އިސްރާއީލް އިން ޣައްޒާ ގައި ހިންގަމުން އައި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވެ، އެއްބަސްވުން ޤާއިމު ކޮށްފައިވާއިރު، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ޚާއްސަ މަންދޫބު ސްޓީވް ވިކޮޓޮފް އަދި ޓްރަމްޕްގެ ދަނބި ދަރިކަލުން ޖެރާޑް ކުޝްނާ އިސްރާއީލް އަށް ވަޑައިގެންފި އެވެ.
އެމެރިކާގެ އެމްބަސީ އިން ހާމަ ކޮށްފައިވާ ގޮތުގައި ވިކްޓޮފް އާއި ކުޝްނާ އިސްރާއީލް އަށް ވަޑައިގެންފައި ވަނީ ހޯމަ ދުވަހުގެ ވަގުތެއްގަ އެވެ. މި ދެ ބޭފުޅުންނަކީ އިސްރާއީލް އިން ޣައްޒާގައި ހިންގަމުން އައި ހަނގުރާމަ ހުއްޓުމަށް އެއްބަސްވުން ޤާއިމު ކުރުމުގެ މަސައްކަތް ކުރަމުން އައިއިރު، ޓްރަމްޕްގެ ފަރާތުން އެންމެ އިސްކޮށް އެކަން ވިލަރެސް ކުރި ދެ ބޭފުޅުންނެވެ.
ވިކްޓޮފް އާއި ކުޝްނާ އިސްރާއީލް އަށް ކުރައްވާ މި ދަތުރުފުޅުގައި އިސްރާއީލްގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫއާ ވެސް ބައްދަލު ކުރައްވާނެ ކަމަށް ރިޕޯޓުތައް ބުނެ އެވެ. މީގެ އިތުރުން އިސްރާއީލް ސަރުކާރުގެ އިސްވެރިންނާ ވެސް ބައްދަލު ކުރައްވައި، މަޝްވަރާ ކުރުންތައް ކުރިއަށް ގެންދާނެ ކަމަށް ވެސް ބުނެފައިވެ އެވެ.
މި ދަތުރަކީ ޣައްޒާގެ ހަނގުރާމަ ހުއްޓާލުމަށް ވެވުނު އެއްބަސްވުމާ ގުޅިގެން ކުރިއަށް ގެންދަން ޖެހޭ އިތުރު މަޝްވަރާތަކަށް މަގު ފަހި ކުރުމަށް ކުރެވޭ ދަތުރެއް ކަމަށް ސަރަހައްދުގެ ސިޔާސީ މާހިރުން ވަނީ ބުނެފަ އެވެ. އަދި މި ދަތުރުގައި ސަރަހައްދުގެ ސުލްހަ އާއި ސަލާމަތާ ގުޅޭ އެހެނިހެން މުހިންމު މައްސަލަތަކާ ގުޅޭ ގޮތުން ވެސް މަޝްވަރާ ކުރެވޭނެ ކަމަށް ބެލެވެ އެވެ.
ވިކްޓޮފް އާއި ކުޝްނާގެ މި ދަތުރާ ގުޅޭ ގޮތުން އެމެރިކާ ސަރުކާރުން މިހާތަނަށް ވަކި އެއްޗެއް ހާމަ ކޮށްފައި ނުވެ އެވެ.