Advertisement
ކ. މާލެ
|
20 ނޮވެންބަރ 2025 | ބުރާސްފަތި 13:29
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަދި ޖިންސީ ކުށްވެރިޔާ ޖެފްރީ އެޕްސްޓީން
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަދި ޖިންސީ ކުށްވެރިޔާ ޖެފްރީ އެޕްސްޓީން
އެގްސިއޯސް
ޖެފްރީ އެޕްސްޓީން ފައިލް
ޖިންސީ ކުށްވެރިޔާ އެޕްސްޓީންގެ ފައިލްތައް އާންމު ކުރުމަށް ޖަސްޓިސް ޑިޕާޓްމަންޓަށް އަމުރުކުރާ ބިލު ޓްރަމްޕް ތަސްދީގު ކުރައްވައިފި
މަރުވި ޖިންސީ ކުށްވެރިއެއް ކަމަށްވާ ޖެފްރީ އެޕްސްޓީންއާއި ގުޅުންހުރި ހުރިހާ ފައިލްތައް 30 ދުވަހުގެ ތެރޭގައި ރިލީޒް ކުރުމަށް އަމުރު ކުރާ ބިލު ރައީސް ޓްރަމްޕް ވަނީ ތަސްދީގު ކުރައްވާފައި އެވެ. ބިލު ތަސްދީގު ކުރިޔަސް، ޕްރައިވަސީއަށް އަރައިގަތުން ނުވަތަ ހިނގަމުންދާ ތަހުގީގަކާ ގުޅުން ހުރި ނަމަ ބައެއް ބައިތައް އަދިވެސް ފޮރުވިދާނެ ކަމަށް ބެލެވޭތީ، ފައިލްތަކުގެ ފުރިހަމައަށް އާންމު ކުރާނެ ކަމެއް ޔަގީނެއް ނޫނެވެ.

ޖިންސީ ކުށްވެރިޔާ ޖެފްރީ އެޕްސްޓީންގެ ފައިލްތައް ހާމަކުރުމަށް ޖަސްޓިސް ޑިޕާޓްމަންޓަށް އަމުރުކުރާ ބިލު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ތަސްދީގު ކުރައްވައިފި އެވެ.

ބިލު ތަސްދީގު ކުރީ ބުދަ ދުވަހު އެވެ. އެކަމާއި ގުޅިގެން ޓްރަމްޕް ބުދަ ދުވަހު އިއުލާން ކުރެއްވީ، ޖިންސީ ކުށްވެރިއާ ޖެފްރީ އެޕްސްޓީންއާ ގުޅުންހުރި ހުރިހާ ފައިލްތައް ހާމަކުރުމަށް ކުރުމަށް އަމުރު ކުރާ ބިލު ތަސްދީގު ކުރައްވާފައިވާ ކަމަށެވެ. އެ ބިލުން ޖަސްޓިސް ޑިޕާޓްމަންޓަށް ބާރު އަޅަނީ އެޕްސްޓީންގެ ތަހުގީގުން ލިބިފައިވާ ހުރިހާ މައުލޫމާތެއް "ސާރޗް ކުރެވޭ އަދި ޑައުންލޯޑް ކުރެވޭ ފޯމެޓެއްގައި" 30 ދުވަހުގެ ތެރޭގައި އާންމު ކުރުމަށެވެ.

ޓްރަމްޕް ކުރިން ފައިލްތައް ރިލީޒް ކުރުމަށް ދެކޮޅު ހެއްދެވި ނަމަވެސް، އެޕްސްޓައިންގެ ޝިކާރައަކަށް ވި މީހުންނާއި ޓްރަމްޕުގެ އަމިއްލަ ޕާޓީ ރިޕަބްލިކަންގެ މެމްބަރުންގެ ފަރާތުން ފާޑުކިޔުންތަކާ ކުރިމަތިވުމުން ފާއިތުވި ހަފްތާގައި ވިސްނުން ބަދަލު ކުރެއްވިއެވެ. ޓްރަމްޕުގެ ތާއީދާއެކު، ގާނޫނު ހަދާ މަޖިލީހުގެ ހައުސް އޮފް ރެޕްރެޒެންޓޭޓިވްސް އާއި ސެނެޓުން، އަންގާރަ ދުވަހު ވަރަށް ބޮޑު އަޣުލަބިއްޔަތަކުން މި ބިލު ފާސް ކުރި އެވެ.

ބުދަ ދުވަހު ޓްރުތް ސޯޝަލްގައި ކުރެއްވި ޕޯސްޓެއްގައި، ޓްރަމްޕު ތުހުމަތު ކުރެއްވީ، ޑިމޮކްރެޓުން މި މައްސަލަ ނެގީ އޭނާގެ ސަރުކާރުގެ ކާމިޔާބީތަކަށް ސަމާލުކަން ހުއްޓުވުމަށެވެ. ހައުސްގެ ގާނޫނު ހަދާ މެމްބަރުން މި ގާނޫނު ފާސް ކުރީ 427 ވޯޓުންނެވެ. ސެނެޓަށް އެ ބިލު ލިބުމުން އެއްބަސްވެ ފާސް ކުރުމަށް އިއްތިފާގުން ރުހުން ދިނެވެ. އެޕްސްޓީންގެ އެސްޓޭޓުން ލިބުނު ވަރަގަދަ 20،000 ސަފުހާގެ ލިޔެކިޔުންތައް، އޭގެ ތެރޭގައި ޓްރަމްޕްގެ ނަން ސީދާ ބަޔާން ކުރާ ބައެއް ލިޔެކިޔުންތައް ވެސް ފާއިތުވި ހަފްތާގައި އާންމު ކޮށްފައިވެ އެވެ. އެ ލިޔެކިޔުންތަކުގައި 2018 ގައި އެޕްސްޓީން ފޮނުވި މެސެޖްތަކުގައި ވަނީ "އަހަރެންނަކީ އޭނާ ވައްޓާލަން ކެރޭ މީހާ" އަދި "ޑޮނަލްޑް ކިހާ ގޯސް ކަމެއް ކަން އަހަންނަށް އެނގޭ" ކަމަށް ބުނެފައިވާ މެސެޖްތައް ހިމެނެ އެވެ.

ޓްރަމްޕް އެޕްސްޓީންގެ ރަހުމަތްތެރިއެއްގެ ގޮތުގައި ގިނަ އަހަރުތަކެއް ވަންދެން ހުންނެވި ނަމަވެސް، ޓްރަމްޕް ވިދާޅުވެފައިވަނީ އެޕްސްޓީން ފުރަތަމަ ފަހަރަށް ހައްޔަރު ކުރުމުގެ ދެ އަހަރު ކުރިން، 2000 ގެ އަހަރުތަކުގެ ކުރީކޮޅު އެދެމީހުންގެ ގުޅުން ކެނޑިފައިވާ ކަމަށެވެ. އެޕްސްޓީން އާއި ގުޅިގެން އެއްވެސް ގޯސް ކަމެއް ކޮށްފައިވާ ކަމަށް ޓްރަމްޕް ވަނީ އިންކާރު ކުރައްވާފަ އެވެ. ހޯމަ ދުވަހުގެ ރޭ ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވީ ރިޕަބްލިކަނުންނާއި އެޕްސްޓީން އާއި "އެއްވެސް ގުޅުމެއް ނެތް" ކަމަށެވެ. "މިއީ ހަގީގަތުގައި ޑިމޮކްރެޓުންގެ މައްސަލައެއް،" ކަމަށް ޓްރަމްޕް ވިދާޅުވި އެވެ. އަދި ޑިމޮކްރެޓުންނަކީ އެޕްސްޓީންގެ ރަހުމަތްތެރިން، އެ ހުރިހާ މީހުން ހިމެނޭ ކަމަށް ޓްރަމްޕް ވަނީ ވިދާޅުވެފަ އެވެ.

ރައީސްގެ ސޮއި ލިބިފައިވިޔަސް، އެޕްސްޓީންގެ ފައިލްތައް އެއްކޮށް ހާމަ ކުރާނެ ކަމެއް ޔަގީނެއް ނޫނެވެ. ބިލުގެ ލިޔުމަށް ބަލާއިރު، އަމިއްލަ ޕްރައިވަސީއަށް އަރައިގަތުން ކަމަށް ނުވަތަ ހިނގަމުންދާ ތަހުގީގަކާ ގުޅުން ހުރި ކަމަށް ބެލެވޭ ނަމަ، ބައެއް ބައިތައް އަދިވެސް އާންމު ނުކުރެވޭނެ އެވެ. ބިލު އެކުލަވާލި ފަރާތްތަކުގެ ތެރެއިން، ރިޕަބްލިކަން ކޮންގްރެސް މެމްބަރު ތޯމަސް މެސީ ވިދާޅުވީ ބައެއް ފައިލްތައް ފޮރުވުމާ ގުޅޭ ގޮތުން ކަންބޮޑުވުންތައް ހުރި ކަމަށެވެ. އޭނާ ބުނީ ކަންބޮޑުވަނީ [ޓްރަމްޕް] ތަޙުޤީޤުތައް ފަށަން، އަދި އެ ތަޙުޤީޤުތައް ބޭނުންކުރަނީ ފައިލްތައް ހާމަ ނުކުރުމަށް ކަމަށް ވެދާނެ ކަމަށެވެ.

- ކޮމެންޓް