ރަޝިއާއާ އެކު "ހަނގުރާމަ ނިންމުމުގެ މަޝްވަރާކުރުމަށް" ޕެންޓަގަންގެ އިސް އޮފިޝަލުން ޔުކްރެއިންއަށް ވަޑައިގެންފައިވާކަމަށް އެމެރިކާގެ ސިފައިންގެ ބާރުތަކުން ބުނެފި އެވެ.
އެމެރިކާ ގެ އާމީ ސެކްރެޓަރީ ޑޭން ޑްރިސްކޯލް ގެ ބެއްލެވުމު ގެ ދަށުން ހިންގާ ޓީމަކުން ބުރާސްފަތި ދުވަހު ކީވްގައި ޔުކްރެއިން ގެ ރައީސް ވޮލޮޑިމިއާ ޒެލެންސްކީއާ ބައްދަލުކުރުމަށް ލަފާކުރެވެނީ އޭނާ ތުރުކީއަށް ކުރެއްވި ދަތުރުފުޅުން އަނބުރާ ވަޑައިގަންނަވާ އިރު ގަ އެވެ. އޭގެ ކުރިން، އެމެރިކާ އާއި ރަޝިއާ އިން ޔުކްރެއިން ގެ ބޮޑެތި ނުތަނަވަސްކަން ހިމެނޭ އައު ސުލްހައި ގެ ޕްލޭނެއް ތައްޔާރުކޮށްފައިވާކަމުގެ ރިޕޯޓުތައް ފެންމަތިވާން ފެށި އެވެ. އެމެރިކާ އާއި ރަޝިއާ އިން އެ ޕްލޭނަށް ރަސްމީކޮށް އެއްބަސްވެފައި ނުވެ އެވެ. އަދި ބުދަ ދުވަހު، ޔުކްރެއިން ގެ ހުޅަނގު ސިޓީއެއް ކަމަށްވާ ޓާނޮޕިލް އަށް ރަޝިއާއިން ދިން މިސައިލާއި ޑްރޯން ހަމަލާއެއްގައި މަދުވެގެން 25 މީހުން މަރުވެފައި ވާކަމަށް އެތަނުގެ އޮފިޝަލުން ބުނެ އެވެ.
ކީވްގައި، ޑްރިސްކޯލް އާއެކު ހިމެނެނީ އެމެރިކާގެ އާމީގެ ޗީފް އޮފް ސްޓާފް ޖެނެރަލް ރޭންޑީ ޖޯޖް، ޔޫރަޕްގައި ހުންނަ އެމެރިކާގެ އިސް އާމީ ކޮމާންޑަރު ޖެނެރަލް ކްރިސް ޑޮނަހިއު، އަދި އާމީގެ ސާޖަންޓް މޭޖަރު މައިކަލް ވައިމަރު އެވެ. "ސެކްރެޓަރީ ޑްރިސްކޯލް އަދި ޓީމު ކީވްއަށް ވަޑައިގެންފައިވަނީ ސަރުކާރު ގެ ފަރާތުން ޔުކްރެއިން ގެ އޮފިޝަލުންނާ ބައްދަލުކޮށް ހަނގުރާމަ ނިންމުމުގެ މަސައްކަތްތައް މަޝްވަރާކުރުމަށް ހަގީގަތްތައް ހޯދުމުގެ މިޝަނެއްގައި" ކަމަށް އާމީ ތަރުޖަމާނު ކާނަލް ޑޭވިޑް ބަޓްލަރު ގެ ބަޔާނެއްގައި ވިދާޅުވެފައިވެ އެވެ.
ބުދަ ދުވަހުގެ ފަހުގެ ވަގުތެއްގައި ޑްރިސްކޯލް ޔުކްރެއިން ގެ ޑިފެންސް މިނިސްޓަރު ޑެނިސް ޝްމިހާލްއާ މަޝްވަރާކުރި އެވެ. ޑްރިސްކޯލް އަދި ޖެނެރަލް ޖޯޖަކީ ރައީސް ޑޮނަލްޑް ޓްރަމްޕް ޖެނުއަރީގައި ވެރިކަމަށް ވަޑައިގެންނެވި ފަހުން ޔުކްރެއިން ގެ ވެރިރަށް ކީވްގައި މަޝްވަރާކުރި އެންމެ އިސް އެމެރިކާ ގެ ސިފައިންގެ އޮފިޝަލުންނެވެ. އެމެރިކާ އިން އައި ވަފުދާ އެކު މަޝްވަރާ ކުރަނީ ކޮން މައްސަލަތަކާ ބެހޭގޮތުން ކަމެއް ޔުކްރެއިން ގެ އޮތޯރިޓީތަކުން އާންމުކޮށް ކޮމެންޓެއް ކޮށްފައެއް ނުވެ އެވެ. ނަމަވެސް، ޔުކްރެއިންގެ އެއް އޮފިޝަލަކު ސީބީއެސް އަށް ވިދާޅުވީ ފޯކަސް ކުރާނީ ސިފައިންގެ ހާލަތާ މެދު ކަމަށެވެ.
ނަން ހާމަނުކުރާ އެ އޮފިޝަލް ވިދާޅުވީ "ރައީސް ޒެލެންސްކީ އަދި ޓްރަމްޕް ކުރިން އެއްބަސްވެފައިވަނީ މިހާރު ހުރި ހަނގުރާމައިގެ ލައިންތަކުގައި ހަނގުރާމަ ހުއްޓުވުމަށް، އަދި ސެކިއުރިޓީ ގެރެންޓީތައް ދިނުމާ ބެހޭގޮތުން އެއްބަސްވުމަށް އައުމަށް" ކަމަށެވެ. މިއީ ހަނގުރާމަ ނިންމުމަށް އެމެރިކާ އާއި ރަޝިއާ އިން ހުށަހަޅާފައިވާ ގޮތް ކަމަށް ގިނަ އަދަދެއްގެ މީޑިއާތަކުން ރިޕޯޓުކުރަމުންދާ ދަނޑިވަޅެއްގައެވެ.
ކަމާއި ގުޅުން ހުރި ފަރާތްތަކާއި ހަވާލާދީ، އެކްސިއޯސް، ފިނޭންޝަލް ޓައިމްސް އަދި ރޮއިޓާސް ރިޕޯޓުކުރީ، ޕްލޭންތަކުގައި ކީވްއިން ބައެއް ސަރަހައްދުތަކާއި ހަތިޔާރުތައް ދޫކޮށްލުމަށާއި، އަދި ޔުކްރެއިންގެ އާމްޑް ފޯސަސް ވަރަށް ބޮޑަށް ކުޑަކުރުމަށް ގޮވާލާ ކަމަށެވެ. ޓްރަމްޕްގެ ސްޕެޝަލް އެންވޯއި ސްޓީވް ވިޓްކޮފް އަދި ރަޝިއާގެ ލީޑަރު ވްލަޑިމިއާ ޕުޓިންގެ އެންވޯއި ކިރިލް ޑިމިޓްރިއެވް 28 ޕޮއިންޓުގެ ސުލްހައިގެ ޕްލޭން އެކުލަވާލުމުގައި ބައިވެރިވެފައިވާކަމަށް ގަބޫލުކުރެވެ އެވެ. ބީބީސީން ވައިޓް ހައުސް އަދި ވިޓްކޮފްގެ ތަރުޖަމާނަކަށް ކޮމެންޓަށް އެދިފައިވެއެވެ.
ކްރެމްލިންގެ ތަރުޖަމާނު ޑިމިޓްރީ ޕެސްކޯވް ވިދާޅުވީ މި މައްސަލާގައި، އިތުރު އައު ކަންކަމެއް ނެތް ކަމަށެވެ. އެމެރިކާ ގެ އަލާސްކާ ސްޓޭޓްގައި ޕުޓިން އަދި ޓްރަމްޕް ބައްދަލުކުރެއްވި އެއް ދުވަހުގެ ބައްދަލުވުމުގައި ވެވުނު އެއްވެސް އެއްބަސްވުމެއް އާންމުކޮށްފައެއް ނުވެ އެވެ.