Advertisement
ކ. މާލެ
|
7 ޑިސެންބަރ 2025 | އާދީއްތަ 20:33
ސީރިއާ އަށް ކަނޑައަޅާފައިވާ އެމެރިކާގެ ސްޕެޝަލް އެންވޯއީ ޓޮމް ބަރާކް ސީރިއާގެ ދިމިޝްގުގައި ބޭއްވި ޖޮއިންޓް ޕްރެސް ކޮންފަރެންސެއްގައި - ސެޕްޓެމްބަރު 16، 2025.
ސީރިއާ އަށް ކަނޑައަޅާފައިވާ އެމެރިކާގެ ސްޕެޝަލް އެންވޯއީ ޓޮމް ބަރާކް ސީރިއާގެ ދިމިޝްގުގައި ބޭއްވި ޖޮއިންޓް ޕްރެސް ކޮންފަރެންސެއްގައި - ސެޕްޓެމްބަރު 16، 2025.
އަނަދޮލޫ
އީރާން-އެމެރިކާ
އީރާނުގެ ވެރިކަން ވައްޓާލަން ދެ ފަހަރެއްގެ މަތިން އެމެރިކާ އިން މަސައްކަތް ކުރި ކަމަށް އެއްބަސް ވެއްޖެ
އިރާނުގެ ސަރުކާރު ވައްޓާލުމަށް ވޮޝިންޓަން ދެ ފަހަރު މަސައްކަތް ކުރި ނަމަވެސް ފެއިލްވި ކަމަށާއި، އެހެންވީމަ އެ ސަރަހައްދުގެ ފަރާތްތަކަށް އެ ކަންކަން ހައްލު ކުރުމަށް ދޫކޮށްލުމަކީ ރަނގަޅު ގޮތް ކަމަށް އެމެރިކާގެ ސަފީރު ބަރަކް ވިދާޅުވި.

އިރާނުގެ ސަރުކާރު ވައްޓާލުމަށް އެމެރިކާ އިން ދެ ފަހަރު މަސައްކަތް ކުރި ނަމަވެސް ކާމިޔާބު ނުވި ކަމަށް އެެމެރިކާ އިން ސީރިއާ އަށް ކަނޑައަޅާފައި ހުންނަވާ ޚާއްސަ މަންދޫބު ވިދާޅުވެއްޖެ އެވެ.

ސީރިއާ އަށް ކަނޑައަޅާފައިވާ އެމެރިކާގެ ޚާއްސަ ސަފީރު ޓޮމް ބަރަކް ހުކުރު ދުވަހު، ޔޫއޭއީ ގައި ހިންގާ އައި.އެމް.އައި މީޑިއާ ގްރޫޕަށް ދިން އިންޓަވިއުއެއްގައި ވިދާޅުވީ، 1946 އިން ފެށިގެން އެމެރިކާ އިން ދުނިޔޭގެ އެކި ހިސާބުތަކުގައި ގާތްގަނޑަކަށް 93 ބަޣާވާތް ނުވަތަ "ސަރުކާރު ބަދަލުކުރުމުގެ" މަސައްކަތްތަކެއް ކުރިއަށް ގެންގޮސްފައިވާ ކަމަށާއި، އޭގެ ތެރޭގައި އިރާނުގައި އޮތް ވެރިކަން ބަދަލު ކުރަން ދެ ފަހަރު މަސައްކަތް ކުރުން ހިމެނޭ ކަމަށާ، އޭގެ އެއްވެސް މަސައްކަތެއް ކާމިޔާބު ނުވި ކަމަށެވެ.

"އަޅުގަނޑުމެން އިރާނު ގައި ކުރިން ވެސް ދެ ފަހަރު ސަރުކާރު ބަދަލުކުރުމުގެ މަސައްކަތް ކުރިން. އެއްވެސް މަސައްކަތެއް ކާމިޔާބު ނުވި. އެހެންވީމަ އަޅުގަނޑު ނިންމީ ބުއްދިވެރި ގޮތަކީ އެ ސަރަހައްދުގެ ފަރާތްތަކަށް އެކަން ހައްލު ކުރުމަށް ދޫކޮށްލުމަކީ ރަނގަޅު ގޮތް ކަމަށް،" ތުރުކީ އަށް ވެސް ކަނޑައަޅާފައި ހުންނަވާ އެމެރިކާގެ ސަފީރު ބަރަކް އެވެ.

މި ވާހަކަތައް ދެއްކީ ތެހެރާން އާއި ވޮޝިންޓަން އާ ދެމެދު ނުސީދާ ކޮށް ނިއުކްލިއަރ ވާހަކަތައް ކުރިއަށް ދަނިކޮށް އެމެރިކާ އާއި އިޒްރޭލު ގުޅިގެން އިރާނަށް ބޮމުގެ ހަމަލާ ދިންތާ ހަ މަސްދުވަސް ފަހުންނެވެ.

އިޒްރޭލުން ޖޫން 13 ގައި އިރާނަށް ޣައިރު ގާނޫނީ ހަމަލާތަކެއް ދިނުމުގެ ސަބަބުން މަދުވެގެން 1،064 މީހުން މަރުވެފައި ވެއެވެ. މިހަމަލާތައް އަމާޒު ކުރީ ސިވިލް އިންފްރާސްޓްރަކްޗަރަށް ކަމަށް އީރާނުން ބުނެފައި ވެއެވެ.

އީރާނަށް ހަމަލާ ދޭން ފެށިތާ ހަފްތާ އެއްހާ ދުވަސް ފަހުން އެމެރިކާ އިން އީރާނުގެ ތިން ނިއުކްލިއަރ ސައިޓަކަށް ސީރިއަސް ހަމަލާ އެއް ދިނެވެ.

އީރާނުން ބަދަލު ހިފުމުގެ ގޮތުން އިޒްރޭލުގެ އެތައް ޓާގެޓް ތަކަކަށް ހަމަލާތައް ދިނެވެ. އިޒްރޭލާއި އީރާނުން ހަމަލާ ބަދަލު ކުރުން ހުއްޓާލީ ޖޫން 24 ގައެވެ.

ބަރަކް އިތުރަށް ވިދާޅުވީ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި ފޮރިން ސެކްރެޓަރީ މާކޯ ރޫބިއޯ "ސަރުކާރު ބަދަލުކުރުމުގެ ވިސްނުންފުޅެއް ނެތް" ކަމަށާއި، އެ ސަރަހައްދުގެ ފަރާތްތަކުން "ސަރަހައްދީ ހައްލެއް" ހޯދުން އެބޭފުޅުން ބޭނުންފުޅުވާ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި، އިރާނުގެ އިސްވެރިން "ސީރިއަސް" ކަމާ އެކު ބިނާކުރުންތެރި ވާހަކަތަކުގައި ބައިވެރިވުމަށް ބޭނުންކަން ދައްކާނަމަ، ތެހުރާނާ އެކު އެއްބަސްވުމަކަށް ދިއުމަށް އެމެރިކާގެ ސަރުކާރުން އަދިވެސް ތައްޔާރަށް އޮތް ކަމަށެވެ.

ހޮނިހިރު ދުވަހު ޖަޕާނުގެ ކިއޯޑޯ ނިއުސް އޭޖެންސީ އަށް ދެއްވި އިންޓަވިއުއެއްގައި އިރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރާގްޗީ ވިދާޅުވީ "ހަގީގީ، ސީރިއަސް މަޝްވަރާއަކަށް" ތައްޔާރަށް އޮތް ކަމަށް އެމެރިކާ އިން އަދި ދައްކާފައި ނުވާ ކަމަށެވެ.

- ކޮމެންޓް