މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން އިންޑިއާގެ އަސްކަރިއްޔާ ގުޅިގެން ކުރިއަށް ގެންދާ ޚާއްސަ ތަމްރީން ލ.ކައްދޫގައި ފަށާފައިވާ ކަމަށާއި، އަންނަ އާދިއްތަ ދުވަހު މާލެ ސަރަހައްދުގައި ވެސް ޚާއްސަ ތަމްރީނެއް ފަށާނެ ކަމަށް ޑިފެންސް މިނިސްޓްރީން ބުނެފި އެވެ.
ޑިފެންސް މިނިސްޓްރީން ބުނީ، މިމަހުގެ 23ން 29ށް ގްރޭޓަރ މާލެ ސަރަހައްދުގައި ޚާއްސަ އަސްކަރީ ތަމްރީނުތަކެއް ކުރިއަށް ގެންދާނެ ކަމަށެވެ.
މިނިސްޓްރީން ބުނީ، މާލެ ސަރަހައްދުގެ އެއްގަމާއި، ކަނޑުގެ ސަރަހައްދުގައި މި ތަމްރީނުތައް ކުރިއަށް ގެންދާނެ ކަމަށާއި، މި ތަމްރީނުތައް ކުރިއަށްދާ ވަގުތު ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ވެހިކަލްތައް ސައިރަން އަދި ބީކަން އާއެކު ބާރު ސްޕީޑް ގައި ދަތުރުކުރާނެ ކަމަށެވެ.
ދޭތެރެދޭތެރެއިން މާލެ ސަރަހައްދުގައި އެމްއެންޑީއެފުން ޚާއްސަ އަސްކަރީ ތަމްރީނުތައް ކުރިއަށް ގެންދެ އެވެ. އެގޮތުން މިފަހުން ނަސްރު ދުވަހާ ގުޅިގެން ސިފައިންގެ ޚާއްސަ ތަމްރީނެއް މާލެ ސަރަހައްދުގައި ކުރިއަށް ގެންގޮސްފައިވެ އެވެ.
މީގެ އިތުރުން މިމަހުގެ 20 ވަނަ ދުވަހު އެމްްއެންޑީއެފާއި އިންޑިއާ އަސްކަރިއްޔާ ގުޅިގެން އަހަރަކު އެއްފަހަރު ބާއްވަމުން އަންނަ "އެކްސަސައިޒް އެކަތަ" ގެ 8 ވަނަ ސިލްސިލާ، އެމްްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް ހެޑްކްއޯޓަރޒް، ލ.ކައްދޫގައި ވަނީ ފަށާފަ އެވެ.
އެމްއެންޑީއެފުން ބުނީ، ތިން ހަފުތާގެ މުއްދަތަށް ކައްދޫގައި، އެމްއެންޑީއެފާއި އިންޑިއަން ނޭވީން ގުޅިގެން ހިންގާ މި އަހަރުގެ އެކްސަސައިޒްގައި އެމްއެންޑީއެފް މެރިން ކޯރ ސްޕެޝަލް އޮޕަރޭޝަންސް ގުރޫޕްގެ އޮޕަރޭޓިވްސް އާއި އެމްއެންޑީއެފް މެރިން ކޯރ، އެމްޑީޔޫތަކުގެ މެރީންސްގެ އިތުރުން އެމްއެންޑީއެފް އެޖުޓަންޓް ޖެނެރަލްސް ކޯރ އާއި އެމްއެންޑީއެފް ސަރވިސް ކޯރއަށް ނިސްބަތްވާ ސިފައިން ބައިވެރިވާ ކަމަށެވެ.
މި ތަމްރީނުތަކުގައި މައިގަނޑު ގޮތެއްގައި ފަރިތަކުރަމުން ދަނީ ޓެކްޓިކަލް ޑައިވިންގ، ފަޔަރިންގ، ސްލިދަރިން އަދި ބޯޑިން ފަދަ ތަމްރީނުތައް ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.