ކ. މާލެ
|
25 ސެޕްޓެންބަރ 2024 | ބުދަ 09:12
ޕީއެސްޖީ އަށް ކުޅެމުން އަންނަ މޮރޮކޯގެ އަޝްރަފް ޙަކީމީ
ޕީއެސްޖީ އަށް ކުޅެމުން އަންނަ މޮރޮކޯގެ އަޝްރަފް ޙަކީމީ
ރޮއިޓާސް
ޕީއެސްޖީ
ޙަކީމީގެ އެއްބަސްވުން އައު ކުރުމަށް ޕީއެސްޖީން މަސައްކަތް ކުރަނީ
ޕީއެސްޖީން ވެސް އޭނާ ދެކެނީ މިވަގުތު ޓީމުގައި ތިބި ކުޅުންތެރިންގެ ތެރެއިން އެންމެ މުހިންމު އެއް ކުޅުންތެރިޔާގެ ގޮތުގައި ކަމަށް ވެސް ރިޕޯޓުތައް ވަނީ ބުނެފަ އެވެ.

ފްރާންސްގެ ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އަށް ކުޅެމުން އަންނަ މޮރޮކޯގެ ޑިފެންޑަރު އަޝްރަފް ޙަކީމީގެ އެއްބަސްވުން އައު ކުރުމުގެ މަސައްކަތް އެ ކުލަބުން ފަށައިފި އެވެ.

އުމުރުން 25 އަހަރުގެ ކުޅުންތެރިޔާ ޕީއެސްޖީ އަށް ބަދަލުވީ 2021 ވަނަ އަހަރު އެވެ. އިންޓަ މިލާންގައި ހުރުމަށް ފަހު، އޭނާ ޕީއެސްޖީ އަށް ބަދަލުވީ ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. އެ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2026 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. ނަމަވެސް، އެއްބަސްވުމުގައި ބާކީ ދެ އަހަރު އޮއްވާ، ޕީއެސްޖީން ވަނީ އޭނާގެ އެއްބަސްވުން އައު ކުރުމުގެ މަސައްކަތް ފަށާފައި ކަމަށް މީޑިއާ ރިޕޯޓުތައް ބުނެ އެވެ.

ޕީއެސްޖީ އަށް ބަދަލުވީ ފަހުން އެ ޓީމުގައި ޙަކީމީ ރަނގަޅު ކުޅުމެއް ދައްކަމުން އަންނައިރު، ޕީއެސްޖީގެ ކޯޗު ލުއިސް އެންރީކޭ އިސްކަން ދެމުން އަންނަ ކުޅުންތެރިންގެ ތެރޭގައި ވެސް އޭނާ ހިމެނެ އެވެ. އަނެއްކޮޅުން، ޕީއެސްޖީން ވެސް ބޭނުން ވަނީ ދިގު މުއްދަތެއް ވަންދެން ޙަކީމީ ކުލަބުގައި ބަހައްޓަން ކަމަށާއި، ޕީއެސްޖީން ވެސް އޭނާ ދެކެނީ މިވަގުތު ޓީމުގައި ތިބި ކުޅުންތެރިންގެ ތެރެއިން އެންމެ މުހިންމު އެއް ކުޅުންތެރިޔާގެ ގޮތުގައި ކަމަށް ވެސް ރިޕޯޓުތައް ވަނީ ބުނެފަ އެވެ. އެހެންކަމުން އައު އެއްބަސްވުމާ ގުޅޭ މަޝްވަރާތައް މިހާރު އަންނަނީ ކުރެވެމުން ކަމަށް ވެސް ރިޕޯޓުތައް ބުނެ އެވެ.

ޕީއެސްޖީގައި މިހާރު ޙަކީމީ ހޭދަކުރަމުން ދަނީ އޭނާގެ ހަތަރު ވަނަ ސީޒަނެވެ. އޭނާ ވަނީ މިހާތަނަށް ޕީއެސްޖީ އަށް ކުޅެދިން 125 މެޗުގައި 15 ލަނޑު ޖަހައިފަ އެވެ. ޕީއެސްޖީ އާއެކު އޭނާ ވަނީ ފްރާންސް ލީގު ތިން ފަހަރު، ފްރާންސް ކަޕް އެއް ފަހަރު އަދި ޓްރޮފީ ޑީ ޗެމްޕިއަންސް ދެ ފަހަރު ކާމިޔާބު ކޮށްފަ އެވެ. ޙަކީމީ އަންނަނީ 2016 ވަނަ އަހަރުން ފެށިގެން މޮރޮކޯ ޤައުމީ ޓީމަށް ވެސް ކުޅެމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 11 ގަޑިއިރު ކުރި
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް