އަފްޣާނިސްތާން އާއި ޕާކިސްތާންއާ ދެމެދު އުފެދިފައިވާ ހަނގުރާމަވެރި ޙާލަތު ވަރަށް އަވަހަށް ޙައްލު ކުރައްވާނެ ކަމަށް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.
ޓްރަމްޕް މިހެން ވިދާޅުވެފައި ވަނީ، އަފްޣާނިސްތާން އާއި ޕާކިސްތާންއާ ދެމެދު ސުލްޙަ ޤާއިމު ކުރުމުގެ މަޝްވަރާތައް ކުރިއަށް ދަމުން އަންނަ ދަނޑިވަޅެއްގަ އެވެ. މި ދެ ޤައުމުގެ ދެ މެދުގައި ބޮޑު ދެބަސްވުމެއް އުފެދިފައިވާއިރު، ދެ ޤައުމުން ވެސް ބުނަމުން އަންނަނީ އެއް ޤައުމުން ފެށި ހަމަލާތަކަށް ރައްދު ދިނުމުގެ ގޮތުން ހަމަލާތައް ދެމުން އަންނަ ކަމަށެވެ.
ޕާކިސްތާން އިން ތުހުމަތު ކުރަމުން އަންނަނީ ޕާކިސްތާން އިން އެ ޤައުމުގެ ސަރަހައްދަށް ވަދެ، ހަމަލާ ދޭ ހަނގުރާމަވެރިންނަށް ފުރުސަތު ދެމުން އަންނަ ކަމަށެވެ. ނަމަވެސް، އަފްޣާނިސްތާނުގައި ވެރިކަން ކުރަމުން އަންނަ ޠާލިބާނުން ވަނީ އެ ތުހުމަތުތައް ދޮގު ކޮށްފަ އެވެ.
ދެ ޤައުމުގެ ދެ މެދުގައި ސުލްޙަ ޤާއިމު ކުރުމުގެ މަޝްވަރާތައް ފަށާފައި ވަނީ ހޮނިހިރު ދުވަހު އެވެ. ތުރުކީގެ ވެރި ރަށް އިސްތަންބޫލުގައި މަޝްވަރާތައް ކުރިއަށް ގެންދަމުން އަންނައިރު، މިއީ ދެ ވަނަ ބުރުގެ މަޝްވަރާތަކެވެ. މި ބުރުގެ މަޝްވަރާ ތަކުގައި އަމާޒު ކޮށްފައި ވަނީ، ޤަތަރުގެ ވެރި ރަށް ދޯހާގައި ކުރިއަށް ގެންދިޔަ ފުރަޔަމަ ބުރުގެ މަޝްވަރާ ތަކާއި، އެއްބަސްވުން ދެމެހެއްޓެނިވި ސުލްޙަ އަކަށް ބަދަލު ކުރުމަށެވެ.
މެލޭޝިޔާގައި ކުރިއަށް ގެންދިޔަ އާސިއާން ސަމިޓުގައި ޓްރަމްޕް ވިދާޅުވެފައި ވަނީ، ޕާކިސްތާން އާއި އަފްޣާނިސްތާންގެ މައްސަލަ ފެށިފައިވާ ކަމުގެ އަޑުތައް އޭނާ އަށް އިވިފައިވާ ކަމަށެވެ. އެހެން ނަމަވެސް، އެކަން ވެސް ވަރަށް އަވަހަށް ޙައްލު ކުރައްވާނެ ކަމަށް އެ ސަމިޓުގައި ޓްރަމްޕް ވަނީ ވިދާޅުވެފަ އެވެ.
ޕާކިސްތާންގެ އަސްކަރިއްޔާ އިން ހޯމަ ދުވަހު ބުނެފައި ވަނީ އިސްތަންބޫލުގައި މަޝްވަރާތައް ކުރިއަަށް ދަނިކޮށް ވެސް، އެ ޤައުމުގެ ސަރަހައްދަށް ވަންނަން މަސައްކަތް ކުރި 25 ހަނގުރާމަވެރި މަރާލެވިފައިވާ ކަމަށެވެ. އަދި އެ ހަމަލާ ތަކުގައި ޕާކިސްތާންގެ ސިފައިންގެ ފަސް މީހަކު ޝަހީދުވެފައިވާ ކަމަށް ވެސް ވަނީ ހާމަ ކޮށްފަ އެވެ.
މި މަހުގެ ކުރީ ކޮޅު ކުރިއަށް ދިޔަ ހަމަލާ ބަދަލު ކުރުން ތަކުގައި އަފްޣާނިސްތާންގެ އެތައް ބަޔަކު މަރުވެ، ގިނަ ބަޔަކަށް ވަނީ އެކިވަރުގެ ޒަޚަމުތައް ލިބިފަ އެވެ. ނަމަވެސް، ޕާކިސްތާން އިން ބުނެފައި ވަނީ އާންމު ރައްޔިތުންގެ އެއްވެސް ބަޔަކަށް އަމާޒުކޮށް ހަމަލާ ދީފައި ނުވާނެ ކަމަށާއި، ހަމައެކަނި ހަމަލާތައް އަމާޒު ކޮށްފައި ވާނީ ހަނގުރާމަވެރިންނާއި، އެމީހުން ފޮރުވިފައިވާ ތަންތަނަށް ކަމަށެވެ.
ޕާކިސްތާން އާއި އަފްޣާނިސްތާންގެ މައްސަލަ ހައްލު ކުރައްވާނެ ކަމަށް ވިދާޅުވެ ޓްރަމްޕް ވާހަކަ ދައްކަވާފައިވާއިރު، މިއީ އެމެރިކާއާ ގާތް ގުޅުމެއް ބާއްވަން ބޭނުންވާ ޕާކިސްތާންގެ ސިޔާސީ އަދި އަސްކަރީ އިސްވެެރިންނަށް ލިބިގެން ދާނެ އިތުރު ހިތްވަރެއް ކަމަށް މާާހިރުން ވަނީ ފާހަގަ ކޮށްފަ އެވެ. މިއަހަރުގެ ކުރީ ކޮޅު ޕާކިސްތާން އާއި އިންޑިއާއާ ދެމެދު އުފެދުނު ނުތަނަވަސްކަން ޙައްލު ކުރުމަށް ޓްރަމްޕް އަދާ ކުރެއްވި ދައުރަށް ޕާކިސްތާން އިން ވަނީ ތައުރީފު ވެސް ކޮށްފަ އެވެ.