ކ. މާލެ
|
4 ނޮވެންބަރ 2025 | އަންގާރަ 13:22
“ސީދޭވީ” ޑްރަގު ބޯޓުން އަތުލައިގަތް މަސްތުވާ ތަކެތި
“ސީދޭވީ” ޑްރަގު ބޯޓުން އަތުލައިގަތް މަސްތުވާ ތަކެތި
ނިއުސް ފަރސްޓް
މަސްތުވާ ތަކެތި
"ސީދޭވީ" ޑްރަގް ބޯޓު މަސްތުވާ ތަކެތި ބަރު ކުރީ ރާއްޖެ އިން: ރިޕޯޓު
ސްރީލަންކާ ނޭވީން ހިފި ސީދޭވީ ބޯޓުން 251 ކިލޯގްރާމް ކްރިސްޓަލް މެތަމްފެޓަމިން އަދި 85 ކިލޯގްރާމް ހެރޮއިން ފެނިފައިވޭ
އަތުލައިގަތް މަސްތުވާތަކެތީގެ ޖުމްލަ އަގު 5 ބިލިއަން ރުޕީސް އަށް އަރާނެ

ލަންކާ ކަނޑުގެ ސިފައިން އަތުލައިގަތް "ސީދޭވީ" ޑްރަގް ބޯޓު ސްރީ ލަންކާ އަށް ދަތުރު ކުރީ ރާއްޖެ އިން މަސްތުވާތަކެތި ބަރުކޮށްގެން ކަމަށް ގައުމުގެ މީޑިއާ އިން ރިޕޯޓު ކޮށްފިއެވެ.

މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި ސްރީ ލަންކާގެ ކަނޑުގެ ސިފައިން އެ ބޯޓު އަތުލައިގަތީ އެ ގައުމުގެ ކަނޑުގެ ހުޅަނގު ސަރަހައްދުންނެވެ.

ސްރީ ލަންކާގެ ފުލުހުން ބުނީ މަސްތުވާ ތަކެތި ބަރުކުރަން ރާއްޖެ އަށް ބޯޓު އައި ކަމުގެ މައުލޫމާތު ލިބުނީ ގޯލު ގައި ހައްޔަރު ކުރި ބޯޓުގެ ވެރިފަރާތާ ސުވާލުކުރުމުގެ ތެރެއިން ކަމަށެވެ.

ގިނަ ދުވަހު މަސްވެރިކަމުގައި އުޅޭ ގޮތައް ފަރުމާ ކޮށްފައިވާ މި އުޅަނދު ޑްރަގް ހިފައިގެން އެނބުރި ލަންކާ އަށް ދިޔަ އިރު މަސްވެރިކަމުގެ އެއްވެސް ހަރަކާތެއް ހިންގާފައި ނުވާ ކަމަށް ވެސް ލަންކާ ފުލުހުން ބުނެފައިވެއެވެ.

ފުލުހުންގެ މަސްތުވާތަކެތީގެ ބިއުރޯއިން، ނޭވަލް އިންޓެލިޖެންސް އޮފިސަރުންގެ އެހީތެރިކަމާއެކު މި މައްސަލަ ގެންދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ސްރީލަންކާ ކަނޑުގެ ސިފައިން ހުޅަނގު ކަނޑުގެ ސަރަހައްދުން މަސްތުވާތަކެތި އުފުލަމުން ދިޔަ "ސީދޭވީ" ހުއްޓުވައި ފަހުން ދިކޮވިތާ ބަނދަރަށް ވަނީ ގެންގޮސްފައެވެއެވެ.

ބޯޓުން ފެނިފައިވަނީ 251 ކިލޯގްރާމް އަދި 18 ގްރާމް ހުރި ކްރިސްޓަލް މެތަމްފެޓަމިން (އައިސް) އަދި 85 ކިލޯގްރާމް ހެރޮއިން ކަމަށެވެ.

މަސްތުވާތަކެތި އަތުލައިގަތް ބޯޓުން ހަ މީހުން ހައްޔަރުކޮށްފައި ވާއިރު، އަތުލައިގަތް މަސްތުވާތަކެތީގެ ޖުމްލަ އަގު 5 ބިލިއަން ރުޕީސް އަށް އަރާނެ ކަމަށް ލަފާކުރެވެއެވެ.

ކޮލަމްބޯ ޗީފް މެޖިސްޓްރޭޓް ކޯޓުން ތަހުގީގަށް ސުވާލުކުރުމަށް ނޮވެމްބަރު 8 ވަނަ ދުވަހާ ހަމައަށް މި ހަ މީހުން ބަންދުގައި ބޭތިއްބުމަށް ހުއްދަ ދީފައިވެއެވެ.

މިހާތަނަށް ތަހުގީގުތަކުން ހާމަވެފައި ވަނީ މި އޮޕަރޭޝަން ރޭވީ ދުބާއީގައި ދިރިއުޅޭ "ދިނުކަ" ކިޔާ މީހަކު ކަމަށެވެ.

ފުލުހުން އިތުރަށް ބުނީ ބޯޓުގެ ވެރިފަރާތް ވެސް މި މައްސަލައާ ގުޅިގެން ހަތް ދުވަހަށް ބަންދުކޮށްގެން ސުވާލު ކުރަމުން ދާކަމަށެވެ.

މި މައްސަލައިގައި ދިވެހި ސަރުކާރުން އަދި މިހާތަނަށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.

- ކޮމެންޓް