ބައިނަލްއަގުވާމީ ރޭޓިން އެޖެންސީ، ފިޗް ރޭޓިން އިން ދެމުން އަންނަ ރޭޓިންގައި ހިމެނޭ 'ޑަބަލް ސީ' އާއި 'ޓްރިޕަލް ސީ' ގެ ތަފާތު އެނގިވަޑައި ނުގެން ހުންނަވާ މުއިއްޒު ސަރުކާރުގައި ކްރެޑިޓް ރޭޓިންގ މަތިވި ކަމަށް ވިދާޅުވެ ހޯރަފުށީ ދާއިރާގެ މެންބަރު އަލީ މޫސާ ދޮގު ހަދައިފި އެވެ.
އަންނަ އަހަރަށް ސަރުކާރުން ހުށަހެޅި ބަޖެޓަށް ބަހުސް ކުރައްވަމުން މެންބަރު އަލީ މޫސާ ވަނީ އެމްޑީޕީގެ ސަރުކާރު 2018 ވަނަ އަހަރު އައި އިރު ދިވެހިރާއްޖޭގެ ބަޖެޓުގެ ހާލަތާއި ދިވެހިރާއްޖޭގެ ބަޖެޓު އޮތްގޮތަކީ ކޮބައިތޯ ސުވާލު އުފައްދަވާފަ އެވެ. އަލީ މޫސާ ވިދާޅުވީ އެއިރު 2018 ވަނަ އަހަރު އެމްޑީޕީ ގެ ވެރިކަން އައި އިރު ދިވެހިރާއްޖޭގެ ކްރެޑިޓް ރޭޓިންގ އަކީ 'ބީ ޕްލަސް' ކަމަށެވެ. ނަމަވެސް އެމްޑީޕީގެ ސަރުކާރު ނިމުނު އިރު 2023 ގައި ދިވެހިރާއްޖޭގެ ކްރެޑިޓް ރޭޓިންގ އަކީ 'ޓްރިޕަލް ސީ' (ސީ،ސީ،ސީ) ކަމަށެވެ.
ނަމަވެސް މިއަދުގެ ކްރެޑިޓް ރޭޓިންގ އަކީ 'ޑަބަލް ސީ'. އެހެން ވީމާ ކުރިއެރުންތަކެއް ހޯދަމުން އަންނަތަން ފެނޭ.
ހޯރަފުށީ ދާއިރާގެ މެންބަރު އަލީ މޫސާ![]()
މެންބަރު އަލީ މޫސާގެ ވާހަކައިގައި ހަގީގަތުގައި އެ ވިދާޅުވީ 'ޓްރިޕަލް ސީ' (ސީ،ސީ،ސީ) ގައި އޮއްވާ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގައި ޑަބަލް 'ސީ' (ސީ،ސީ) އަށް ރޭޓިން ދަށްކުރި ވާހަކަ އެވެ.
އަލީ މޫސާ މިފަދައިން ވިދާޅުވި އިރު، ފިޗުން ދޭ ރޭޓިން ތަކުގައި 'ޓްރިޕަލް ސީ' (ސީ،ސީ،ސީ) އަށްވުރެ 'ޑަބަލް ސީ' (ސީ،ސީ) އަކީ ހާލަތު ގޯސްވެގެން ދޭ ރޭޓިން އެކެވެ. ފިޗު ރޭޓިންގ ފެށެނީ 'ޓްރިޕަލް އޭ' (އޭ،އޭ،އޭ) އިންނެވެ. އެއީ އެންމެ ރަނގަޅު ކްރެޑިޓް ރޭޓިންގ އަދި ބަނގުރޫޓް ނުވާނެ ކަމުގެ ޔަގީންކަން އޮތުމުންދޭ ރޭޓިންގ އެކެވެ. އެންމެ ދަށް ރޭޓިންގ އަކީ 'ޑީ' އެވެ.
'ސީސީ' ރޭޓިން އަކީ ދަރަނި ނުދެއްކި ބަނގުރޫޓު ވެދާނެ ކަމުގެ ބިރު ބޮޑުވުމުންދޭ ރޭޓިން އެކެވެ. އެއަށް ވުރެ ދަށަށް ދެން އިންނަ ރޭޓިން އަކީ 'ސީ' ރޭޓިންއެވެ. އެއީ، ބަނގުރޫޓު ވާނެކަން ޔަގީންވުމުން ދޭ ރޭޓިންއެކެވެ. ރާއްޖެއަށް ދީފައި އޮތް 'ސީސީ' ރޭޓިން އަކީ ދަރަނި ނުދެއްކުމުގެ ބިރު އޮތުމުން ދޭ ރޭޓިން އެކެވެ.
މިދިޔަ އަހަރުގެ ތެރޭގައި ދެ ފަހަރަށް ފިޗުން ރާއްޖޭގެ ރޭޓިން ދަށްކުރި އެވެ. އެގޮތުން، "ބީ ނެގެޓިވް" ގައި 2023 އަދި 2022 ގައި ހުރި ރޭޓިން "ސީސީސީ ޕްލަސް" ދަށް ކުރީ މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގަ އެވެ. އެއަށް ފަހު އަނެއްކާ ވެސް މިދިޔަ އަހަރުގެ އޮގަސްޓު މަހު ރާއްޖޭގެ ރޭޓިން "ސީސީ" އަށް ދަށްކުރި އެވެ.
"ސީސީ ރޭޓިން އިން ބުނެދެނީ ކޮންމެ ވެސް ސިފައެއްގައި ދަރަންޏެއް ނުދެއްކިދާނެމުގެ ބިރު އޮތްކަން،" ފިޗުގެ ރިވިއުގައިވެއެވެ.
މެންބަރު އަލީ މޫސާގެ ވާހަކައިގައި ޓްރިޕަލް 'ސީ' އަށްވުރެ ޑަބަލް 'ސީ' އަކީ ރަނގަޅު ހާލަތެއް ކަމަށް މަޖިލީހުގައި ވިދާޅުވި އެވެ. ނަމަވެސް ޑަބަލް ސީ'' އަކީ ހާލަތު ގޯސް ކަން އަންގައިދޭ ރޭޓިން އެކެވެ.
މީގެ އިތުރުން ރާއްޖޭގެ މާލީ ހާލަތު ރަނގަޅުވާތަން ނުފެންނާތީ އަދި ރަނގަޅުކުރުމަށް ހަރުދަނާ ފިޔަވަޅުތަކެެއް އަޅާފައިނުވާތީ ދުނިޔޭގެ އެންމެ ބޮޑު އެއް ކްރެޑިޓް ރޭޓިން އެޖެންސީ، މޫޑީސް އިން ރާއްޖޭގެ "ޖަންކް" ރޭޓިން ދަމަހައްޓާފައިވެ އެވެ.
މިދިޔައަހަރު ރާއްޖޭގެ ރޭޓިން "ސީއޭއޭ 1" ގައި ހުރި ނަމަވެސް މޫޑީސް އިންވަނީ ރާއްޖޭގެ ރޭޓިން 'ސީއޭއޭ 2" އަށް ދަށްކޮށްފައެވެ. ދަރަނި ނުދެއްކޭނެ ކަމުގެ ބިރު ބޮޑުވުމުން މޫޑީސް ރޭޓިންގައި ރާއްޖެ މިހާރު އޮތީ "ނޮން-އިންވެސްޓްމެންޓް" ގްރޭޑުގަ އެވެ.