ރާއްޖޭގެ ކަނޑުގައި އޮޕަރޭޓް ކުރަމުން ދަނިކޮށް 300 ކިލޯގްރާމަށް ވުރެ ގިނަ މަސްތުވާތަކެެއްޗާ އެކު އަތުލައިގަތް ބޯޓުގައި ތިބި މީހުން ގެންދިއުމުގެ މަޝްވަރާތަކަށް ލަންކާ ގެ ސަލާމަތީ ބާރުތަކުގެ ޚާއްސަ ޓީމެއް ރާއްޖެ އަތުވެއްޖެ އެވެ.
ރާއްޖެ އައި ލަންކާ ޓީމުން ޑްރަގް ބޯޓުން ހައްޔަރު ކުރި ހަ މީހުން ސްރީ ލަންކާ އަށް ގެންދިއުމަށް މަޝްވަރާ ކުރާނެ ކަން ހާމަ ކުރީ އެ ގައުމުގެ ފުލުހުންގެ މީޑިއާ ތަރުޖަމާން އޭއެސްޕީ އެފް. ޔޫ. ވޫޓްލާ އެވެ.
ސްރީ ލަންކާގެ ޑެއިލީ ނިއުސް އިން ރިޕޯޓު ކޮށްފައިވާ ގޮތުގައި، ޑިޕްލޮމެޓިކް މަޝްވަރާ ތަކަށް ރާއްޖެ އައި ޓީމުގައި އެ ގައުމުގެ ފުލުހުންގެ މަސްތުވާތަކެތީގެ ބިއުރޯ އާއި ސްރީ ލަންކާ ނޭވީގެ އޮފިސަރުން ހިމެނެ އެވެ.
ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި މަސްތުވާތަކެތީގެ ބޯޓެއް އޮޕަރޭޓް ކުރަމުންދާކަމުގެ މައުލޫމާތު ރާއްޖޭގެ ކަމާ ބެހޭ ފަރާތްތަކަށް ފޯރު ކޮށްދިނީ ސްރީލަންކާ ނޭވީން ކަމަށް ޑެއިލީ ނިއުސް ގައި ބުނެފައި ވެއެވެ.
އެެމްއެންޑީއެފް އިން މި ކަމާ ބެހޭ ގޮތުން ބުނެފައި ވަނީ މި ބޯޓު ހިފަހައްޓާފައިވަނީ އެމްއެންޑީއެފް ކޯސްޓްގާޑުން ދިވެހިރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދު ޕެޓްރޯލް ކުރުމުގެ މަސައްކަތުގެ ތެރެއިން ކަމަށެވެ. ސްރީ ލަންކާ އަށް ނިސްބަތްވާ ދެ ބޯޓެއް އެމްއެންޑީއެފް ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ނޮވެންބަރު 5 ވަނަ ދުވަހުގެ ރޭގަނޑު ވ. ފޮއްތެޔޮމުލީގެ އިރުން 137 ނޯޓިކަލް މޭލު ބޭރުގައި ހަރަކާތްތެރިވަމުން ދަނިކޮށް ކަމަށް ވެސް ބުނެފައި ވެއެވެ.
އެމްއެންޑީއެފް އިން އިތުރަށް ބުނެފައި ވަނީ އެއަރކޯރއިން ޑްރޯން ބޭނުންކޮށްގެން ހިންގި ސަވެއިލަންސެއް ގައި ބޭރުގެ ބޯޓެއް ޤާނޫނާ ޚިލާފަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ހަރަކާތެރިވާކަން ފާހަގަ ކުރެވިގެން ކޯސްޓްގާޑު ސްޕެޝަލް ބޯޓް ސްކޮޑްރަނުން އެ ބޯޓާ އިންޓަސެޕްޓްކޮށް އެމްއެންޑީއެފްގެ ބާރުގެ ދަށަށް ގެނައި ކަމުގައެވެ.
ޑްރޯން ބޭނުން ކޮށްގެން ސަރަހައްދު ބަލަމުން ގެންދަނިކޮށް ފެނުނު ބޯޓެއްގެ ގޮތުގައި އެމްއެންޑީއެފް އިން މިކަން ސިފަ ކުރި އިރު، ލަންކާގެ މީޑިއާ ރިޕޯޓްތަކުން ހާމަވާގޮތުގައި މި އޮޕަރޭޝަން އެމްއެންޑީއެފް އިން ހިންގީ ސްރީލަންކާ ޓްރާންޒިޓް ޕޮއިންޓެއްގެ ގޮތުގައި ބޭނުން ކޮށްގެން ބައިނަލްއަގުވާމީ މަސްތުވާތަކެތީގެ ވިޔަފާރީގެ އޮޕަރޭޝަނަކާ ބެހޭގޮތުން ސްރީލަންކާގެ އިސްވެރިން ހިއްސާކުރި މައުލޫމާތުގެ މައްޗަށް ބިނާކޮށެވެ. އަދި ބޯޓާއި ބޯޓާއި އޭގެ ހަ ކްރޫ މެމްބަރުން ހައްޔަރުކުރީ އެ ގޮތުގެ މަތިން ކަމަށް ވެސް ބުނެފައި ވެއެވެ.
ލަންކާގެ ފުލުހުންގެ ތަރުޖަމާނު އޭއެސްޕީ ވޫޓްލާ ވިދާޅުވީ ދެ ގައުމުގެ ދެމެދުގައި މިހާރު މަޝްވަރާތައް ކުރިއަށްދާ ކަމަށާއި، ސްމަގްލިންގ އޮޕަރޭޝަންގެ ފަހަތުގައި ހުރި މާސްޓާމައިންޑާއި ހިފެހެއްޓި މަސްތުވާތަކެތީގެ ވެރިފަރާތް ދެނެގަތުމަށް އިތުރު ތަހުގީގުތައް ކުރިއަށް ގެންދާނެ ކަމަށެވެ.