މާލޭ ވިޔަފާރި ބަނދަރުގައި ކޮންޓެއިނަރ ސްކޭނަރެއް ބަހައްޓަން 15 މިލިއަން ރުފިޔާ ހަމަޖައްސައިގެން އެ މަސައްކަތް ކުރިއަށް ނުދާނެ ކަމަށާ އެކަމަށް 51 މިލިއަން ރުފިޔާ ބޭނުންވާ ކަމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސް އިން ބުނެފި އެވެ.
އާދިއްތަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ދިރާސާ ކުރާ ކޮމިޓީގައި ވާހަކަދައްކަވަމުން ކަސްޓަމްސް ގެ ޗީފް ސުޕްރިޓެންޑެންޓު އަބްދުﷲ އަލީ ވިދާޅުވީ ކޮންޓެއިނަރ ސްކޭން ކުރާ މެޝިނެއްގެ އަގު އުޅެނީ ގާތްގަނޑަކަށް 51 މިލިއަން ރުފިޔާގައި ކަމަށެވެ.
މިދިޔަ ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހު ފިނޭންސް މިނިސްޓްރީއާ އެކު ބޭއްވި ބައްދަލުވުމެއްގައި އެ ފައިސާގެ ވާހަކަ ބުނެފައި ވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އޭރު ވެސް ކަސްޓަމްސް އިން އެކަމަށް ޚަރަދުވާނެ ކަމަށް އަންދާޒާ ކުރީ 51 މިލިއަން ރުފިޔާ ނަމަވެސް އޭގެ ބަދަލުގައި އެންމެ 15 މިލިއަން ރުފިޔާ ދޭން ނިންމައި، އެގޮތަށް ރިކުއެސްޓް ކުރުމަށް މިނިސްޓްރީން އެދުނު ކަމަށް އޭނާ ވިދާޅުވި އެވެ.
އަޅުގަނޑުމެން މިނިސްޓްރީގަ ދެންނެވީ ފުލް އެމައުންޓު ނުލިބި ކިހިނެތްހޭ މި ޕްރޮސެސް ކުރިއަށް ގެންދާނީ. ހަމައެކަނި 15 މިލިއަން ރުފިޔާ ލިބިގެން އެކަމެއް ކުރިއަކަށް ނުގެންދެވޭނޭ. އެއީ އެކަން ވެފަ އިން ގޮތަކީ. މުޅި ޕްރޮސެސްގައި މުޅި ޖުމުލަ ކޮސްޓަކަށް އެބަ އަރާ ގާތްގަނޑަކަށް އަޅުގަނޑުމެން ލަފާ ގޮތުގައި ވެއްޖިއްޔާ 51 މިލިއަން އިނގޭތޯ. އެއީ ގާތްގަނޑަކަށް މި މެޝިންގެ ކޮސްޓް.
ކަސްޓަމްސް ގެ ޗީފް ސުޕްރިޓެންޑެންޓު އަބްދުﷲ އަލީ![]()
އެ ކޮމިޓީ ބައްދަލުވުމުގައި ކަސްޓަމްސް ގެ ކަންބޮޑުވުންތައް އަޑުއެއްސެވުމަށްފަހު ކޮމިޓީގެ މުގައްރިރު އަދި އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ވިދާޅުވީ ކަސްޓަމްސް އިން އެދޭ ގޮތަށް މިހާރު ކަނޑައަޅާފައިވާ 15 މިލިއަން ރުފިޔާގެ އިތުރަށް ބޭނުންވާ ފައިސާ ހަމަޖައްސައިދޭނެ ކަމުގެ ޔަގީންކަން ފިނޭންސް މިނިސްޓްރީ އިން ދީފައިވާ ކަމަށެވެ.
މެޝިނުގެ ޚަރަދުގެ އިތުރުން އޭގެ މެއިންޓެނެންސް ގެ ޚަރަދުގެ ވާހަކަ ވެސް ކަސްޓަމްސް އިން ވަނީ ކޮމިޓީ މެންބަރުންނާ ހިއްސާ ކޮށްފައެވެ. ކަސްޓަމްސް އިން ބުނީ ސްކޭނަރުގެ މެއިންޓެނަންސް އަށް އަހަރަކު ލައްކައެއް ނުވަތަ ދެ ލައްކަ ޑޮލަރު ހަރަދުވާނެ ކަމަށެވެ.
އާދިއްތަ ދުވަހުގެ ކޮމިޓީ ބައްދަލުވުމުގައި ކަސްޓަމްސް އިން ވަނީ ކޮންޓޭނަރު ސްކޭން ކުރަން މިހާތަނަށް އެކުލަވާލާފައިވާ ޕްލޭންތައް ވެސް ހިއްސާކޮށްފަ އެވެ. އެގޮތުން އެ ކަން ދެގޮތަކަށް ކުރަން ރާވާފައިވާއިރު އެއީ ބެލްޓެއްގެ މަތިން ކޮންޓޭނަރު ދުއްވައިގެން ސްކޭން ކުރުން ނޫނީ ކޮންޓޭނަރު އުފުލާ ލޮރީ ނުވަތަ އުޅަނދު ސްކޭން ތެރެއިން ދަތުރުކޮށްގެން އެކަން ކުރުން ކަމަށް ކަސްޓަމްސް އިން ބުނެފައި ވެއެވެ.