Advertisement
ކ. މާލެ
|
24 ނޮވެންބަރ 2025 | ހޯމަ 10:53
އިޖްތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާއާ ބެހޭ ވަޒީރު، ޑރ. އައިޝަތު ޝިހާމް
އިޖްތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާއާ ބެހޭ ވަޒީރު، ޑރ. އައިޝަތު ޝިހާމް
ދުވަސް އެމްވީ
ހާލު ކިހިނެއް؟
ސަރުކާރުގެ "ހާލު ކިހިނެއް" ޕްރޮގްރާމް: އެހީ ބޭނުންވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދޭ ކަމަށް ބުނެ މިނިސްޓަރު ހެއްދެވީ ދޮގެއް!
މިނިސްޓަރު ވިދާޅުވީ މި ޕްރޮގްރާމަކީ ވަގުތުން ވަގުތަށް ރައްޔިތުންނާ އެންމެ ގާތުން މައުލޫމާތު ލިބިގެންދާ ޕްރޮގްރާމެއް ކަމަށް

މި ސަރުކާރުގެ "ހާލު ކިހިނެއް" ޕްރޮގްރާމުގެ ޒަރިއްޔާ އިން އެހީތެރިކަން ބޭނުންވާ ކަމަށް ފާހަގަވެފައިވާ ފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ގަވާއިދުން ފޯރުކޮށްދެމުންދާ ކަމަށް ވިދާޅުވެ ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓަރު ޑރ. އާއިޝަތު ޝިހާމް ދޮގު ހައްދަވައިފި އެވެ.

ދައުލަތުގެ މީޑިއާ އަށް ދެއްވި އިންޓަރވިއު އެއްގައި މިނިސްޓަރު ވަނީ އެ ޕްރޮގްރާމް އަކީ ރައީސް މުއިއްޒުގެ މެނިފެސްޓޯގައި ހިމަނައިގެން ރައްޔިތުންނާ ގާތުން ރައްޔިތުންގެ ހާލު ދެނެގަތުމަށް ކުރިއަށް ގެންދާ ޕްރޮގްރާމް އެއް ކަމަށް ވިދާޅުވެފަ އެވެ.

އެ ޕްރޮގްރާމް އަކީ ވަގުތުން ވަގުތަށް، ރައްޔިތުންނާ އެންމެ ގާތުން، ރައްޔިތުންގެ މައުލޫމާތުތައް ލިބޭ ޕްރޮގްރާމް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

ހާލު ކިހިނެއް އެއީ މިނިސްޓްރީގެ ޕްރޮގްރާމްތަކުގެ ތެރެއިން ވަގުތުން ވަގުތައް، އެންމެ ގާތުން މައުލޫމާތު ލިބިގެން ދިއަ ޕްރޮގްރާމ ކަމަށާއިި ވަރަށް ހިތްގައިމު ގޮތަކަށް ޕްރޮގްރާމް ދިޔަ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި މިނިސްޓްރީން ގޭގެއަށް ދިޔައިމަ ދިވެހިންގެ އާދަކާދަ ހުންނަ ގޮތުން ހިތްހެޔޮ ކަމާ މެހެމާން ދާރީ އަދާކުރުން ފާހަގަކުރެވުނު ކަމަށާއި ގޭގެ އަށް ވަދެ މީހުންނާ ވާހަކަދެއްކީމަ އެ ލިބޭ ހިތްހަމަ ޖެހުމާ އެ އުފެދޭ ގުޅުންތައް އެއީ ވަރަށް ވަރުގަދަ ގުޅުންތަކެއް ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

އެ ޕްރޮގްރާމް ފައްޓައިގެން މިހާތަނަށް އައި އިރު 17،000 ގޭބިސީ އަކަށް ޒިޔާރަތް ކުރެވިއްޖެ. އަތޮޅުތަކުގަ ވެސް އަދި މާލޭގަ ވެސް. މިހާރު ހުޅުމާލޭގަ މަސައްކަތް ކުރެވެނީ. އެ މަސައްކަތުގެ ތެރެއިން އަޅުގަނޑުމެންނަށް އެކި ގޮތަށް އެބަ މީހުންނާ އެކު މަސައްކަތް ކުރެވޭ. ކަމަކަށް އެހީތެރިކަން ބޭނުންވެފަ ތިބޭ ފަރާތްތަކަށް، ދައުލަތުގެ ތެރެއިން އެހީތެރިކަން ހޯދުމުގަ ދަތިތައް ހުރި ފަރާތްތައް ދެނެގަނެވުނު. އޭގެ އަލީގަ ހަމަ ގަވާއިދުން ރައީސް ޑރ. މުއިއްޒު އޭގެ ނަތީޖާތައް ބައްލަވާ އަދި އެއަށް ބޭނުންވާ، ހާސިލުކުރަން ބޭނުންވާ ކަންތައްތައް ފަހި ކޮށްދެއްވަމުން ދަނީ،

ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓަރު ޑރ. އާއިޝަތު ޝިހާމް

މިނިސްޓަރު އެހެން ވިދާޅުވި ނަމަވެސް ރާއްޖެޓީވީ އިން ގެނަސްދޭ "ހާލު ކިހިނެއް" ޕްރޮގްރާމަށް އިންޓަރވިއު ދިން ގިނަ ބަޔަކު ވަނީ އެކަން ދޮގު ކޮށްފަ އެވެ.

އެގޮތުން ގދ. ހޯނޑެއްދޫ އިން މައުލޫމާތު ދިން އެއް އާއިލާ އިން ބުނީ އެ ރަށަށް ފެމިލީ މިނިސްޓްރީ އިން ކުރި ޒިޔާރަތުގައި އެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށް އެ ގެއަށް އައުމަށް ދައުވަތު ދިން ކަމަށެވެ. އަދި ގޭގައި އޮތް ބަލި މީހަކު މާލެ ނުގެންދެވިގެން އެހީތެރިކަން ބޭނުން ވާ ވާހަކަ ވެސް ހިއްސާ ކުރި ކަމަށެވެ.

ނަަމަވެސް މިނިސްޓްރީގެ މުވައްޒަފުން އައީ ގޭގެ ދޮރު މައްޗަށް ކަމަށާ އެހާ ހިސާބަށް އައުމަށް ފަހު ވެސް ގެއަށް ވަންނަން ޑެޕިއުޓީ މިނިސްޓަރުގެ އިތުރުން މިނިސްޓްރީގެ މުވައްޒަފުން ދެކޮޅު ހެދި ކަމަށް އޭނާ ކިޔައިދިނެވެ. އަދި ފަހުން މިނިސްޓްރީ އިން އެ ކަމުގައި އެހީތެރި ވާނެ ކަމަށް ބުނި ނަމަވެސް އޭގެ ފަހުން ޖަވާބެއް ނުދޭ ކަމަށް އޭނާ ބުންޏެވެ.

އޭގެ އިތުރުން، ގދ. ފަރެސްމާތޮޑާ އިން ބޭސް ނުލިބިގެން އެވާހަކަ މިނިސްޓްރީއާ ހިއްސާ ކުރި ކަމަށް އެ ރަށުން ވާހަކަ ދެއްކި ގިނަ ބަޔަކު ފާހަގަކުރި އެވެ. ނަމަވެސް މިހާތަނަށް ވެސް އެދެވޭ ޖަވާބެއް ލިބިފައި ނުވާ ކަމަށް އެ ރަށުގެ ރައްޔިތުން ފާހަގަކުރި އެވެ.

އެ ރަށްރަށުގެ އިތުރުން ވެސް ރާއްޖޭޓީވީ ގެ "ހާލު ކިހިނެއް" ޕްރޮގްރާމް ގެ ޓީމުން ދިއަ ހުރިހާ ރަށަކުން ވެސް ވަނީ އެ ރަށްރަށުގެ ރައްޔިތުންގެ ހާލު މި ސަރުކާރު އައި ފަހުން ރަނގަޅު ނޫން ކަމަށް ހިއްސާ ކޮށްފަ އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ސަރުކާރު ގެ މި ޕްރޮގްރާމަކީ ވަރަށް ކާމިޔާބު ޕްރޮގްރާމެކެވެ. ނަމަވެސް ރައްޔިތުންގެ ވާހަކަތަކުން ހާމަ ވަނީ މުޅިން އެހެން ކަމެކެވެ.

- ކޮމެންޓް