ޖިންސީ ކުށްވެރިޔާ ޖެފްރީ އެޕްސްޓައިން އާއި، ޕްރިސް އެންޑްރޫގެ މައްސަލައިގައި އިނގިރޭސިވިލާތުގެ ރަސްގެފާނުގެ އާއިލާ އަށް ލިބިފައި ވަނީ ބޮޑު ގެއްލުމެއް ކަމަށް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރްމްޕް ވިދާޅުވެއްޖެ އެވެ.
އިނގިރޭސިވިލާތުގެ ރަސްގެފާނު ޗާލްސް ދެ ވަނަ ވަނީ، އޭނާގެ ބޭބެ އެންޑްރޫގެ ޕްރިންސް ލަޤަތު އަތުލައްވަައި، ވިންޑްސާ ގެއިން ވެސް ނެރުއްވައިފަ އެވެ. އެކަމާ ގުޅިގެން އާދީއްތަ ދުވަހު އެއާ ފޯސް ވަންގައި ހުންނަވައި ޓްރަމްޕް ވިދާޅުވެފައި ވަނީ، އެއީ ރަސްގެފާނުގެ އާއިލާ އަށް ދިމާވެފައިވާ ވަރަށް ބޮޑު ކަމެއް ކަަމަށެވެ.
އެއީ ވަރަށް ހިތާމަ ހުރި ޙާލަތެއް ކަމަށާއި، އެއީ ވަރަށް ދެރަ ކަމެއް ކަމަށް ފާހަގަ ކުރައްވައި ޓްރަމްޕް ވިދާޅުވީ، އެ އާއިލާ އަށް ދިމާވެފައިވާ ޙާލަތާ މެދު ހިތާމަ ކުރައްވާ ކަމަށެވެ.
ބެކިންހަމް ޕެލަސް އިން މިދިޔަ ބުރާސްފަތި ދުވަހު އިއުލާން ކުރި ގޮތުގައ، ރަސްގެފާނު ޗާލްސް ވަނީ، އުމުރުން 65 އަހަރުގެ އޭނާގެ ބޭބެ އެންޑްރޫ އަތުން ޕްރިންސްގެ ލަޤަބު އަތުލައްވައިފަ އެވެ. އަދި އޭނާ ދިރިއުޅެމުން ގެންދެވި ވިންޑްސާ ގެކޮޅުން ވެސް ވަނީ ނެރުއްވައިފަ އެވެ.
މިއީ އެޕްސްޓައިމްގެ މައްސަަލައާ ގުޅިގެން އެންޑްރޫއާ ދެކޮޅަށް އަޅުއްވާފައިވާ ފިޔަވަޅެއް ކަމަށްވާއިރު، މި ފިޔަވަޅަކީ އިނގިރޭސިވިލާތުގެ ތާރީޚުގައި ރަސްގެފާނުގެ އާއިލާގެ މެމްބަރަކާ ދެކޮޅާށް އަޅުއްވާފައިވާ އެންމެ ބޮޑު ފިޔަވަޅު ކަމަށް ވަނީ ފާހަގަ ކޮށްފަ އެވެ.
މި މައްސަލައިގައި ޓްރަމްޕް ވާހަކަ ދައްކަވާފައިވާއިރު، ޓްރަމްޕް އަށް ވެސް ވަނީ އެޕްސްޓައިންގެ މައްސަލައިގެ ކަންކަމާ ކުރިމަތިލާން ޖެހިފަ އެވެ. އެގޮތުން އިދިކޮޅު ޑިމޮކްރަޓިކް ޕާޓީގެ މެމްބަރުން އަދި ޓްރަމްޕްގެ ނިސްބަތްވެ ވަޑައިގަންނަވާ ރިޕަބްލިކަން ޕާޓީގެ މެމްބަރުން ވެސް ވަނީ، އެޕްސްޓައިން މައްސަލައާ ގުޅުން ހުރި ސަރުކާރުގެ ފައިލްތައް އާންމު ކުރުމަށް ގޮވާލައިފަ އެވެ.
އެޕްސްޓައިން އާއި ޓްރަމްޕްއާ ދެމެދު މީގެ ކުރިން ރަޙުމަތްތެރިކަން އޮތް ކަމަށް ވަނީ ރިޕޯޓު ތަކުގައި ބުނެފަ އެވެ. އެކަމާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ކުރިން ޓްރަމްޕް ވިދާޅުވެފައި ވަނީ، ޖަލުގައި ހުއްޓައި 2019 ވަނަ އަހަރު އެޕްސްޓައިން މަރުވުމުގެ ކުރިން ވެސް އޭނާއާ އޮތް ގުޅުން ކެނޑިފައިވާ ކަމަށެވެ.
ޖަލުގައި ހުއްޓައި އެޕްސްޓައިން މަރުވެފައިވާއިރު، އޭނާގެ މައްޗަށް ވަނީ ގިނަ އަންހެން ކުދިން ތަކަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތު ކޮށްފަ އެވެ. ރިޕޯޓު ތަކުގައި ބުނެފައިވާ ގޮތުން، އެޕްސްޓައިންގެ ފަރާތުން ޖިންސީ ގޯނާ ލިބުނު އަންހެން ކުދިންގެ އަދަދު ސަތޭކަ އިން މައްޗަށް އަރަ އެވެ.
މީގެ ކުރިން ބައެއް ރިޕޯޓު ތަކުގައި ބުނެފައި ވަނީ 2003 ވަނަ އަހަރު އެޕްސްޓީންގެ އުފަން ދުވަހު ފޮނުވި މެސެޖެއްގައި ޖިންސީ ގޮތުން އިޝާރާތް ކޮށްފައިވާ ކުރެހުމަކާ އެކު، ޑޮނަލްޑް ޓްރަމްޕްގެ ސޮއި ހިމަނާފައިވާ ކަމަށެވެ. އެކަމާ ގުޅިގެން ޓްރަމްޕް ވިދާޅުވެފައި ވަނީ، އެ މެސެޖު ވަނީ ނުރަނގަޅު ގޮތެއްގައި ބޭނުން ކޮށްފައި ކަމަށެވެ.
މި މައްސަލަ އަކީ އިނގިރޭސި ރަސްގެފާނުގެ އާއިލާ އަށް ވަރަށް ބޮޑު ދެރައެއް ލިބިފައިވާ މައްސަލަ އެކެވެ. ރަސްގެފާނުގެ އާއިލާގެ ނަމާއި ޝަރަފު ހިމާޔަތް ކުރުމަށްޓަކައި، ރަސްގެފާނު ޗާލްސް އަށް ވަނީ މި ފިޔަވަޅުތައް އަޅަން ޖެހިވަޑައިގެންފަ އެވެ.