ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ރައްޔިތުން މިއަދު އިތުބާރު ނުކުރަނީ އެމަނިކުފާނުގެ ބަހާ އަމަލާ ދިމާނުވާތީ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އަހްމަދު ދީދީ ވިދާޅުވެއްޖެ އެވެ.
ހޯމަ ދުވަހުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ބަޖެޓު ބަހުސްގައި ވާހަކަދައްކަވަމުން ދީދީ ވިދާޅުވީ އަންނަ އަހަރަށް ލަފާކޮށް ދައުލަތުން ހުށަހަޅާފައި ވަނީ އެއްވެސް ރޭވުންތެރި ކަމެއް ނެތް، މިސްރާބެއް އަދި ސިޔާސަތެއް ނެތް ބަޖެޓެއް ކަމަށެވެ.
މެންބަރު ވިދާޅުވީ މި ބަޖެޓަކީ 2025 ވަނަ އަހަރަށް ލަފާކޮށް ދައުލަތުން ހުށަހެޅި ބަޖެޓު ގޮތަށް، ވާނުވާ އެއް ނޭނގޭ، އެއްވެސް އަމާޒެއް ނެތް ބަޖެޓެއް ކަމަށެވެ.
މި ބަޖެޓަކީ ގާނޫނުން ލާޒިމު ކުރާތީ އަމާ ބުނީތީ ފަރަށް ދާ އުސޫލުން ހުށަހަޅައިގެން އުޅޭ ހޮޅި ބަޖެޓެއް. މި ބަޖެޓަކީ ރައްޔިތުން ތަމްސީލު ކުރާ، ޑިމޮކްރަޓިކް ނިޒާމެއް ހިންގާ ތަނެއްގައި، ޓްރާންސްޕޭރެންސީ އާ އެކައުންޓަބިލިޓީއާ ގުޑް ގަވަރނެންސްގެ އަސާސްތަކުގެ ޒައްރެއްގެ މިންވަރު ވެސް އެކުލެވިގެން ނުވާ ހޮޅި ބަޖެޓެއް.
ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އަހްމަދު ދީދީ![]()
ރައްޔިތުންގެ އެއްވެސް ކަމަކަށް މި ބަޖެޓުން ހައްލެއް ލިބޭތަން ނުފެންނަ ކަމަށް ވެސް މެންބަރު ވިދާޅުވި އެވެ. އަދި ވިދާޅުވީ ސަރުކާރަށް ދެ އަހަރު ވީއިރު އެއްވެސް މަޝްރޫއެއް ހިންގިފައި ނުވާ ކަމަށާ ހަމައެކަނި ފެންނަނީ ކަރުދާހުގަ ސޮއި ކުރާތަން ކަމަށެވެ.
މިސާލެއްގެ ގޮތުން މެންބަރު ވިދާޅުވީ މިދިޔަ އަހަރު އައްޑޫ ސިޓީގައި ހަވާ އެރުވުމަށް ފަހު ހަންކެޑެ މަޝްރުއޫ ވެސް ބަޔަކާ ހަވާލު ކުރި ކަމަށެވެ. އޭގެ ފަހުން މި އަހަރު އައްޑު އަށް ވަޑައިގެން އަނެއްކާ ވެސް އެ މަޝްރޫއު ބަޔަކާ ހަވާލު ކޮށްފައިވާ ކަން ރައީސް އިއުލާނު ކުރެއްވި ކަމަށް މެންބަރު ވިދާޅުވި އެވެ.
މިދިޔަ އަހަރު އެ މަޝްރޫއު ހަވާލު ކުރީ ޗައިނާ ކުންފުންޏަކަށް ކަމަށާ މި އަހަރު އެ މަޝްރޫއު ހަވާލު ކުރީ ތުރުކީ ބަޔަކާ ކަން މެންބަރު ދީދީ ފާހަގަކުރެއްވި އެވެ.
އޭގެ އިތުރުން، މިފަހުން އައްޑުގައި ޕޮލިސް އިމާރާތެއް އަޅަން ބަޔަކާ ހަވާލު ކުރި ނަމަވެސް އެ އިމާރާތް އަޅަނީ ކޮންތަނެއްގައި ކަމެއް ކައުންސިލަށް ވެސް ނޭނގޭ ކަމަށް މެންބަރު ވިދާޅުވި އެވެ. އަދި އެކަމުގެ ތަފްސީލު ފުލުހުންގެ އިދާރާ އާއި، މަސައްކަތް ހަވާލުކުރި ކުންފުނީގެ އިތުރުން ދާއިރާގެ ރައްޔިތުންނަށް ވެސް ނޭނގޭ ކަމަށް ދީދީ ވިދާޅުވި އެވެ.
ދީދީ ވިދާޅުވީ މިއަދު ރައްޔިތުން ރައީސް މުއިއްޒާ މި ސަރުކާރަށް އިތުބާރު ނުކުރަނީ ދައްކާ ވާހަކައާ އަމަލާ ދިމާ ނުވާތީ ކަމަށެވެ. މިދިޔަ އަހަރު ދެއްކި ވާހަކަތަކާ މިއަހަރު ދައްކާ ވާހަކަ ދިމާ ނުވާއިރު މިދިޔަ އަހަރު ކުރި ކަންކަމާ މި އަހަރު ކުރި ކަންކަން ވެސް ދިމާ ނުވާ ކަމަށް ދީދީ ވިދާޅުވި އެވެ.