2025 ވަނަ އަހަރުގެ އެފްރިކާ ބައްރުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް މޮރޮކޯ އަދި ޕީއެސްޖީ ގެ ޑިފެންޑަރ އަޝްރަފް ހަކީމީ ހޯދައިފި އެވެ.
އުމުރުން 27 އަހަރުގެ އަޝްރަފް ހަކީމީ އާއި މި މަގާމަށް އެންމެ ގާތުން ވާދަކޮށްފައިވަނީ ލިވަޕޫލް އަށް ކުޅެމުންދާ މިސްރުގެ ފޯވަޑް މުހައްމަދު ސަލާހް އާއި ނައިޖީރިޔާގެ ވިކްޓަރ އޮސިމްހޭން އެވެ. މި ތިން ކުޅުންތެރިންވެސް ވަނީ ނިމިގެންދިޔަ ސީޒަނުގައި ވަރަށް މޮޅު ކުޅުމެއް ދައްކާފަ އެވެ.
ހަކީމީ ވަނީ ފާއިތުވި ސީޒަނުގައި ފްރެންޗް ލީގުގެ ޗެމްޕިއަންކަން ޕީއެސްޖީ އަށް ހޯދައިދިނުމުގެ އިތުރުން ފުރަތަމަ ފަހަރަށް ޔޫއެފާ ޗެމްޕިއަންސް ލީގުގެ ތަށި ޕީއެސްޖީ އަށް ހޯދައިދިނުމުގައި މުހިންމު ދައުރެއް އަދާކޮށްފަ އެވެ. ޔޫއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލުގައި އިޓަލީގެ އިންޓަރ މިލާން އަތުން 5-0 ގެ ނަތީޖާއަކުން ޕީއެސްޖީ މޮޅުވި މެޗުގައި ފުރަތަމަ ލަނޑު ޖަހާފައިވަނީ ހަކީމީ އެވެ.
އެފްރިކާގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުމަށްފަހު ހަކީމީ ބުނެފައިވަނީ މި އެވޯޑަކީ އޭނާއަށް ލިބިގެންދިޔަ ވަރަށް ބޮޑު ޝަރަފެއް ކަމަށެވެ. އަދި މި އެވޯޑު ލިބުމަކީ އޭނާ އަށް އިތުރު ހިތްވަރެއް ލިބިގެންދާ ކަމެއް ކަމަށާއި މި އެވޯޑް ހޯދުމުގައި އެހީތެރިވެދިން ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރާ ކަމަށް ހަކީމީ ބުންޏެވެ.
އަޝްރަފް ހަކީމީ 2025 ވަނަ އަހަރުގެ އެފްރިކާގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދިއިރު އޭނާ ވެފައިވަނީ 1998 ވަނަ އަހަރު މޮރޮކޯގެ މުސްތަފާ ހާޖީ އަށް ފަހު މި މަގާމަށް ހޮވުނު އެ ގައުމުގެ ފުރަތަމަ ކުޅުންތެރިޔާ އަށެވެ. މިއީ މޮރޮކޯގެ ފުޓްބޯޅައަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއްގެ ގޮތުގައި އެ ގައުމުގެ ރައްޔިތުން ފާހަގަކުރެ އެވެ.
މޮރޮކޯގެ ވެރިރަށް ރަބަތް ގައި ބޭއްވި ކޮންފެޑަރޭޝަން އޮފް އެފްރިކަން ފުޓްބޯލް (ސީއޭއެފް) ގެ އެވޯޑް ރަސްމިއްޔާތުގައި އަހަރުގެ އެންމެ މޮޅު އަންހެން ކުޅުންތެރިއަކަށް ހޮވިފައިވަނީ މޮރޮކޯގެ އަންހެން ފުޓްބޯޅަ ޓީމުގެ ކެޕްޓަން ގިޒަލާން ޗެބަކް އެވެ. އަދި އެންމެ މޮޅު ގޯލް ކީޕަރަކަށް ހޮވިފައި ވަނީ މޮރޮކޯ އަދި ސައުދީ އަރަބިޔާގެ އަލް ހިލާލް ގެ ކީޕަރު ޔަސީން ބޮނޯ އެވެ.
އެފްރިކާގެ މޮޅު ކުޅުންތެރިން ހޮވަނީ ސީއޭއެފްގެ ޓެކްނިކަލް ކޮމިޓީގެ މެމްބަރުންނާއި އެފްރިކާގެ ކުޅިވަރު ނޫސްވެރިންގެ އިތުރުން ކުޅުންތެރިންނާއި ކޯޗުންގެ ވޯޓުންނެވެ.