7 ޑިސެމްބަރު ވާ އާދީއްތަ ދުވަހުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު ހެންވޭރު ރައްޔިތުންނާ ބައްދަލު ކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށް ސަރުކާރުން ބުނެފި އެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައީސް މުއިއްޒު ބާއްވަވާ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން، ހެންވޭރުގެ ރައްޔިތުންނާ ބައްދަލު ކުރެއްވުން 2025 ޑިސެމްބަރު 7 ވާ އާދީއްތަ ދުވަަހުގެ ރޭ 20:30 ގައި ކަލާފާނު ސްކޫލް ގައި އޮންނާނެ ކަމަށެވެ.
އެހެންކަމުން ހެންވޭރުގައި ދިރިއުޅޭ ރައްޔިތުންނަށް މި ބައްދަލުވުމަށް ވަނީ ދައުވަތު އަރުވާފަ އެވެ.
ހުޅުމާލެ ހިމެނޭހެން މާލޭ ގެ ހުރިހާ އަވަށްތަކު ގެ ރައްޔިތުންނާ ބައްދަލު ކުރައްވާނެ ކަން ރައީސް އިއުލާން ކުރެއްވީ މި ސަރުކާރަށް ދެ އަހަރު ފުރުން ފާހަގަކުރަން މިދިޔަ މަހުގެ 17 ވަނަ ދުވަހުގެ ރޭ ބޭއްވި ހާއްސަ ޖަލްސާގަ އެވެ.
މިހާތަނަށް ވިލިމާލެ، މައްޗަންގޮޅި އަދި މާފަންނުގެ ރައްޔިތުންނާ ރައީސް މުއިއްޒު ވަނީ ބައްދަލު ކުރައްވާފަ އެވެ.
މިއިން ކޮންމެ ބައްދަލުވުމެއް ގައި ވެސް ގިނަ އަދަދެއްގެ ރައްޔިތުން ދަނީ ރައީސް މުއިއްޒު އާއި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.
ޚާއްސަކޮށް މާލޭގެ އެކި ދާއިރާތަކުގެ ކަންކަން އިސްލާހު ނުވާތީ އެކަމުގެ ކަންބޮޑުވުން ވެސް ގިނަ ބަޔަކު ދަނީ މި ބައްދަލުވުންތަކުގައި ފާޅު ކުރަމުންނެވެ.