އޮޕަރޭޝަން އަލިމަގުގެ ދަށުން އައްޑޫ ސިޓީގައި ކުރިއަށް ގެންދާ އޮޕަރޭޝަނުގައި މިހަތާނަށް ކޯޓު އަމުރެއްގެ ދަށުން 10 ތަނެއް ބަލައި ފާސްކޮށް 10 މީހަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން މީޑިއާތަކަށް ހިއްސާކުރި މެސެޖެއްގައި ބުނީ ހައްޔަރު ކުރި 10 މީހުންގެ ތެރެއިން ހަ މީހަކު ކޯޓަށް ހާޒިރުކުރެވި ބަންދުގެ މުއްދަތު ޖަހައިފައިވާ ކަމަށެވެ. އަދި މި މީހުންނަކީ މަސްތުވާތަކެތީގެ ވިޔަފާރިކުރަމުންދާ ބޮޑު ނެޓްވޯކެއްގައި ހިމެނޭ އިސްފަރާތްތަކެއް ކަމަށް ފުލުހުން ބުނެފައިވެ އެވެ.
އަދި މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވާ މީހުންގެ ތެރެއިން އިތުރު މީހަކު ބަންދުގެ މުއްދަތު އިތުރު ކުރުމަށް ކޯޓަށް ހާޒިރުކޮށްފައިވާކަމަށް ފުލުހުން ބުންޏެވެ. އެއީ ސ. ހިތަދޫ، ގުލްކަނދުގެ، ޙަސަން ނަޒީފް (36އ)އެވެ. ފުލުހުން ބުނީ އޭނާ ކޯޓަށް ހާޒިރުކުރުމުން ފަސް ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް އަމުރު ކޮށްފައިވާ ކަމަށެވެ.
ފުލުހުން މީޑިއާއާ ހިއްސާކުރި މައުލޫމާތު ތަކުގައިވާ ގޮތުން ހިތަދޫގެ މި ޑްރަގް ނެޓްވޯކްގެ ހަތަރު މީހެއްގެ އެކައުންޓުގައި މިދިޔަ ފަސް އަހަރު 19 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައުރު ކޮށްފައިވެ އެވެ.
ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ މީހުން ނުވަތަ އޭގެ ވިޔަފާރިކުރުމުގެ ކުށް ސާބިތުވާ މީހުންނަށް މަރުގެ އަދަބު ދޭން ސުޕްރީމް ކޯޓުން މައްސަލަ ބަލާ ފަނޑިޔާރުން އިއްތިފާގުވާ ހާލަތުގައި އެ އަދަބު ކަނޑައެޅޭ ގޮތަށް މަސްތުވާތަކެއްޗާ ބެހޭ ގާނޫނަށް ގެނައި އިސްލާހު ވެސް ރައްޔިތުންގެ މަޖިލީހުން މިދިޔަ ބުދަ ދުވަހު ވަނީ ފާސްކޮށްފަ އެވެ.