Advertisement
ކ. މާލެ
|
6 ޑިސެންބަރ 2025 | ހޮނިހިރު 15:53
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު
ރާއްޖެއެމްވީ
މަރުގެ އަދަބު
ޑްރަގް އެތެރެކުރާ މީހުންނަށް މަރު ގެ އަދަބު ދޭ ބިލު، ރައީސް ތަސްދީގު ކުރައްވައިފި
350 ގްރާމަށް ވުރެ އިތުރު ކެނެބިސް ނުވަތަ 250 ގްރާމަށް ވުރެ އިތުރު ޑައިމޯފިން އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ދެވޭނެ
މަރުގެ އަދަބުގެ ހުކުމް ތަންފީޒުކުރެވޭނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގެ އިއްތިފާގުން

މަސްތުވާތަކެތި އެތެރެކުރާ މީހުންނަށް މަރު ގެ އަދަބު ދެވޭގޮތަށް މަސްތުވާތަކެތީ ގެ ގާނޫނަށް ހުށަހެޅި ބިލު، ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގު ކުރައްވައިފި އެވެ.

މި ބިލަކީ، 2025 ޑިސެންބަރު 3 ވީ ބުދަ ދުވަހު ބޭއްވި 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ތިން ވަނަ ދައުރުގެ 28 ވަނަ ޖަލްސާ ގައި ފާސް ކޮށްފައިވާ ބިލެކެވެ.

މި ބިލު ހުށަހެޅުމުގެ ބޭނުމަކީ ދިވެހިރާއްޖޭ ގައި މަސްތުވާތަކެތި ޓްރެފިކް ކުރުމާއި މަސްތުވާތަކެތީ ގެ އެނޫން ވެސް ވިޔަފާރި ކުރުން ހުއްޓުވުމާއެކު ރާއްޖޭގައި މަސްތުވާތަކެތި ގެންގުޅޭ އަދި ބޭނުންކުރާ މިންވަރު މަދުކުރުމަށް ގާނޫނަށް ގެންނަން ޖެހޭ އިސްލާހުތައް ބަޔާން ކުރުން ކަމަށް ސަރުކާރުން ބުނެ އެވެ.

މަސްތުވާތަކެތީ ގެ ގާނޫނަށް ހުށަހެޅުނު ބައެއް އިސްލާހު ތަކުގެ ތެރޭގައި ގާނޫނު ގެ ދަށުން ކޮންޓްރޯލް ކޮށްފައިވާ މަސްތުވާ އެއްޗެހީ ގެ އިތުރުން އަލަށް ކޮންޓްރޯލް ކުރަން ޖެހޭ މަސްތުވާތަކެތި ކޮންޓްރޯލްކުރެވޭނެ ނިޒާމެއް ތައާރަފު ކުރުން ހިމެނެ އެވެ. އަދި މަސްތުވާތަކެއްޗާ ގުޅޭ އިތުރު ކުށާއި އަދަބު ކަނޑައެޅުމާއި، މަސްތުވާތަކެއްޗަށް ދެވިހިފައިފައިވާ މީހުންނަށް ދެވޭ ފަރުވާގެ ނިޒާމު އިތުރަށް ހަރުދަނާ ކުރުމަށް ވެސް އިސްލާހު ހުށަހެޅިފައި ވެއެވެ.

ބިލުގައި ވާ މުހިންމު އިސްލާހުތަކުގެ ތެރޭގައި ގާނޫނުގެ ޖަދުވަލު 1 ގައިވާ މަސްތުވާއެއްޗެއް ރާއްޖެއަށް އެތެރެ ކުރަން އުޅުން ނުވަތަ ރާއްޖެއިން ބޭރުކުރަން އުޅުން ނުވަތަ ރާއްޖެއަށް އެތެރެކުރުމަށް ނުވަތަ ބޭރުކުރުމަށް އެހީތެރިވެދިނުން ނުވަތަ ރާއްޖެއަށް އެތެރެކުރުމުގައި ނުވަތަ ރާއްޖެއިން ބޭރުކުރުމުގައި އެއްވެސް ސިފައެއްގައި ބައިވެރިވުމުގެ އަދަބު ބޮޑުކޮށް، 20 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށް ލުމާއެކު 75,000 ރުފިޔާ އިން ފެށިގެން 7,500,000 (ހަތް މިލިއަން ފަސް ލައްކަ) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމަށް ވަނީ ކަނޑައަޅާފަ އެވެ.

އޭގެ އިތުރުން ބިލުގެ ޖަދުވަލު 1 ގައިވާ މަސްތުވާއެއްޗެއް ރާއްޖެއަށް އެތެރެކުރުން ނުވަތަ ބޭރުކުރުމުގެ ކުށުގެ އަދަބު ބޮޑުކޮށް ވަކި ޝަރުތުތަކެއް ފުރިހަމަ ވާނަމަ އެމީހެއްގެ އަދަބަކީ މަރުގެ އަދަބު ކަމަށް ވަނީ ކަނޑައަޅައިފަ އެވެ. އެ ޝަރުތުތަކުގެ ތެރޭގައި އެމީހަކު އެތެރެކުރި މަސްތުވާތަކެތީގެ ބަރުދަނަކީ 350 ގްރާމަށް ވުރެ އިތުރު އަދަދެއްގެ ކެނެބިސް، ނުވަތަ 250 ގްރާމަށް ވުރެ އިތުރު އަދަދެއްގެ ޑައިމޯފިން، ނުވަތަ ކެނެބިސް ނުވަތަ ޑައިމޯފިން ފިޔަވައި ޖަދުވަލު 1 ގައިވާ މަސްތުވާއެއްޗެއް ނަމަ، 100 ގްރާމަށް ވުރެ އިތުރު އަދަދެއް ކަމުގައި ވުން ހިމެނެ އެވެ.

އެމީހަކު ރާއްޖެއަށް އެތެރެކުރި މަސްތުވާއެއްޗަކީ އެމީހަކު ދިވެހިރާއްޖެއަށް އެތެރެވިއިރު އެތެރެކުރި އެއްޗަކަށް ވުމަކީ ވެސް އެ އަދަބު ކަނޑައެޅުމުގައި ބަލާނެ ޝަރުތެކެވެ.

މަރުގެ އަދަބު މީހެއްގެ މައްޗަށް ކަނޑައެޅިއްޖެ ނަމަ އެ ހުކުމް ގެ ހުރިހާ ގާނޫނީ ނުކުތާތަކާއި މައްސަލާގައި ކަންހިނގާފައިވާގޮތް ރާއްޖޭގެ މަތީ މަރުހަލާ ގެ ކޯޓަކުން އަލުން ބަލަންވާނެ ކަމަށް ބިލުގައި ވެއެވެ. އަދި އަދަބު ތަންފީޒު ކުރެވޭނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މައްސަލަ ބަލާ ފަނޑިޔާރުން ގެ ބެންޗުގެ އިއްތިފާގުން އެގޮތަށް ހުކުމް ކުރުމުން ކަމަށް ވަނީ ކަނޑައަޅައިފަ އެވެ.

ބިލުގައި އުމުރަށް ޖަލަށްލުމުގެ އަދަބު ނުވަތަ މަރުގެ އަދަބު ކަނޑައަޅައިފައިވާ ކުށްތަކަކީ އެއްވެސް ގޮތަކަށް އަދަބު މައާފު ކޮށްދެވިގެން ނުވާނެ ނުވަތަ ލުއިކޮށް ދެވިގެން ނުވާނެ ކުށް ކުށުގެ ގޮތުގައި ވަނީ ކަނޑައަޅައިފަ އެވެ. އަދި އެފަދަ ކުށެއްގެ ތުހުމަތުގައިވާ ފަރާތަކާއެކު ޖިނާއީ އިޖުރާއަތުގެ ގާނޫނު ގައި ބަޔާންކުރާ އިއުތިރާފު ގެ އެއްބަސްވުމެއް ވެގެން ނުވާނެކަމަށް ވަނީ ބަޔާންކޮށްފަ އެވެ.

މީގެ އިތުރުން މި ބިލުގައި މަސްތުވާތަކެއްޗާ ގުޅޭ އިތުރު ކުށްތަކެއް ވަނީ ކަނޑައަޅައިފަ އެވެ.

މި ގާނޫނަށް ޢަމަލުކުރަން ފަށާނީ ގާނޫނު ފާސްވެ ތަސްދީގު ކޮށް ގެޒެޓުގައި ޝާއިއު ކުރާ ތާރީޚުން ފެށިގެން 3 މަސް ހަމަވާ ދުވަހުން ފެށިގެންނެވެ.

- ކޮމެންޓް