Advertisement
ކ. މާލެ
|
21 އޮކްޓޯބަރ 2025 | އަންގާރަ 11:08
އީރާންގެ ރޫހާނީ ލީޑަރު ޚާމަނާއީ އަދި އެމެރިކާގެ ރައީސް ޓްރަމްޕް
އީރާންގެ ރޫހާނީ ލީޑަރު ޚާމަނާއީ އަދި އެމެރިކާގެ ރައީސް ޓްރަމްޕް
ރޮއިޓަރސް
އީރާން-އެމެރިކާ
ޚާމަނާއީ ޓްރަމްޕް އަށް: ހުވަފެން ބެލުމުގައި ހުރޭ
ޚާމަނާއީގެ ރަސްމީ ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓުގައި ޓްރަމްޕް އަށް ނިސްބަތް ކުރައްވައި ވިދާޅުވެފައި ވަނީ، ހުވަފެން ބެލުމުގައި ކުރިއަށް ދިޔުމަށެވެ. އަދި ހަމަ އެހެންމެ، އީރާންގެ ނިއުކްލިއާ ޕްރޮގްރާމްއާ ގުޅޭ ގޮތުން ވާހަކަ ދެއްކުމުގެ އެއްވެސް ހައްގެއް އެމެރިކާ އަށް ލިބިގެން ނުވާ ކަމަށް ވެސް ޚާމަނާއީ ވަނީ ވިދާޅުވެފަ އެވެ.

އީރާންގެ ނިއުކްލިއާ މަރުކަޒުތައް ހަލާކު ކޮށްލާފައިވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވަމުން ގެންދަވާއިރު، އެއީ ދޮގެއް ކަމަށާއި، ހުވެން ބެލުމުގައި ޓްރަމްޕް ހުންނެވުމަށް އީރާންގެ ރޫޙާނީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ ވިދާޅުވެއްޖެ އެވެ.

ޚާމަނާއީ މިހެން ވިދާޅުވެފައި ވަނީ އެކަމާ ގުޅިގެން ޓްރަމްޕް ދައްކަވަމުން ގެންދަވާ ވާހަކަ ތަކަށް ރައްދު ދެއްވަމުންނެވެ. އެގޮތުން މިއަހަރުގެ ޖޫން މަހުގެ ތެރޭގައި އެމެރިކާ އިން އީރާންގެ ނިއުކްލިއާ މަރުކަޒުތަކަށް ހަމަލާ ދިނުމަށް ފަހު، އެ ތަންތަން ހަލާކު ކޮށްލާފައިވާ ކަމަށް ޓްރަމްޕް ދައްކަވާ ވާހަކަ ތަކަކީ ހުސް ދޮގު ވާހަކަ ތަކެއް ކަމަށް ޚާމަނާއީ ވަނީ ވިދާޅުވެފަ އެވެ.

ޚާމަނާއީގެ ރަސްމީ ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓުގައި ޓްރަމްޕް އަށް ނިސްބަތް ކުރައްވައި ވިދާޅުވެފައި ވަނީ، ހުވަފެން ބެލުމުގައި ކުރިއަށް ދިޔުމަށެވެ. އަދި ހަމަ އެހެންމެ، އީރާންގެ ނިއުކްލިއާ ޕްރޮގްރާމްއާ ގުޅޭ ގޮތުން ވާހަކަ ދެއްކުމުގެ އެއްވެސް ހައްގެއް އެމެރިކާ އަށް ލިބިގެން ނުވާ ކަމަށް ވެސް ޚާމަނާއީ ވަނީ ވިދާޅުވެފަ އެވެ. މީގެ ކުރިން ވެސް ޚާމަނާއީ ވަނީ އެކި ފަހަރު މަތިން ޓްރަމްޕް އަށް ރައްދު ދެއްވައިފަ އެވެ.

މިދިޔަ ޖޫން މަހު އެންމެ ފުރަތަމަ އީރާން އަށް އަމާޒުކޮށް ހަމަލާ ދިނީ އިސްރާއީލް އިންނެވެ. އޭގެ ރައްދުގައި އީރާން އިން އިސްރާއީލް އަށް ހަމަލާ ދީފައިވާއިރު، ދެ ޤައުމުގެ ދެ މެދުގައި 12 ދުވަހުގެ މުއްދަތަކަށް ހަމަލާ ބަދަލު ކުރުން ކުރިއަށް ދިޔަ އެވެ. އެ ހަމަލާ ތަކުގެ ވަކި ހިސާބަކުން އެމެރިކާ އިން ވަނީ އެކަމުގެ ތެރެއަށް ވަދެ، އީރާން އަށް ހަމަލާ ދީފަ އެވެ.

މިދިޔަ ހަފުތާގެ ތެރޭގައި ޓްރަމްޕް ވަނީ އިސްރާއީލް އަށް ވަޑައިގެން، އެ ޤައުމުގެ ޤާނޫނު ހަދާ މަޖިލީހުގައި ވާހަކަ ދައްކަވައިފަ އެވެ. އެ ވާހަކަތައް ދައްކަވަމުން ޓްރަމްޕް ވިދާޅުވެފައި ވަނީ އެމެރިކާ އިން އީރާންގެ ނިއުކްލިއާ މަރުކަޒުތަކަށް އަމާޒުކޮށް ގިނަ ހަމަލާ ތަކެއް ދީފައި ވާނެ ކަަމަށާއި، އެ ހަމަލާ ތަކުގައި އެ މަރުކަޒުތައް އެއްކޮށް ހަލާކު ކޮށްލާފައި ވާނެ ކަމަށެވެ.

އެމެރިކާ އިން އީރާންގެ އަސްކަރީ މަރުކަޒު ތަކަށް ހަމަލާ ދިން ނަމަވެސް، އެކަމުގެ ސަބަބުން އެ މަރުކަޒު ތަކަށް ލިބުނު ގެއްލުން ސާފެއް ނުވެ އެވެ. އެމެރިކާގެ ޕެންޓަގަން އިން ބުނެފައި ވަނީ، އެ ހަމަލާ ތަކުގެ ސަބަބުން އީރާންގެ ނިއުކްލިއާ ޕްރޮގްރާމް އެއް އަހަރު، ނުވަތަ ދެ އަހަރުގެ މުއްދަތަކަށް ފަސްޖެހިފައިވާ ކަމަށެވެ. ނަމަވެސް، އެމެރިކާ އިން ތައްޔާރު ކުރި އިންޓެލިޖެންސް ރިޕޯޓެއް ލީކުވެފައިވާއިރު، އޭގައި ބަޔާން ކޮށްފައި ވަނީ ލަސް ވުމުގެ އެންމެ ދިގު މުއްދަތަކީ މަސް ދުވަސް ކަމަށެވެ.

ޓްރަމްޕްގެ ވާހަކަތަކާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން އިތުރަށް ޚާމަނާއީ ވިދާޅުވެފައި ވަނީ، އެ ވާހަކަ ތަކަކީ އެކަށީގެން ނުވާ ވާހަކަ ތަކެއް ކަމަށާއި، އެއީ ބިރު ދެއްކުމުގެ ވާހަކަ ތަކެއް ކަމަށެވެ. އެކި ފަހަރު މަތިން އީރާންއާ ގުޅޭ ގޮތުން ޓްރަމްޕް ވާހަކަ ދައްކަވާފައިވާއިރު، މީގެ ކުރިން ޚާމަނާއީ ވިދާޅުވެފައި ވަނީ އެމެރިކާގެ ކުރިމަތީގައި އީރާން އިން ބޯ ގުދު ނުކުރާނެ ކަމަށެވެ.

އީރާން އާއި އެމެރިކާއާ ދެމެދު ނިއުކްލިއާ މަޝްވަރާތައް ފަށާފައި ވަނީ މިއަހަރުގެ އޭޕްރީލް މަހުގެ ތެރޭގަ އެވެ. ނަމަވެސް، ޖޫން މަހު ފެށުނު ހަމަލާ ބަދަލު ކުރުންތަކާ އެކު އެ މަޝްވަރާތައް ވެސް ވަނީ މަޑު ޖެހިފަ އެވެ. އޭރު ވަނީ ފަސް ބުރެއްގެ މަތިން މަޝްވަރާތައް ކުރިއަށް ގެންގޮސްފަ އެވެ.

މަޝްވަރާތައް އަލުން ފެށުމަށް މަސައްކަތް ކުރަމުން އައި ނަމަވެސް، އީރާން އިން ވަނީ އެކަމާ ދެކޮޅު ހަދައިފަ އެވެ. އެގޮތުން އީރާން އިން ބުނެފައި ވަނީ އަލުން ހަމަލާތައް ނުދޭނެ ކަމުގެ ޔަގީންކަން އެމެރިކާ އިން ނުދޭ ނަމަ، އިތުރު މަޝްވަރާތައް ނުކުރާނެ ކަމަށެވެ.

މަސްދަރު: އަލް އަރަބިއްޔާ
- ކޮމެންޓް