ފްރާންސްގެ ޕެރިހުގައި ކުރިއަށްދާ އޮލިމްޕިކްސް ކުޅިވަރު މުބާރާތުގެ ފުޓުބޯޅައިގެ ލޯ މެޑަލް މޮރޮކޯ އިން ހޯދައިފި އެވެ.
މޮރޮކޯ އިން މެޑަލް ހޯދީ ފުޓުބޯޅަައިގެ ތިން ވަނަ ހޮވަން ކުޅުނު މެޗުގައި މިޞްރުގެ މައްޗަށް ކުރި ހޯދައިގެންނެވެ. އެ މެޗު މޮރޮކޯ އިން ކާމިޔާބު ކޮށްފައި ވަނީ 6-0 އިންނެވެ. މޮރޮކޯ ވަނީ މިއަހަރުގެ އޮލިމްޕިކްސްގެ ސެމީ ފައިނަލާ ހަމަ އަށް ދަތުރު ކޮށްފަ އެވެ. ސެމީ ފައިނަލްގައި ބަލިިވެފައި ވަނީ ސްޕެއިން އަތުންނެވެ.
މިޞްރާ ދެކޮޅަށް މޮރޮކޯ އިން ވަނީ ފުރަތަމަ ހާފުގައި ދެ ލަނޑު ޖަހައިފަ އެވެ. އަނެއް ހަތަރު ލަނޑު މޮރޮކޯ އިން ޖެހީ ފަހު ހާފުގަ އެވެ. މެޗުގައި މޮރޮކޯގެ ލަނޑުތައް ޖެހީ އަބްދޭ އެޒަލްޒޫލީ، ސޯފިއަން ރަހީމީ، ބިލާލް އަލް ހަނޫސް، އަކްރަމް ނަކަޝް އަދި އަޝްރަފް ހަކީމީ އެވެ. މީގެ ތެރެއިން ރަހީމީ ވަނީ ދެ ލަނޑު ޖަހައިފަ އެވެ.
މިއަހަރުގެ އޮލިމްޕިކްސް ފުޓުބޯޅައިން ލިބުނު ލޯ މެޑައްޔާއެކު، މޮރޮކޯ އަށް ޚާއްސަ ޝަރަފެއް ލިބިގެން ދާނެ އެވެ. މިއީ މޮރޮކޯ އިން އޮލިމްޕިކްސްގައި މެޑައްޔެއް ކާމިޔާބު ކުރި ފުރަތަމަ ފަހަރެވެ. މޮރޮކޯ އިން ވަނީ 2022 ވަނަ އަހަރު ޤަތަރުގައި ކުރިއަށް ދިޔަ ފީފާ ވޯލްޑް ކަޕް ފުޓުބޯޅަ މުބާރާތުގެ ސެމީ ފައިނަލްގައި ވެސް ކުޅެފަ އެވެ. މޮރޮކޯ އަކީ ވޯލްޑް ކަޕްގެ ސެމީ ފައިނަލެއްގައި ކުޅުނު އެފްރިކާގެ ފުރަތަމަ ޤައުމެވެ.