Advertisement
ކ. މާލެ
|
25 ނޮވެންބަރ 2025 | އަންގާރަ 13:54
އަންނަ އަހަރަށް ލަފާކުރާ ބަޖެޓް މަޖިލީހުން ވަނީ ފާސްކޮށްފަ
އަންނަ އަހަރަށް ލަފާކުރާ ބަޖެޓް މަޖިލީހުން ވަނީ ފާސްކޮށްފަ
މަޖިލިސް
ބަޖެޓް 2026
ތާރީޚުގައި މިހާތަނަށް ހުށަހެޅި އެންމެ ބޮޑު، 64.2 ބިލިއަން ރުފިޔާގެ ބަޖެޓް މަޖިލީހުން ފާސްކޮށްފި
2026 ވަނަ އަހަރަށް ލަފާކޮށް ހުށަހެޅި 64.2 ބިލިއަން ރުފިޔާގެ ބަޖެޓް މަޖިލީހުން ފާސްކުރީ 74 މެންބަރުންގެ އަޣުލަބިއްޔަތުން
އަންނަ އަހަރު ހަރަދުގެ ގޮތުގައި 49.2 ބިލިއަން ރުފިޔާ ހިނގާނެ
އަންނަ އަހަރު އާމްދަނީގެ ގޮތުގައި 40.4 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައިވޭ

2026 ވަނަ އަހަރަށް ލަފާކޮށް ދައުލަތުން ހުށަހެޅި 64.2 ބިލިއަން ރުފިޔާގެ ބަޖެޓް، މަޖިލީހުން ފާސްކޮށްފި އެވެ.

އަންގާރަ ދުވަހުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ރާއްޖޭގެ ތާރީޚުގައި މިހާތަނަށް ހުށަހެޅި އެންމެ ބޮޑު ބަޖެޓު، ބަޖެޓް 2026 ފާސްކޮށްފައިވަނީ އެކަމަށްޓަކައި ނެގުނު ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 86 މެންބަރުންގެ ތެރެއިން 74 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. ދައުލަތުން ހުށަހެޅި 64.2 ބިލިއަން ރުފިޔާގެ ބަޖެޓް ފާސްކުރަން ނުފެންނަ ކަމަށް ވޯޓު ދެއްވީ 12 މެންބަރުންނެވެ.

އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވަނީ 64,202,565,720 (ފަސްދޮޅަސް ހަތަރު ބިލިޔަން ދުއިސައްތަ ދެ މިލިޔަން ފަސް ލައްކަ ފަސްދޮޅަސް ފަސް ހާސް ހަތް ސަތޭކަ ވިހި) ރުފިޔާއެވެ. މީގެ ތެރެއިން ހަރަދުގެ ގޮތުގައި ހިނގާނީ، 49.2 ބިލިޔަން ރުފިޔާއެވެ. އޭގެތެރޭގައި ހިމެނެނީ، ރިކަރަންޓް ޚަރަދުގެ ގޮތުގައި 39.9 ބިލިޔަން ރުފިޔާ އާއި ކެޕިޓަލް ޚަރަދުގެ ގޮތުގައި 9.3 ބިލިޔަން ރުފިޔާއެވެ.

ދަރަނި ދައްކަން 12.9 ބިލިއަން ރުފިޔާ އަދި ބަޖެޓު ޑެފިސިޓު ފޫބައްދަން 8.8 ބިލިއަން ރުފިޔާ ބޭނުންވާ ކަމަށް ލަފާކޮށްފައިވާ އިރު އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވާ ބަޖެޓުގެ ހަރަދުތައް ހަމަޖައްސަން 26.2 ބިލިއަން ރުފިޔާގެ ފައިނޭންސިން ހޯދަން ޖެހެ އެވެ.

ސަރުކާރުން ވަނީ ލޯނު ދައްކަން ސަވަރިންގ ޑިވެލޮޕްމަންޓު ފަންޑުގައި ހުރި ފައިސާ ބޭނުން ކުރުމަށް ނިންމާފައެވެ. އެގޮތުން މި ފަންޑުގައި މިހާރު ވެސް ނަގުދު ފައިސާއިން 100 މިލިއަން ޑޮލަރު (1.5 ބިލިއަން ރުފިޔާ) އެބަ ހުއްޓެވެ. އަދި އަންނަ އަހަރު މި ފަންޑު ބޭނުންކޮށްގެން ދަރަނި ދައްކަން 4.2 ބިލިއަން ރުފިޔާ ހަރަދު ކުރާނެ އެވެ.

އަންނަ އަހަރު އާމްދަނީގެ ގޮތުގައި 40.4 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ސަރުކާރުން ލަފާކޮށްފައިވެ އެވެ. އާމްދަނީގެ ބައިގައި ހިލޭ އެހީ ހިމަނާފައި ނުވެ އެވެ.

އަންނަ އަހަރަށް ޓެކުހުގެ ގޮތުގައި ލިބޭނެކަމަށް އަންދާޒާކުރެވެނީ 31.3 ބިލިއަން ރުފިޔާ އެވެ. ޓެކްސް ނޫން އާމްދަނީގެ ގޮތުގައި ލިބޭނެކަމަށް ލަފާކުރެވެނީ 8.7 ބިލިއަން ރުފިޔާ އެވެ. އަދި ހިލޭ އެހީގެ ގޮތުގައި ލިބޭނެ ކަމަށް 373.6 މިލިއަން ރުފިޔާ އަންދާޒާކުރެ އެވެ.

ބަޖެޓް ދިރާސާ ކުރި ކޮމިޓީ އިން ފާސްކުރި އިސްލާހުތަކުގެ ތެރޭގައި މަޖިލީހުގެ އިދާރާގެ ބަޖެޓުގެ ގޮތުގައި 3.5 މިލިއަން ރުފިޔާގެ ހާއްސަ ބަޖެޓުގެ ތެރެއިން އިތުރުކުރުމަށް ފާސްކޮށްފައިވެ އެވެ. އަދި މިނިވަން މުއައްސަސާތަކުން ހުށަހެޅި ކަންކަމަށް ރިއާޔަތްކޮށް ފިނޭންސް މިނިސްޓްރީ އިން ވަނީ އެއްވެސް މުއައްސަސާއެއް ގެ ގާނޫނީ ޒިންމާ އަދާކުރަން ދަތިވެއްޖެނަމަ ކޮންމެހެން ބޭނުންވާ ފައިސާ މުޅި ބަޖެޓުގެ ތެރެއިން ޖާގަހޯދައިގެން ހަމަޖައްސައިދޭނެ ކަމަށް ބުނެފަ އެވެ.

- ކޮމެންޓް