މިހާރު ކުރިއަށްދާ އެފްރިކަން ކަޕް އޮފް ނޭޝަންސްގެ ގަދަ 16 ވަނަ ބުރުގައި ސައުތު އެފްރިކާއާ ދެކޮޅަށް ކުޅުނު މެޗުން ބަލިވެ، މޮރޮކޯ އަށް މުބާރާތް ނިމިއްޖެ އެވެ.
މޮރޮކޯ އަކީ މިއަހަރުގެ މުބާރާތުގެ ފޭވަރިޓުންގެ ގޮތުގައި ގިނަ ބަޔަކު ޤަބޫލު ކުރި ޓީމެކެވެ. ޚާއްސަކޮށް، އެންމެ ފަހުން ޤަތަރުގައި އޮތް ފީފާ ވޯލްޑް ކަޕްގައި މޮރޮކޯ އިން ނެރުނު ނަތީޖާ އާއި އޭގެ ފަހުން އެ ޓީމުން ދައްކަމުން އައި ކުޅުމުގެ ސަބަބުން ގިނަ ބަޔަކު ޤަބޫލުކޮށްގެން ތިބީ، މުބާރާތުގެ އެންމެ ބޮޑު ފޭވަރިޓުންނަކީ މޮރޮކޯ ކަމަށެވެ.
ނަމަވެސް ގަދަ 16 ވަނަ ބުރުގައި އަންގާރަ ދުވަހުގެ ރޭ ސައުތު އެފްރިކާއާ ދެކޮޅަށް ކުޅުނު މެޗުން މޮރޮކޯ ބަލިވީ 2-0 އިންނެވެ. މެޗުގެ ލަނޑުތައް ފެނުނީ ދެ ވަނަ ހާފުގަ އެވެ. ދެ ވަނަ ހާފު ފަށައިގެން 12 ވަނަ މިނެޓުގައި ސައުތު އެފްރިކާ އަށް ލީޑު ނަަގައިދިނީ އެވިޑެންސް މަކްގޮޕާ އެވެ. މެޗުގެ ފަހު ވަގުތު މޮރޮކޯ އަށް ނަތީޖާ ހަމަހަމަ ކުރާނެ ފުރުސަތު ވެސް ލިބުނެވެ. 85 ވަނަ މިނެޓުގައި އެ ޓީމަށް ލިބުނު ޕެނަަލްޓީ އަޝްރަފް ހަކީމީ ފޮނުވާލި ނަމަވެސް، ކާމިޔާބުވާ ގޮތެއް ނުވި އެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވެ، އިތުރަށް ދެއްކި ވަގުތުގައި ސައުތު އެފްރިކާ އިން ވަނީ ދެ ވަނަ ލަނޑު ޖަހައިފަ އެވެ. އެ ލަނޑު ޖެހީ ޓެބޯހޯ މޮކޮއޭނާ އެވެ.
މުބާރާތުގެ ކުއާޓާ ފައިނަލްގައި ސައުތު އެފްރިކާ ނިކުންނަން ޖެހޭނީ ކެޕް ވާޑާ ދެކޮޅަށެވެ.