އިނގިރޭސި ބޮޑު ވަޒީރު ސްޓާމާ ގެ ސަރުކާރު ވައްޓާލަން ބަޣާވާތެއް ރޭވި ކަމުގެ ތުހުމަތު އެ ގައުމުގެ ހެލްތް މިނިސްޓަރ، ވެސް ސްޓްރީޓިންގް ގެ މައްޗަށް ކުރެވިއްޖެ އެވެ.
މި ބަޣާވާތުގެ ވާހަކަ ފެންމަތިވީ ސްޓާމާ ގެ އަރިސް ފަރާތްތަކުން އެ ވާހަކަ މީޑިއާ އާ ހިއްސާ ކުރި ހިސާބުންނެވެ. އެފަރާތްތަކުން މީޑިއާ ގައި ބުނެފައި ވަނީ ބަޖެޓުގެ މަސައްކަތް ނިމުމާއެކު މި މަހުގެ ފަހު ކޮޅު ސްޓާމާ ވެރިކަމުން ދުރުކުރުމުގެ ރޭވުންތައް ކުރިއަށްދާތީ އެކަމާ ކަންބޮޑުވާ ކަމުގައެވެ.
އެހެން ނަމަވެސް ބުދަ ދުވަހު ހެލްތު މިނިސްޓަރ ސްޓްރީޓިންގ ވަނީ މި ވާހަކަތައް ދޮގު ކުރައްވާފައެވެ.
ސްޓާމާ ވެރިކަމަށް ވަޑައިގަތީ އޭނާގެ ލޭބާ ޕާޓީ 2024 ގައި އިނގިރޭސި ތާރީހުގައި ހޯދި އެންމެ ބޮޑު އިންތިހާބީ ކާމިޔާބީތަކުގެ ތެރެއިން އެއް ކާމިޔާބީ އަށް ފަހުގައެވެ. ނަމަވެސް އިންތިޚާބަށް ފަހު އެންމެ 16 މަސް ދުވަހުގެ ތެރޭގައި ސަރުކާރަށް އޮތް ތާއީދު ވެއްޓިފައިވާކަން ވަނީ ފާހަގަ ކުރެވިފަ އެވެ.
1970 ގެ ދުވަސްވަރުން ފެށިގެން ފުރަތަމަ ފަހަރަށް އިންކަމް ޓެކްސް އިތުރުކުރުމަށް އެޕާޓީ އިން ވެފައިވާ މައިގަނޑު އިންތިހާބީ ވައުދު ފެއިލް ވާނެ ކަމަށް ވެސް މިހާރު ވަނީ ބެލެވިފަ އެވެ.
ބުދަ ދުވަހު އިނގިރޭސިވިލާތުގެ އެތައް މީޑިއާތަކެއް ސްޓާމާގެ ގާތް ފަރާތްތަކާ ހަވާލާދީ ބުނީ، ބޮޑުވަޒީރު އޭނާގެ ވެރިކަމަށް އަންނަ ކޮންމެ ގޮންޖެހުމަކާ ދެކޮޅަށް ހަނގުރާމަ ކުރައްވާނެ ކަމަށެވެ. އެ ފަރާތްތަކުން ތުހުމަތު ކޮށްފައި ވަނީ ބޮޑު ވަޒީރު ކަމުގެ މަގާމަށް ގެނައުމަށް ކެންޑިޑޭޓުންގެ ގޮތުގައި ހެލްތު މިނިސްޓަރ ސްޓްރީޓިންގް އާއި ދާހިލީ ވަޒީރު ޝަބާނާ މަހްމޫދު ކެންޑިޑޭޓުންގެ ގޮތުގައި ނަންދީފައިވާ ކަމަށެވެ.
"އެ ދިން މައުލޫމާތު މުޅިން ދޮގު،" ސްޓްރީޓިންގް ބީބީސީ ރޭޑިއޯ އަށް ވިދާޅުވި އެވެ.
"އަޅުގަނޑު ބޮޑުވަޒީރުގެ އިސްތިއުފާ އަށް ޑިމާންޑެއް ނުކުރާނަން،" ހެލްތު މިނިސްޓަރ ސްކައި ނިއުސް އަށް ވިދާޅުވި އެވެ. "އަޅުގަނޑު ބޮޑުވަޒީރަށް ތާއީދުކުރަން. އޭނާ ލޭބާ ޕާޓީގެ ލީޑަރުކަމަށް އިންތިހާބުވެވަޑައިގަތް ދުވަހުން ފެށިގެން އަޅުގަނޑު އެކަން ކުރަމުން އައީ."
އޯޕިނިއަން ޕޯލްތައް ދައްކާ ގޮތުގައި ސްޓާމާ އަކީ އިނގިރޭސިވިލާތުގައި ބޮޑު ވަޒީރު ކަން ކުރެއްވި ބޭފުޅުންގެ ތެރެއިން އެންމެ ގިނަ ބަޔަކު ނުރުހޭ ބޮޑުވަޒީރުންގެ ތެރެއިން އެއް ބޮޑުވަޒީރެވެ.