Advertisement
ކ. މާލެ
|
5 ޑިސެންބަރ 2025 | ހުކުރު 07:31
ޑިސެންބަރު، 3، 2025 ދުވަހުގެރޭ އައްޑޫ ސިޓީގައި ހިންގި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވާ ސ.ހިތަދޫ، ކޮންމުލި، ޢަލީ ނަދީމް ގެ ސައިކަލު ފަހަތުގައި ޑިފެންސް މިނިސްޓަރ ޣައްސާން މައުމޫނު
ޑިސެންބަރު، 3، 2025 ދުވަހުގެރޭ އައްޑޫ ސިޓީގައި ހިންގި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވާ ސ.ހިތަދޫ، ކޮންމުލި، ޢަލީ ނަދީމް ގެ ސައިކަލު ފަހަތުގައި ޑިފެންސް މިނިސްޓަރ ޣައްސާން މައުމޫނު
އެކްސް
މަސްތުވާ ތަކެތި
މަސްތުވާތަކެތީގެ ބޮޑެއް ކަމަށް ބުނެ އައްޑޫ އިން ހައްޔަރު ކުރި ނަދީމް އަކީ މުއިއްޒު ސަރުކާރުގެ ބޮޑުންނާއި ގާތް ފަރާތެއް
ފުލުހުންގެ އޮޕަރޭޝަން އަލިމަގުގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ނެޓްވޯކެއްގެ އިސްފަރާތްތަކަށް އަމާޒުކޮށް އައްޑޫގައި 5 މީހުން ހައްޔަރުކުރި
މި ނެޓްވޯކްގެ އިސް 4 މީހެއްގެ އެކައުންޓްގައި ފާއިތުވި 5 އަހަރު 19 މިލިއަނަށްވުރެ ގިނަ ރުފިޔާ ދައުރު ކޮށްފައިވާކަން ފާހަގަ ކުރެވިފައިވޭ

ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ނެޓްވޯކެއްގެ ބޮޑުން ކަމަށް ތުހުމަތު ކުރެވިގެން ހައްޔަރުކުރި މީހުންގެ ތެރޭގައި، ސީނިއަރ ޕޮލިޓިކަލް ޑިރެކްޓަރ ކަމަށް ރައީސް މުއިއްޒު ހަމަ ޖެއްސި، ސ. ހިތަދޫ، ކޮންމުލި، އަލީ ނަދީމް ހިމެނޭކަން ފުލުހުން އާންމު ކުރި މައުލޫމާތުން ހާމަ ވެއްޖެ އެވެ.

ފުލުހުން ބުނީ މި މީހުން ހައްޔަރު ކުރީ މަސްތުވާ ތަކެއްޗާއި ދެކޮޅަށް ކުރެވޭ މަސައްކަތުގެ ތެރެއިން ފުލުހުން ކުރިއަށް ގެންދާ “އޮޕަރޭޝަން އަލިމަގު” ގެ ދަށުން އައްޑޫ ސިޓީގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.

މަސްތުވާ ތަކެތީ ބޮޑެއް ކަމަށް ބުނެ އައްޑޫ އިން ހައްޔަރު ކުރި މީހުންގެ ތެރޭގައި ހިމެނޭ ނަދީމް އަކީ މުއިއްޒު ސަރުކާރާ ވަރަށް ގުޅުން ބޮޑު ފަރާތެއްކަމަށް މައުލޫމާތު ލިބިފައި ވެއެވެ. އޭނާ ވަނީ މުއިއްޒު ވެރިކަމަށް ގެނައުމަށް އައްޑޫ ގައި އިސް ދައުރެއް އަދާ ކޮށްފައެވެ.

ސޯޝަލް މީޑިއާ ގައި ހާމަވެފައިވާ ފޮޓޯ އެއް ގައި މިހާރުގެ ޑިފެންސް މިނިސްޓަރު ޣައްސާނު މައުމޫނު ނަދީމުގެ ސައިކަލު ފަހަތުގައި ރެލީ އެއް ގައި ހަރަކާތްތެރިވަމުންދާ މަންޒަރު ވަނީ އާންމު ވެފަ އެވެ.

ޑިސެންބަރު، 3، 2025 ދުވަހުގެރޭ އައްޑޫ ސިޓީގައި ހިންގި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވާ ސ.ހިތަދޫ، ކޮންމުލި، ޢަލީ ނަދީމް ގެ ސައިކަލު ފަހަތުގައި ޑިފެންސް މިނިސްޓަރ ޣައްސާން މައުމޫނު

މި ނެޓްވޯރކްގެ އިސްފަރާތްތަކަށް އަމާޒުކޮށް މަސްތުވާތަކެތި ޓްރެފިކް ކުރުމާއި މަނީ ލޯންޑަރ ކުރުމުގެ ތަހުގީގެއް ފުލުހުން ފަށާފައިވަނީ މި އަހަރު މާރޗް މަހުން ފެށިގެން ކަމަށް ފުލުހުންގެ ބަޔާނެއްގައި ބުނެފައިވެއެވެ. އަދި މި ނެޓްވޯރކްގެ ތެރެއިން 2017 އިން ފެށިގެން މަސްތުވާތަކެތިގެ ވިޔަފާރި ކުރަމުންދާ ކަން ފުލުހުންނަށްވަނީ ހޯދިފައިވެއެވެ. އެގޮތުން ފާއިތުވި 5 އަހަރު މި ނެޓްވޯރކްގެ އިސް 4 މީހެއްގެ އެކައުންޓްގައި 19 މިލިއަނަށްވުރެ ގިނަ ދިވެހި ފައިސާ ދައުރުކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވެސް ބުނެފައި ވެއެވެ.

މިމައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ޢަލީ ނަދީމް އާއި ހާފިޡު ފައުޒީ އަދި އިބްރާހީމް ސިރާޖަށް 30 ދުވަހުގެ މުއްދަތެއް ދީފައެވެ. އަދި ޙަސަން އަލްފާފް އާއި އަމީން މުޙައްމަދަށް 5 ދުވަހުގެ މުއްދަތެއް ދީފައިވެއެވެ.

އޮޕަރޭޝަން އަލިމަގު ގެ ނަމުގައި މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ހިންގި ބޮޑު އޮޕަރޭޝަނުގައި 29 . ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެ 110 މީހުން ހައްޔަރުކުރިއިރު އޭގެ ތެރެއިން ކޯޓަށް ހާޒިރުކުރި 38 މީހެއްގެ ވަނަވަރު މިދިޔަ މަހުގެ 25، ގައި ހާމަކުރި އެވެ.

އެ އޮޕަރޭޝަނުގައި 500 ފުލުހުން ބައިވެރިވިއިރު މީހުން ދިރިއުޅޭ 187 ރަށުގެ ތެރެއިން 39 ރަށުގައި އޮޕަރޭޝަން ހިންގި އެވެ. އަދި 105 ތަނެއް ބަލައިފާސްކޮށް ނުވަ އެއްގަމު އުޅަނދާއި ކަނޑު އުޅަނދެއް ބަލައިފާސްކުރި ކަމަށް ފުލުހުން ބުނެ އެވެ.

މި ޑިސެންބަރު މަހުގެ 3 ވަނަ ދުވަހުގެރޭ އައްޑޫ ސިޓީގައި ހިންގި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ ސ.ހިތަދޫ، ކޮންމުލި، ޢަލީ ނަދީމް (30އ) އާއި އެރަށު، ފަލާޙް، ހާފިޡު ފައުޒީ (31އ) އާއި ވެޔޮފެހެބުރުގެ، އިބްރާހީމް ސިރާޖު (43އ) އާއި ދޮރުފޮތިމާގެ، ޙަސަން ޢަލްފާފް (28އ) އަދި އެ ރަށު ކެކުރިމާގެ، އަމީން މުޙައްމަދު (23އ) އެވެ.

- ކޮމެންޓް