Advertisement
ކ. މާލެ
|
30 އޮކްޓޯބަރ 2025 | ބުރާސްފަތި 13:28
އެމެރިކާގެ މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އަދި ކުރީގެ ރައީސް ޖޯ ބައިޑަން
އެމެރިކާގެ މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އަދި ކުރީގެ ރައީސް ޖޯ ބައިޑަން
ރޮއިޓަރސް
އެމެރިކާ
ޓްރަމްޕްގެ ވެރިކަމަކީ އެމެރިކާ އަށް އަނދިރި ދުވަސް ތަކެއް، ރައްޔިތުން ހިތްވަރު ކުރަން ޖެހޭ: ބައިޑަން
ސަރުކާރު ހުއްޓުމަކަށް އައިސް، ޤައުމުގެ މިސްރާބު އޮޅުން ބޮޅުން ވެފައިވާއިރު، އެކަން ރީތި ގޮތެއްގައި ރައްޔިތުންނަށް ދައްކާނެ އެއްވެސް ގޮތެއް ނޭނގޭ ކަމަށް ބައިޑަން ވިދާޅުވި އެވެ. އޭކަން ފާހަގަ ކުރައްވައި އޭނާ ވިދާޅުވީ މިއީ އެމެރިކާ އަށް ކަޅު ދުވަސް ތަކެއް ކަަމަށެވެ. އެހެން ނަމަވެސް، ޤައުމު އަލުން ހަމަ މަގަށް އަންނާނެ ކަމުގެ އުންމީދު އޮތް ކަމަށް ވެސް ބައިޑަން ވިދާޅުވެފައިވެ އެވެ.

އެމެރިކާގެ މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ވެރިކަމަކީ އެ ޤައުމަށް އިނދިރި ދުވަސް ތަކެއް ކަމަށާއި، ޤައުމުގެ ރައްޔިތުން ހިތްވަރު ކުރަން ޖެހޭ ކަމަށް އެމެރިކާގެ ކުރީގެ ރައީސް ޖޯ ބައިޑަން ވިދާޅުވެއްޖެ އެވެ.

ބައިޑަން މިހެން ވިދާޅުވީ އެޑްވާޑް އެމް ކެނެޑީ އިންސްޓިޓިއުޓް އިން އޭނާ އަށް އެރުވި ލައިފް ޓައިމް އެޗީވްމަންޓް އެވޯޑު ބަލައި ގަަތުމަށް ބޮސްޓަންގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ. މިއީ ޕްރޮސްޓޭޓް ކެންސަރަށް ފަރުވާ ހޯއްދަވަން ފެއްޓެވި ފަހުން، އާންމުންގެ ތެރޭގައި ބައިޑަން ވާހަކަ ދެއްކެވި ފުރަތަމަ ފަހަރެވެ.

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ބައިޑަން ވިދާޅުވީ އެމެރިކާ އަކީ ދުނިޔޭގެ ތާރީޚުގައި ސަރުކާރު ހިންގުމުގެ އެންމެ ބާރު ގަދަ ޚިޔާލުގެ ނަމޫނާ ޤައުމު ކަމަށެވެ. އެ ޚިޔާލަކީ ސިފައިންގެ ބާރަށް ވުރެ ވެސް ވަރުގަދަ އެއްޗެއް ކަމަށާއި، ޑިކްޓޭޓަރުންނަށް ވުރެ ވެސް އެމެރިކާ ބާރު ގަދަ ވާނެ ކަމަށް ބައިޑަން ވިދާޅުވި އެވެ.

އުމުރުފުޅުން މިހާރު 82 އަހަރުވެފައިވާ ބައިޑަން ވިދާޅުވީ، އެމެރިކާގެ ވެރިކަން ބިނާ ވެފައި ވަނީ ބާރުތައް ވަކިވެފައިވާ ނިޒާމަކަށް ކަމަށާއި، ތިން ބާރު ވެސް އޮންނާނީ ވަކިވެފައި ކަމަށެވެ. އެހެން ނަމަވެސް، ޓްރަމްޕްގެ ވެރި ކަމުގައި ނިޒާމަށް ބަދަލު ގެންނަވާފައިވާ ކަމަށާއި، ވެރި ކަމުގެ ނިޒާމަށް އައިސްފައިވާ ބަދަލުތަކާ މެދު ކަންބޮޑުވާ ކަމަށް ބައިޑަން ވިދާޅުވި އެވެ.

ވަކިން ޚާއްސަކޮށް އެމެރިކާގެ ސަރުކާރު ހިންގުމަށް ބޭނުންވާ ބަޖެޓު ފާސް ނުކުރެވި، ފެޑަރަލް ސަރުކާރުގެ ހިންގުން ހުއްޓުމަކަށް އައިސްފައިވާއިރު، އެކަމުގެ ސަބަބުން ވެރި ކަމުގެ ބާރުތަކަށް ލޮޅުން އަރައި، ބަދަލު ތަކެއް އައިސްފައިވާ ކަމަށް ބައިޑަން ވަނީ ވިދާޅުވެފަ އެވެ.

ސަރުކާރު ހުއްޓުމަކަށް އައިސް، ޤައުމުގެ މިސްރާބު އޮޅުން ބޮޅުން ވެފައިވާއިރު، އެކަން ރީތި ގޮތެއްގައި ރައްޔިތުންނަށް ދައްކާނެ އެއްވެސް ގޮތެއް ނޭނގޭ ކަމަށް ބައިޑަން ވިދާޅުވި އެވެ. އޭކަން ފާހަގަ ކުރައްވައި އޭނާ ވިދާޅުވީ މިއީ އެމެރިކާ އަށް ކަޅު ދުވަސް ތަކެއް ކަަމަށެވެ. އެހެން ނަމަވެސް، ޤައުމު އަލުން ހަމަ މަގަށް އަންނާނެ ކަމުގެ އުންމީދު އޮތް ކަމަށް ވެސް ބައިޑަން ވިދާޅުވެފައިވެ އެވެ.

ބައިޑަންގެ ވާހަކައިގައި ވަނީ ޓްރަމްޕް އާއި އޭނާގެ ސަރުކާރާ ދެކޮޅަށް އަޑު އުފުލަމުން އަންނަ ފަރާތްތަކަށް ހިތްވަރު ދެއްވައިފަ އެވެ. ޚާއްސަކޮށް ސަރުކާރާ މެދު ހިތްހަމަ ނުޖެހި އިސްތިއުފާ ދެމުން އަންނަ މުވައްޒަފުންނާއި، ޓްރަމްޕްގެ ސިޔާސަތު ތަކަށް ފާޅުގައި ވާހަކަ ދައްކަވާ މީހުންނަށް ހިތްވަރު ދެއްވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާާގެ ރިޔާސީ ދެ ދައުރުގައި ވެސް ނައިބު ރައީސްގެ ގޮތުގައި ހުންނެވި ބައިޑަން، އެމެރިކާގެ ރައީސް ކަމަށް ވަޑައިގެންނެވީ 2020 ވަނަ އަހަރު އޮތް ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވައިގެންނެވެ. އެ ފަހަރު އޭނާ ވަނީ އިންތިޚާބުގައި ދެ ވަނަ ދައުރެއް ހޯއްދެވުމަށް މަސައްކަތް ކުރެއްވި ޓްރަމްޕްގެ މައްޗަށް ކުރި ހޯއްދަަވައިފަ އެވެ.

ވެރިކަމުގެ ހަތަރު އަހަރަށް ފަހު، 2024 ވަނަ އަހަރު އޮތް ރިޔާސީ އިންތިޚާބުގައި ވެސް ބައިޑަން ވާދަ ކުރައްވަން ނިންމެވި އެވެ. ނަމަވެސް ބައިޑަންގެ ޞިއްޙީ ޙާާލު ކޮޅާއި، އުމުރުގެ ކަންބޮޑުވުން އުފެދިފައި ވަނިކޮށް، ޓްރަމްޕް އާއެކު އޮތް ރިޔާސީ ބަހުސްގައި ބައިޑަންގެ ޕާފޮމަންސް ދަށްވުމުން އޭނާ އަށް ވަނީ އިތުރު ޕްރެޝަރާ ކުރިމަތިލާން ޖެހިވަޑައިގެންފަ އެވެ.

އޭގެ ފަހުން ބައިޑަން ވަނީ ރިޔާސީ ރޭހުން ވަކިވެ ވަޑައިގަންނަވަން ނިންމަވައިފަ އެވެ. އޭނާގެ ބަދަލުގައި ޑިމޮކްރަޓިކް ޕާޓީ އިން އިންތިޚާބުގައި ވާދަ ކުރެއްވީ އޭނާގެ ނައިބު ރައީސް ކަމަލާ ހެރިސް އެވެ. ނަމަވެސް، އިންތިޚާބުގައި ކަމަލާގެ މައްޗަށް ކުރި ހޯއްދަވައި ޓްރަމްޕް ވަނީ ވެރިކަމަށް ވަޑައިގެންފަ އެވެ. ވެރިކަމަށް ފަހު ވެސް ބައިޑަން އާންމުންގެ ތެރެއިން ފެނެ އެވެ.

ދާދި ފަހުން ބައިޑަން އަށް ޕްރޮސްޓޭޓް ކެންސަރު ޖެހިފައިވާކަން ދެނެގަނެވިފައިވާއިރު، އޭނާ ވަނީ އެކަމަށް ފަރުވާ ހޯއްދަވަން ފައްޓަވައިފަ އެވެ. މިދިޔަ ހަފުތާގެ ތެރޭގައި ބައިޑަން ވަނީ ރޭޑިއޭޝަންގެ ފުރަތަމަ މަރުޙަލާ ނިންމާލައިފަ އެވެ.

މަސްދަރު: ދި ގާޑިއަން
- ކޮމެންޓް