ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު، ރިޔާސީ ކެމްޕެއިނުގައި އެކަނިވެރި މައިންނަށް ދޭ އެލަވަންސްގެ ތެރެއިން ކޮންމެ ކުއްޖަކަށް ދޭ އެލަވަންސް 3000 ރުފިޔާއަށް ބޮޑުކުރައްވާނެ ކަމަށާއި މިވައުދު ތަކުރާރު ކުރައްވަމުންގޮސް ވެރިކަމަށް ދެ އަހަރު ފުރުނުއިރު ވެސް ވައުދު ފުއްދިފައި ނުވާތީ ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަން ފަށައިފި އެވެ.
17 ނޮވެމްބަރު 2025 ވަނަ ދުވަހު ސޯޝަލް ސެންޓަރުގައި ސަރުކާރަށް ދެ އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ، އަންނަ އަހަރުން ފެށިގެން އެކަނިވެރި މައިންނަށް 12،000ރ އާ ހަމައަށް އެލަވެންސް ދޭން ފަށާނެ ކަމަށެވެ.
ފަގީރު ހާލަތުގައި އުޅޭ އެކަނިވެރި މައިންނާއި ބަފައިންނަށް ދެވޭ އެލަވެންސް އަޅުގަނޑު ވައުދުވި ގޮތަށް 3،000ރ. މި ބޮޑު ވަނީ، ކޮންމެ ކުއްޖަކަށް 3،000ރ. އަށް ބޮޑު ވަނީ، ހަތަރު ކުދިންނާއި ހަމައަށް 12،000ރ. އާ ހަމައަށް ބޮޑުވެގެން ދާނެ.
ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު![]()
ވެރިކަމަށް ވަޑައިގަންނަވަން ވެވަޑައިގެންނެވި ވައުދު ނުފުއްދި ދެ އަހަރުވެގެންގޮސް އަނެއްކާވެސް މިވައުދު ތަކުރާރު ކުރެއްވުމުން ގިނަ ބަޔަކު ދަނީ އެކަމަށް ފާޑު ކިޔަމުންނެވެ. އެގޮތުން ރައީސް މުއިއްޒު ވެވަޑައިގަންނަވާ ވައުދުތައް އިނބިލީހުގެ ކައިވެންޏަށް ވެއްޖެ ކަމަށާއި މިއީ ފުއްދޭނެ ވައުދެއް ނޫން ކަމަށް ބުނެ ދަނީ ސޯޝަލް މީޑިއާގައި މިސަރުކާރަށް ފާޑުކިޔަމުންނެވެ.
ރައީސް މުއިއްޒު ވިދާޅުވެފައިވަނީ ރިޔާސީ އިންތިޚާބުގައި އެ މަނިކުފާނު ވައުދުވެވަޑައިގެންފައިވާ ފަދައިން އެކަނިވެރި މައިންގެ އެލަވަންސް ބޮޑު ކުރައްވާނެކަމަށެވެ. ނަމަވެސް ރާއްޖޭގެ އިގްތިސާދީ ކަންކަން ހަމައަކަށް އެޅުވުމަށް މަސައްކަތް ފައްޓަވާފައި ވާތީ، 2024 ވަނަ އަހަރުގެ ބަޖެޓުގައި އެކަން ހިމަނާފައި ނުވާ ކަމަށް ވިދާޅުވިއެވެ. އަދި އެކަނިވެރި މައިންނަށް ދޭ އެލަވަންސް ވައުދުވެވަޑައިގަނެފައިވާ ފަދައިން 2025 ވަނަ އަހަރު ބޮޑުކޮށް ދެއްވާނެކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވި ނަމަވެސް މިއަހަރު ނިމިގެންދިޔައީ އެވައުދު ނުފުއްދި އެވެ.
އެކަނިވެރި މައިންނާއި ބަފައިންނަށް ދޭ އެލަވަންސް ކޮންމެ ކުއްޖަކަށް 3،000 ރުފިޔާއަށް ބޮޑުކުރެވޭނެ ކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ މި އެލަވަންސް ލިބެންޖެހޭ 5،870 ފަރާތެއް މިހާރު ރަޖިސްޓްރީވެފައިވާ ކަމަށް ވެސް ރައީސް ފާހަގަކުރެއްވި އެވެ. އަންނަ އަހަރުގެ ބަޖެޓުގައި އެކަނިވެރި މައިންގެ އެލަވަންސަށް 211 މިލިއަން ރުފިޔާ ހިމަނާފައިވެ އެވެ.
އެކަނި ކުދިން ބަލަހައްޓާ މަންމައިންނާއި ބައްޕައިންނަށް ދޭ މާލީ އެހީގެ ޕްރޮގްރާމް އިޞްލާޙުކުރަން ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ނިންމަވައިފައިވަނީ 15 އޮކްޓޯބަރު 2019ގަ އެވެ.
މީގެކުރިން އެހީގެ މިންވަރު ކަނޑައަޅާފައި ވަނީ ކުދިންގެ މައްޗަށް ބިނާކޮށް، ކޮންމެ ކުއްޖަކަށް 1000 ރުފިޔާ ހިސާބު ކުރުމަށްފަހު މަހެއްގެ މައްޗަށް ޢާއިލާއަކަށް އެންމެ ގިނަވެގެން 3000 ރުފިޔާ ލިބޭގޮތަށެވެ. ނަމަވެސް ރައީސް ސާލިޙްގެ ސަރުކާރުން ގެންނެވި ބަދަލުގައި މަހެއްގެ މައްޗަށް ޢާއިލާއަކަށް އެންމެ ގިނަވެގެން ދެވޭ ޢަދަދު 10،000 ރުފިޔާއަށް އިތުރުކުރުމަށް ވެސް އޭރު ނިންމަވާ އެގޮތަށް އަމަލުކުރަން ވަނީ ފަށާފަ އެވެ.
އެންސްޕާގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި، އެކަނިވެރި މައިން ނުވަތަ ބަފައިންގެ ބެލުމުގެ ދަށުގައި ތިބޭ ކުދިންގެ އަދަދު ދުވަހެއް ދުވަހަކަށް އަންނަނީ އިތުރުވަމުންނެވެ. އެގޮތުން މިދިޔަ ސެޕްޓެމްބަރު މަހު އެކަނި ވެސް 69 ކުދިން އަލަށް ރަޖިސްޓްރީވެފައިވެ އެވެ. އަދި މިދިޔަ އޮގަސްޓް މަހު އެކަނި ވެސް މި ފަދަ ކުދިންނަށް 4.9 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށް އެ އިދާރާއިން ބުނެފައިވެ އެވެ.