Advertisement
ކ. މާލެ
|
20 ނޮވެންބަރ 2025 | ބުރާސްފަތި 08:19
އަރބަން ޕްރައިމަރީ ހެލްތުކެއަރ ސެންޓަރ ރައީސް މުއިއްޒު ހުޅުވައިދެއްވަނީ
އަރބަން ޕްރައިމަރީ ހެލްތުކެއަރ ސެންޓަރ ރައީސް މުއިއްޒު ހުޅުވައިދެއްވަނީ
ރައީސް އޮފީސް
އަރބަން ޕްރައިމަރީ ހެލްތުކެއަރ ސެންޓަރ
އަރބަން ޕްރައިމަރީ ހެލްތުކެއަރ ސެންޓަރ ރައީސް ހުޅުވައިދެއްވައިފި
މާފަންނުގައި ޤާއިމުކުރި އަރބަން ޕްރައިމަރީ ހެލްތުކެއަރ ސެންޓަރުން އާންމު ބަލިމަޑުކަން، ޗައިލްޑް ހެލްތު، ނަފްސާނީ ދުޅަހެޔޮކަން ފަދަ ޚިދުމަތްތައް ލިބޭނެ
މާލެ ސަރަޙައްދުގައި މިފަދަ އިތުރު 5 ސެންޓަރު ތަރައްޤީކުރުމަށް ހަމަޖެހިފައިވޭ

ޢާންމު ޞިއްޙަތުގެ ނިޒާމު ވަރުގަދަކުރުމުގެ ގޮތުން މާލެ ސަރަޙައްދުގައި ޤާއިމުކުރި ފުރަތަމަ އަރބަން ޕްރައިމަރީ ހެލްތުކެއަރ ސެންޓަރ، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރަސްމީކޮށް ހުޅުއްވައިދެއްވައިފި އެވެ.

ރައީސް، މި ސެންޓަރު ހުޅުއްވައިދެއްވީ އެކަމަށް ޚާއްޞަކުރައްވައިގެން ބުދަ ދުވަހުގެ ހަވީރު މާފަންނު، އަރބަން ޕްރައިމަރީ ހެލްތުކެއަރ ސެންޓަރގައި ކުރިއަށް ގެންދެވި ރަސްމިއްޔާތުގަ އެވެ. މާލޭ ސިޓީ ގުރޫޕް އޮފް ހޮސްޕިޓަލްސްއިން މާލެ ސަރަޙައްދުގައި ފޯރުކޮށްދޭ ޞިއްޙީ ޚިދުމަތްތައް، ލުއިފަސޭހަގޮތެއްގައި ރައްޔިތުންނަށް ލިބޭނެ މަގުފަހިވާގޮތަށް ފަރުމާކުރެވިފައިވާ އަރބަން ޕްރައިމަރީ ހެލްތުކެއަރ ސެންޓަރގެ މަސައްކަތް ނިންމާ، ރަސްމީކޮށް މި ރަސްމިއްޔާތުގައި ހަވާލުކޮށްފައިވެ އެވެ. މި މަސައްކަތް ކުރިއަށް ގެންދިޔައީ ވެމްކޯއާއި ހަވާލުކޮށްގެންނެވެ.

އަރބަން ޕްރައިމަރީ ހެލްތުކެއަރ ސެންޓަރާ ރަސްމީކޮށް ޙަވާލުވެވަޑައިގަތުމަށްފަހު ވާހަކަ ދައްކަވަމުން، މާލޭ ސިޓީ ގުރޫޕް އޮފް ހޮސްޕިޓަލްސްގެ ޗީފް އެގްޒެކެޓިވް އޮފިސަރ ޢަބްދުލްރައްޒާޤް ޙަލީމް ވަނީ، ރައީސްގެ އިސްނެންގެވުމާއެކު މިފަދަ ސެންޓަރުތަކެއް މާލެ ސަރަޙައްދުގައި ހުޅުވުމުން ރައްޔިތުންނަށް ހުރި ފައިދާތަކާއި، ލިބޭނެ ލުއިފަސޭހަކަން ފާހަގަކުރައްވައި، ރައީސުލްޖުމްހޫރިއްޔާއަށް ޝުކުރުއަދާކުރައްވާފަ އެވެ.

އަރބަން ޕްރައިމަރީ ހެލްތުކެއަރ ސެންޓަރ

މި ސެންޓަރުގެ ޚިދުމަތް މައިގަނޑު ގޮތެއްގައި ބެހިފައި ވަނީ 3 ބަޔަކަށެވެ. އެއީ، އާންމު ބަލިތަކުގެ ޑޮކްޓަރުންނަށް ދެއްކުމާއި އިތުރުފަރުވާ ބޭނުންވާ ހާލަތްތަކުގައި ޚާއްޞަ ޑޮކްޓަރުންގެ ލަފާ ހޯދުމާއި ފަސޭހައިން ދެއްކޭ ޚާއްޞަ ޑޮކްޓަރުންނަށް ދެއްކުމުގެ އިންތިޒާމް ހަމަޖައްސައިދިނުމެވެ. އަދި ޢާންމު ޞިއްޙަތު ކުރިއެރުވުމަށް ޤައުމީ ފެންވަރުގައި ހިންގަވާ ޕްރޮގްރާމްތައްވެސް މި މަރުކަޒުގައި ކުރިއަށްގެންދާނެ އެވެ. އެގޮތުން، ޗައިލްޑް ހެލްތު ކްލިނިކް މެދުވެރިކޮށް، އެކުދިންގެ ހެދިބޮޑުވުން މޮނިޓަރކޮށް، ވެކްސިން ދިނުން ފަދަ ޚިދުމަތްތައް މި ސެންޓަރުން ފޯރުކޮށްދޭނެ އެވެ. ހަމައެއާއެކު ޞިއްޙީ ރަނގަޅު އާދަތަކަށް ހޭލުންތެރިކަން އިތުރުކުރުމާއި، ނަފްސާނީ ދުޅަހެޔޮކަމާއި، ދުންފަތާ ދުރުވުމަށް އެހީވެދޭ ކުލިނިކް ފަދަ ކުލިނިކްތަކުގެ ޚިދުމަތްވެސް މި ސެންޓަރުން ލިބޭނެ އެވެ.

މިފަދަ އިތުރު 5 ސެންޓަރު މާލެ ސަރަޙައްދުގައި ތަރައްޤީކުރުމަށް ވަނީ ހަމަޖެހިފަ އެވެ. އެގޮތުން މާލޭގައި 3 ސެންޓަރު އަދި ހުޅުމާލޭގައި 2 ސެންޓަރު ތަރައްޤީކުރާނެ އެވެ.

- ކޮމެންޓް