އެރަށުގެ ކުއްޖަކަށް ސިނގިރޭޓް ދިން މައްސަލައެއް 22 ނޮވެންބަރު 2025 ވަނަ ދުވަހުގެ އިރުއޮއްސި 6:35 އެހާއިރު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.
މި މައްސަލަ ކަމާގުޅުން ހުރި އިދާރާތަކާ ގުޅިގެން ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުނެ އެވެ.
ރާއްޖެއެމްވީ އަށް ސޯޝަލް އެންޑް ފެމިލީ ޑިވޮލަޕްމަންޓްގެ ޑެޕިއުޓީ މިނިސްޓަރ މަރިޔަމް ލަހުފާ ހަލީލް ވިދާޅުވީ، ކުޑަ ކުއްޖަކަށް އެއްވެސް ބާވަތެއްގެ އަނިޔާ އެއް ނުވަތަ އިހުމާލުވެގެން ރިޕޯޓް ކުރެވޭ މައްސަލަތަކަކީ މިނިސްޓްރީ އިން ހައްސާސް މައްސަލައެއްގެ ގޮތުގައި ބަލާނެ މައްސަލަތަކެއް ކަމަށެވެ.
އެފަދަ މައްސަލައެއް ހުށައެޅިއްޖެނަމަ، ކުއްޖާގެ ރައްކާތެރިކަން ކަށަވަރު ކުރުމަކީ މިނިސްޓްރީން އެންމެ އިސްކަންދޭ ކަންތައް ކަމަށާއި، މި މައްސަލައަކީ މިހާރު ފުލުހަށް ވެސް ހުށައަޅާފައިވާ މައްސަލައެއް ކަމުން، މިނިސްޓްރީ އިން މި މައްސަލައި ގައި ފުލުހުންނަށް ދޭން ޖެހޭ ފުރިހަމަ އެއްބާރުލުން ދީ މަސައްކަތް ކުރާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ މި ހާދިސާ ކުރިމަތިވި ކަމަށް ބުނާ ކުއްޖާގެ އާއިލާއާއެކު، މިނިސްޓްރީ އިން ގާތުން މަސައްކަތް ކުރަމުންދާ ކަމަށެވެ.