އަންނަ 2026 ވަނަ އަހަރުގެ ދައުލަތު ގެ ބަޖެޓުން ދޭ ފައިސާ ގެ އެހީ ދިނުމަށް ބޭނުންވާ ޝަރުތު ހަމަވަނީ 4 ސިޔާސީ ޕާޓީ އަކުން ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފި އެވެ.
އިލެކްޝަންސް ކޮމިޝަނުން އާންމު ކޮށްފައިވާ މައުލޫމާތުފައި ބުނީ 2026 ވަނަ އަހަރުގެ ބަޖެޓު ރައްޔިތުންގެ މަޖިލީހުން ފާސްކުރި ދުވަސް، 2025 ނޮވެމްބަރު 25 ގެ ނިޔަލަށް، 10،000 މެންބަރުން ހަމަވާ ސިޔާސީ ޕާޓީ ގެ އަދަދަކީ 4 ކަމަށެވެ.
އެއީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އާއި، ޖުމްހޫރީ ޕާޓީ (ޖޭޕީ) އާއި، މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) ގެ އިތުރުން ޕީޕަލްސް ނެޝެނަލް ކޮންގްރެސް (ޕީއެންސީ) ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ހާމަ ކޮށްފަ އެވެ.
2026 ވަނަ އަހަރުގެ ބަޖެޓު ރައްޔިތުންގެ މަޖިލީހުން ފާސްކުރި ދުވަހުގެ (25 ނޮވެންބަރު 2025) ނިޔަލަށް، 10،000 މެންބަރުން ހަމަވާ ސިޔާސީ ޕާޓީތައް pic.twitter.com/IlrDViaMI1
— Elections Commission (@ElectionsMv) December 6, 2025
ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ވާ ގޮތުން ދައުލަތު ގެ ބަޖެޓުން ދޭ ފައިސާ ގެ އެހީ ސިޔާސީ ޕާޓީތަކުގެ މެދުގައި ބަހާނީ ސިޔާސީ ޕާޓީ ގެ ދަފްތަރު ގައި އެ ޕާޓީގެ މެންބަރުން ގެ ގޮތުގައި ރަޖިސްޓަރީ ކުރެވިފައިވާ މެންބަރުންގެ އަދަދުގެ ނިސްބަތުންނެވެ.
ދައުލަތުގެ ބަޖެޓުން ދޭ ފައިސާގެ އެހީ ލިބޭނީ ކޮމިޝަންގައި ރަޖިސްޓަރީ ކުރެވިފައިވާ ޕާޓީތަކުގެ ތެރެއިން 10,000 މެންބަރުން ހަމަވާ ޕާޓީތަކަށް އެކަނި ކަމަށް ވެސް ގާނޫނުގައި ބަޔާން ކުރެ އެވެ.
ގާނޫނު ގައި ބަޔާން ކޮށްފައި ވަނީ ކުރިއަށް އޮތް އަހަރުގެ ބަޖެޓު މަޖިލީހުން ފާސްކުރާ ފަހުން، 10,000 މެންބަރުން ހަމަކުރާ ޕާޓީއަކަށް އެ އަހަރުގެ ބަޖެޓު ހިނގަން ފެށުމުން ދައުލަތުން ދޭ ފައިސާގެ އެހީ ނުލިބޭނެ ކަމަށެވެ.
އިލެކްޝަންސް ކޮމިޝަންގެ ވެބްސައިޓުގައި ވާ ގޮތުން މިއަހަރުގެ ޖޫން މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް އެމްޑީޕީ ގައި ތިބީ 43،765 މެންބަރުންނެވެ. ޖޭޕީ ގައި 13،456 މެންބަރުން ތިބި އިރު އެމްޑީއޭ ގައި 9،011 މެންބަރުން އަދި ޕީއެންސީ ގައި 68،665 މެންބަރުން އެބަ ތިއްބެވެ.
ޖޫން މަހުގެ ނިޔަލަށް އެމްޑީއޭގައި 10،000 މެންބަރުން ނެތް ކަމަށް އީސީ ގެ ވެބްސައިޓުގައި ވީ ނަމަވެސް 2026 ގެ ބަޖެޓު މަޖިލީހުން ފާސް ކުރި ދުވަހުގެ ނިޔަލަށް އެ ޕާޓީގައި އެ އަދަދަށް މެންބަރުން ހަމަވެފައިވާ ކަން އެ ކޮމިޝަނުން ހާމަ ކޮށްފައިވާ މައުލޫމާތުން އެނގެ އެވެ.
ރާއްޖޭގައި ރަޖިސްޓްރީ ކޮށްފައި ވަނީ ޖުމްލަ 9 ސިޔާސީ ޕާޓީ އެވެ.