ޖޭއެސްސީގައި މައްސަލަ ބަލަމުން އަންނަ ހައިކޯޓުގެ ފަނޑިޔާރު މުހައްމަދު ފައިސަލް ފަނޑިޔާރުކަމުން އިސްތިއުފާ ދެއްވައިފި އެވެ.
ރޭވިގެން ޖޭއެސްސީ އިން ވަކި ފަނޑިޔާރުންތަކެއްގެ މައްސަލަ ބަލަމުން އަންނަ އިރު މިހާތަނަށް އެ ކޮމިޝަނުން ބަލަމުން އަންނަ މައްސަލަތަކުގެ މައުލޫމާތު ވެސް ވަނީ ސިއްރުކޮށްފަ އެވެ. އަދި މައުލޫމާތު ހޯދަން އެދުނު ނަމަވެސް އެ މައުލޫމާތު ދީފައި ނުވެ އެވެ.
ހައިކޯޓު ގެ ފަނޑިޔާރު މުހައްމަދު ފައިސަލް އިސްތިއުފާ ދެއްވި ސަބަބެއް ސާފެއް ނުވެ އެވެ. ނަމަވެސް އޭނާ އިސްތިއުފާ ދެއްވިކަން 'ރާއްޖެ އެމްވީ' އަށް ވަނީ ކަށަވަރުވެފަ އެވެ.
މިކަމާއި ގުޅޭ ގޮތުން ހައިކޯޓުން އެކްސްގައި ކުރި ޕޯސްޓުގައި ބުނީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަގާމުން، ފަނޑިޔާރު އަލްއުސްތާޛު މުޙައްމަދު ފައިޞަލް އާދީއްތަ ދުވަހު އިސްތިއުފާ ދެއްވާފައިވާތީ، ފަނޑިޔާރު އަލްއުސްތާޛު މުޙައްމަދު ފައިޞަލް ކޮށްދެއްވާފައިވާ އަގުހުރި ޚިދުމަތްތަކަށް، ހައިކޯޓުގެ ނަމުގައި ޝުކުރު ދަންނަވާ ކަމަށެވެ.
ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަގާމުން، ފަނޑިޔާރު އަލްއުސްތާޛު މުޙައްމަދު ފައިޞަލް މިއަދު އިސްތިއުފާ ދެއްވާފއިވާތީ، ފަނޑިޔާރު އަލްއުސްތާޛު މުޙައްމަދު ފައިޞަލް ކޮށްދެއްވާފައިވާ އަގުހުރި ޚިދުމަތްތަކަށް، ހައިކޯޓުގެ ނަމުގައި ޝުކުރު ދަންނަވަން pic.twitter.com/jiW1IZSbz1
— High Court of Maldives (@mvhighcourt) November 23, 2025
ފައިސަލް މަގާމުން އިސްތިއުފާ ދެއްވި އިރު މި ފަހުން ޖޭއެސްސީ އަށް ގެނައި ބަދަލާ އެކު އެ ކޮމިޝަނުން އަންނަނީ ސަރުކާރުގެ ނުފޫޒާއެކު އެކިއެކި ފަނޑިޔާރުން ގެ މައްސަލަ ބަލަމުންނެވެ.
އެހެންނަމަވެސް ރާއްޖެ އެމްވީ އިން ބެލި ބެލުމުން އެނގިފައިވާ ގޮތުގައި މައްސަލަ ބަލަމުންދާ ފަނޑިޔާރުން ގެ ތެރޭގައި ހިމެނެނީ ފަނޑިޔާރު މުހައްމަދު ފައިސަލް، ފަނޑިޔާރު ހުސައިން މަޒީ، ފަނޑިޔާރު ފާތިމަތު ފަރުހީޒާ، ފަނޑިޔާރު މުހައްމަދު ނިޔާޒު، އަދި ފަނޑިޔާރު ދީބާނާޒު ފަހުމީ އާއި ގުޅުން ހުރި މައްސަލަތަކެވެ.
ޚަބަރު: ހައިކޯޓުގެ 5 ފަނޑިޔާރެއްގެ މައްސަލަ ބަލަނީ https://t.co/yOSkjnQRvY
— raajje.mv (@raajjemv) November 20, 2025
ފައިސަލް އިސްތިއުފާ ދެއްވި އިރު، ހައިކޯޓު ގެ އިސް ފަނޑިޔާރުގެ ގޮތުގައި އޭނާ އައްޔަން ކުރިން މީގެ ކުރިން ޖޭއެސްސީ އިން އޮތީ ނިންމާފަ އެވެ. އެ ކޯޓުގެ އިސްފަނޑިޔާރުގެ މަގާމަށް އައްޔަން ކުރަން ފެންނަ ކަމަށް ޖޭއެސްސީން ނިންމީ އޭޕްރީލް 17، 2025 ގަ އެވެ. ނަމަވެސް އެކަން އޮތީ ފަހުން މަޑުޖައްސާލާފަ އެވެ. އަދި ސަބަބެއް ވެސް ހާމަ ނުކުރެ އެވެ.
ހައިކޯޓު ގެ ފަނޑިޔާރު ކަމަށް ފައިސަލް އައްޔަން ކުރީ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި، ޖުލައި 24، 2018 ގައެވެ.
މި ސަރުކާރުން ޖޭއެސްސީއަށް ގެނައި ބަދަލާއެކު، މިއީ ފަނޑިޔާރު ގެ އަށް ނުފޫޒު ފޯރުވުން ކަމަށް ބައެއް ފަރާތްތަކުން ސިފަ ކުރެ އެވެ. މީގެ އިތުރުން ބައެއް ފަނޑިޔާރުންނަށް ރިޓަޔަރ ކުރުމަށް ބާރު އަޅަމުންދާ ކަމުގެ އަޑުތައް ވަނީ ފެތުރިފަ އެވެ.