އެމެރިކާގެ ކޮންގްރެސް އިން ޖިންސީ ކުށްވެރިޔާ އެޕްސްޓީންގެ ފައިލްތައް ރިލީޒްކުރުމަށް ފާސް ކޮށްފި އެވެ.
ކޮންގްރެސްގެ ދެ ޗެމްބަރުން އެއްބަސްވެގެން މި ގޮތައް ނިންމުމާ އެކު އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓަށް ޖިންސީ ކުށްވެރިޔާ އަދި ފައިނޭންސިއަރ ޖެފްރީ އެޕްސްޓައިން ގެ ގުޅުންތަކާ ބެހޭ ފައިލްތައް ހާމަ ކުރަން ޖެހޭނެ އެވެ.
ހައުސް އޮފް ރެޕްރެޒެންޓޭޓިވްސް އިން މި ފިޔަވަޅު އެޅުމަށް ހުށަހެޅި ބިލަށް ފެންނަ ކަމަށް 427 ވޯޓު ދީފައި ވެއެވެ. ބިލާ އެއްކޮޅަށް ވޯޓު ނުދިނީ އެންމެ މެމްބަރެކެވެ. ސެނެޓުން ބިލަށް ވޯޓަށް އަހާފައި ނުވި ނަމަވެސް ބިލުގެ މަސައްކަތް ވަނީ އަވަސް ކޮށްދީފައެވެ.
މި ބިލު ފާސްވި އިރު ރައީސް ޑޮނަލްޑް ޓްރަމްޕްގެ ރާގުވެސް ވަނީ މި މައްސަލަ އާ ބެހޭ ގޮތުން ބަދަލު ކުަރައްވާފައެވެ. މި ފައިލުތައް ރިލީސް ކުރުމަށް ވަކާލާތުު ކުރި މެމްބަރުންނަށް ބަހުގެ ހަމަލާތައް ދެއްވަމުން ގެންގޮސް ފަހުން ވިދާޅުވަމުން ގެންދެވީ، ފޮރުވާނެ އެއްޗެއް ނޯންނާނެ ކަމުގައެވެ. އަދި އާންމުންގެ ރޫހު ހުރި ގޮތާ އެއް ގޮތައް ފަހުން އޭނާ ވެސް ތާއީދު ކުރައްވާފައި ވަނީ ފައިލްތައް ހާމަ ކުރުމަށެވެ.
ބިލު ފާސް ކުރިއިރު ފާއިތުވި ހަފްތާގައި، އެޕްސްޓީން އާ ބެހޭ 20،000 އަށްވުރެ ގިނަ ސަފްހާގެ ލިޔެކިޔުންތައް ވަނީ އާންމު ވެފައެވެ. އޭގެ ބައެއް ލިޔުން ތަކުގައި ރައީސް ޓްރަމްޕްގެ ނަން އައިސްފައި ވެއެވެ. އެއާއެކު އެޕްސްޓީން އާއި ޓްރަމްޕް އާ ދެމެދު އޮތް ގާތް ގުޅުން ނޫސް ތަކުގެ ސުރުޚީތަކަށް ވަނީ އަރާފައެވެ. ޓްރަމްޕް ވަނީ އެފަދަ ގުޅުމެއް ނެތް ކަމަށް ވިދާޅުވެފަ އެވެ.
ބިލު ސެނެޓަށް ހުށަހެޅީ މައިނޯރިޓީ ލީޑަރު ޗަކް ޝޫމާ އެވެ. އެއްވެސް މެމްބަރަކު ބިލާ ދެކޮޅު ނުހެދުމާ އެކު ބިލަށް ބަހުސް ކޮށްފައެއް އަދި ވޯޓަށް ވެސް އަހާފަ އެއް ނުވެއެވެ.
ބިލު ފާސްވުމުން ދެން އޮންނާނީ ބިލު ތަސްދީގު ކުރުމަށް ރައީސްގެ މޭޒުކޮޅަށް ފޮނުވުމެވެ.
މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި އެޕްސްޓީން ފައިލްތައް ރީލީޒް ކުރުމަށް ކޮންމެހެން ސެނެޓުގެ ވޯޓަކަށް ދާކަށް ނުޖެހެއެވެ. ޓްރަމްޕް ބޭނުންފުޅުވި ނަމަ އެ ފައިލްތައް އާންމު ކުރުމަށް އެންގެވޭނެ އެވެ.
ބިލުގައިވާ ގޮތުން، ބިލު ތަސްދީގު ކުރާތާ 30 ދުވަހުގެ ތެރޭގައި، އެޕްސްޓީން އާ ބެހޭ ގޮތުން އެއްކޮށްފައި ހުރި ހުރިހާ ސިއްރު މައުލޫމާތާއި ތަހުގީގު ބަޔާންތައް އާންމު ކުރުމަށް އެޓަރނީ ޖެނެރަލް ޕޭމް ބޮންޑީ ގެ މައްޗަށް ލާޒިމު ވާނެ އެވެ. ހާމަ ކުރަން ޖެހޭ މައުލޫމާތުގެ ތެރޭގައި އެޕްސްޓީންގެ ދަތުރުފަތުރުގެ މައުލޫމާތާއި، މުއާމަލާތްތަކާއި، ގުޅުން ބޭއްވި މީސްމީހުންނާ ބެހޭ މައުލޫމާތު ވެސް ހިމެނެ އެވެ.
އެޕްސްޓީން ގެ މައްސަލައިގެ ވާހަކަތައް އަނެއްކާ ވެސް ފެންމަތިވެފައި ވާއިރު އޭނާ މައްޗަށް ކުށް ސާބިތުވެ ނިއުޔޯކުގެ ޖަލުގައި ހުއްޓާ އޭނާ ވަނީ 2019 ވަނަ އަހަރު މަރުވެފައެވެ. ޖަލުގެ އޮފިޝަލުން ބުނީ އޭނާ މަރުވީ އަމިއްލަ އަށް ކަމުގައެވެ.
އޭނާގެ މައްޗަށް ސާބިތުވެފައިވާ ކުށްތަކުގެ ތެރޭގައި ސެކްސް ޓްރެފިކިން އާއި ކުޑަކުދިންގެ އުމުރުފުރައިގެ އަންހެން ކުދިން ލައްވާ ހަށިވިއްކުން ހިމެނެއެވެ.
އޭނާގެ މައްޗަށް ހިންގި ޖިނާއީ ތަހުގީގުގައި އެތައް ހާސް ލިޔެކިޔުން ވަނީ އެއްކުރެވިފައެވެ. އޭގެ ތެރޭގައި ކުށުގައި ބައިވެރިވި ފަރާތްތަކާއި ހެކިންގެ ބަޔާންތައް ހިމެނެއެވެ.
ހުސްވި ހަފްތާ ގައި ހައުސް އޯވަރ ސައިޓް ކޮމިޓީގެ ޑިމޮކްރަޓުން ވަނީ އެޕްސްޓީން އާއި ސެކްސްޓްރެފިކިން ގެ ކުށުގައި ޖަލުގައި ބަންދުކޮށްފައިވާ އޭނާގެ ގާތް މަދަދުވެރިޔާ މެކްސްވެލް އާ ދެމެދު ފޮނުވާފައިވާ އީމެއިލް ތަކެއް ހާމަ ކޮށްފަ އެވެ. އެ އީމެލްތަކުގައި ރައީސް ޓްރަމްޕްގެ ނަން ވަނީ އައިސްފަ އެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި އެޕްސްޓީންގެ ގާތް ގުޅުމަކީ އޭނާ ޓްރަމްޕް ވެސް ދެކޮޅު ހައްދަވާފައިވާ ކަމެއް ނޫނެވެ. އެހެން ނަމަވެސް ޓްރަމްޕް ވިދާޅުވަމުން ގެންދަވަނީ އެޕްސްޓީން ކުރަމުން ދިޔަ ކުށްތަކުގެ އެއްވެސް މައުލޫމާތެއް އޭނާ އަށް ލިބިފައި ނުވާ ކަމަށެވެ. އަދި އޭނާގެ މައްޗަށް 2008 ވަނަ އަހަރު ކުށް ސާބިތުވުމުގެ ކުރިން ގުޅުން ކަނޑާލައްވާފައިވާ ކަމަށް ވެސް ޓްރަމްޕް ވިދާޅުވެއެވެ.